ދައުލަތުގެ މި އަހަރުގެ ބަޖެޓުން ޖަމިއްޔާތަކަށް ދޫކުރުމަށް ނިންމާފައިވާ 15 މިލިއަން ރުފިޔާ ދޫކުރުމަށް ރައްޔިތުން މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އިން ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެގޮތަށް ފާސްކޮށްފައި ވަނީ މަޖިލީހުގެ ކޮމިޓީގެ އިސްލާހަކާ އެކު އެވެ. މާލިއްޔަތު ކޮމިޓީ އިން ހުށަހަޅާފައިވާ އިސްލާހަކީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ކޮންމެ ޖަމިއްޔާއަކަށް ދިނުމަށް ހުށަހަޅާފައިވާ އަދަދު ހަތަރު ލައްކަ ރުފިޔާ އިން ދެ ލައްކަ ރުފިޔާއަށް ކުޑަކޮށްފައި އެ ފައިސާ ބެހުމަށެވެ. މި އިސްލާހު ހުށަހަޅާފައި ވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު އަހްމަދު ނާޝިދު އެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި ގިނަ މެންބަރުން ވިދާޅުވީ މި މައްސަލައާއި މެދު ސަބް ކޮމިޓީގެ އިތުރުން ކޮމިޓީގެ އެތަށް ބައްދަލުވުންތަކެއް ބޭއްވުނު ކަމަށާއި ނަމަވެސް ކޮމިޓީ މަރުހަލާގައި މައްސަލަ ހައްޔަރުވެފައިވާ ކަމަށެވެ.
އެގޮތުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ މައްސަލަ ދިރާސާ ކުރެއްވި ސަބް ކޮމިޓީގެ މެންބަރުންނަކީ އެކި ޕާޓީތަކުގެ މައްޗަށް އެކުލެވިފައިވާ ކޮމިޓީއަކަށް ވުމުގެ ސަބަބުން މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅިފައި ނުވާ ކަމަށެވެ. އަދި މައްސަލަ ދިރާސާކުރެއްވި ސަބް ކޮމިޓީގެ މަސައްކަތާއި މެދު ރިޔާޒް ސުވާލު އުފެއްދެވި އެވެ. މި މައްސަލައިގައި އަމަލުކުރާނޭ ގޮތެއް ކަނޑައެޅުމަށް އަލުން ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަށް ފޮނުވުމަށް ރިޔާޒް ވަނީ ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ.
ކޮމިޓީގެ މުގައްރިރު އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ޖުމްލަ ގޮތެއްގައި ހުށަހެޅިފައިވާ ބިލަށް ގެނެވިފައި ވަނީ މަދު އިސްލާހުތަކެއް ކަމަށާއި ހިޔާލު ތަފާތުވެފައިވަނީ ފައިސާ ދިނުމުގައި ޕްރޮޕޯސަލް ދިރާސާކުރާ މިނިސްޓްރީގެ ޕެނަލުން އަމަލުކުރާ ޕޮއިންޓް ދިނުމުގެ ސިސްޓަމާއި މެދު ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރު އަހްމަދު ނާޝިދު ދެއްކެވި ވާހަކަފުޅުގައި ޕޮއިންޓް ދިނުމުގައި އަމަލުކުރަންވީ ސިސްޓަމްގައި ލާޒިމްކުރާ ޕްރޮޕޯސަލްގެ ސަބަބުން އެ ފައިސާ ލިބެންވާ ފަރާތް ނޫން އެހެން ފަރާތަކަށް ލިބުމަށް ހުރަސްތަކެއް އެޅިދާނެކަމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވި އެވެ. "ޕްރޮޕޯސަލް ލިޔުމަށް ކޮންސަލްޓަންޓެއްގެ އެހީ ހޯދައިގެން ލިޔާ ޕްރޮޕޯސަލަކީ ފަހަރުގައި އެންމެ ކާމިޔާބު ޕްރޮޕޯސަލަކަށް ނުވެ ހިނގައިދާނެ،" ނާޝިދު ވިދާޅުވި އެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ ޖަމިއްޔާތަކަށް ފައިސާ ދޫކުރުމުގައި އިސްކަންދީފައި އަދި އިސްކަންދޭންވާނީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް ހާއްސަކޮށް ރަށްރަށަށް ތަރައްގީ ގެނައުމަށް ކަމަށެވެ. އަދި މި މައްސަލައިގައި ހޯމް މިނިސްޓްރީ އިން ވިދާޅުވެފައި ވަނީ ފައިސާ ބެހުމުގައި ކަނޑައަޅުއްވާ ކޮންމެ އުސޫލަކާއި މެދު މިނިސްޓްރީގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ. އެހެންކަމުން، ހުރިހާ ޖަމިއްޔާތަކަށް މި ފައިސާ އަށް އެދުމުގެ ފުރުސަތު ލިބެންވާނޭ ކަމަށާއި ހަރުކަށި އުސޫލުތަކެއް ގެންގުޅެންވެއްޖެނަމަ، މި ފައިސާ އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމުގެ ފުރުސަތު ގެއްލިގެންދާނޭ ކަމުގެ ފުރުސަތު އެބައޮތް ކަމަށް މެންބަރު އާމިރު ވަނީ ފާހަގަކުރައްވާފަ އެވެ.
އާމިރު އިތުރަށް ވިދާޅުވީ މި މައްސަލައިގައި ހޯމް މިނިސްޓްރީގެ އިތުރުން އެތަށް ޖަމިއްޔާތަކާއި ބައްދަލުކުރެވިފައިވާނޭ ކަމަށާއި މި މައްސަލަ ކޮމިޓީ މަރުހަލާގައި ބޭއްވުމުގެ މާނަ އެއް ނެތް ކަމަށެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމް އަށް ނިސްބަތްވެ ވަޑައިގަންނަވާ ގިނަ މެންބަރުން ތާއީދުކުރެއްވީ ރިޔާޒް ރަޝީދު ވިދާޅުވި ގޮތަށް މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ސަބް ކޮމިޓީއަކަށް ފޮނުވުމަށެވެ. ނަމަވެސް މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ލިބުނީ އެންމެ ހަތަރު ވޯޓެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ފިޔަވާ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަމިއްޔާތަކަށް ފައިސާ ދޫކުރަން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ