ތިނަދޫގައި އަވިން ހަކަތަ އުފައްދާ ނިޒާމް ކަރަންޓު ވިއުގައަށް ގުޅާލައިފި

ގދ. ތިނަދޫގައި އަވިން ހަކަތަ އުފައްދާ 308 ކިލޯވޮޓްގެ ނިޒާމެއް ކަރަންޓު ވިއުގައަށް މިއަދު ގުޅާލައިފި އެވެ.
ތިނަދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކަރަންޓް ވިއުގަ ގުޅާލަދިނުން ފައްޓަވައި ދެއްވީ މިނިސްޓަ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހިމް އެވެ.
މިއީ ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކްލީން އެނާޖީ ފޯ ކްލައިމެޓް މިޓިގޭޝަން މަޝްރޫއުގެ ދަށުން ނިމިގެން ދިޔަ މަސައްކަތެކެވެ. މިމަސައްކަތް ކުރުމަށް ޗައިނާގެ ސީއީސީއީޕީ އޮއޭސިސް ނިއު އެނާޖީއާއި ހަވާލުކުރެވިފައިވަނީ 31 މާޗް 2013 ގައެވެ.
މިމަޝްރޫއުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ތިނަދޫ ގައި އަވިން ކަރަންޓް އުފައްދާ 308 ކިލޯ ވޮޓްގެ ނިޒާމެއް ގާއިމްކުރުމާއި، ހަކަތަ މަދުން ބޭނުންކުރާ އާލާތްތައް ތައާރަފްކުރުމާއި ތިނަދޫގެ ކަރަންޓުގެ ނިޒާމު ޕްލޭންކުރުމާއި އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރުމަށް ބޭނުންކުރެވިދާނެ އިތުރު ވަސީލަތްތަކަކީ ކޮބައިތޯ ބެލުމާއި، އެނާޖީ ކޮންޒަވޭޝަން އަދި އެނާޖީ އެފިޝެންސީގެ ދާއިރާއިން މީހުން ބިނާކުރުން ހިމެނޭ ކަމަށް މިނިސްޓަ ތޯރިގު ވިދާޅުވި އެވެ.
މިއީ ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑްގެ ދަށުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އޮސްޓްރޭލިޔާ ސަރުކާރުގެ ހިލޭއެހީގައި ކުރިއަށް ގެންދެވޭ 39 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ތިނަދޫގެ ކަރަންޓު ވިއުގައަށް މިއަދު މިގުޅާލެވުނީ އެރަށުގެ ތިން އިމާރާތެއްގައި ގާއިމުކުރެވިފައިވާ 308 ކިލޯވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާ،މް ތަކެކެވެ. މިގޮތުން ތިނަދޫ އިންޖީނުގޭގައި 43 ކިލޯވޮޓު، އަބޫބަކުރު ސްކޫލްގައި 129 ކިލޯވޮޓު އަދި ތިނަދޫ ސްކޫލްގައި 136 ކިލޯވޮޓު ވަނީ ހަރުކޮށްފަ އެވެ.
ސަރުކާރުން ނިންމާފައިވަނީ އެރަށުގައި މިހާރު ގާއިމުކުރެވިފައިވާ އަވިން ހަކަތަ އުފައްދާ 308 ކިލޯވޮޓްގެ ނިޒާމަށް 250 ކިލޯވޮޓް އިތުރުކޮށް ރަށުގެ އިއާދަކުރަނިވި ހަކަތައިގެ މިންވަރު 558 ކިލޯވޮޓަށް އިތުރުކުރުމަށެވެ.
މިމަސައްކަތްކުރާނެ ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ނިންމައި އަމަލީ މަސައްކަތްކުރުމަށް ކޮންޓްރެކްޓަރާއެކު ސޮއިކުރުން މިހަފްތާ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ