މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ގަވައިދު މިއަދު ގެޒެޓް ކުރެވިފައިވާތީ މިއަދުން ފެށިގެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ފަށާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ގަވައިދު މިއަދު ގެޒެޓް ކުރުމަށްފަހު ނޫސްވެރިންނާ ބައްދަލުލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ޖުމްލަ 20 މާއްދާގެ މައްޗަށް އެކުލެވޭ މިގަވައިދަށް ކިޔަނީ "ގަސްދުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމުގައާއި އެ ކުށުގެ އަދަބު ތަންފީޒު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވައިދު" އެވެ. މިގަވައިދު އެކުލަވާލާފައިވަނީ ދިވެހިރާއްޖޭގެ ޖަލު ތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުންނެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ މި ގަވައިދު ތަންފީޒުކުރާނީ ހަމައެކަނި ގަސްދުގައި މީހަކު މެރިކަން ސާބިތުވާ މީހުންގެ މައްޗަށް އެކަނި ކަމަށެވެ. މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ހުރިހާ ކަމަކާއި އަދި ގަވައިދުގެ ނެތް ކަމެއް ދިމާވެއްޖެނަމަ އެކަމެއް ކުރާނީ ވެސް ކަރެކްޝަނަލް ސާވިސް އިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިގަވައިދުގެ ބޭނުމަކީ ގަސްުދުގައި މީހަކު މެރުމުގެ ކުށުގެ މައްސަލަތައް ތަހުގީގުކުރާ ފަރާތުންނާއި، މަރުގެ އަދަބު ތަންފީޒުކުރާ ފަރާތުން އަމަލުކުރަންޖެހޭ އުސޫލުތައް ތަފްސީލްކޮށް ބަޔާންކުރުން ކަމަށް ގަވައިދުގެ ދެވަނަ މާއްދާގެ (ހ)ގައި ބުނެ އެވެ. އަދި މިއަދަދުގެ (ށ)ގައި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާ މަރުގެ އަދަބު ތަންފީޒުކުރުމުގައި ގެންގުޅޭނެ ވަކި އިޖުރާއާތުތަކެއް ގާއިމްކުރުމަކީ ވެސް މިގަވައިދުގެ މަގުސަދެއް ކަމަށް ބުނެ އެވެ.
މިގަވައިދުގެ ތަހުގީގު ހިންގުމުގެ އިޖުރާއާތުގައި ބުނެފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ތުހުމަތު ކުރެވޭ މީހާއަށް ވަކީލަކު ހަމަޖައްސަން އެކަށީގެންވާ މުއްދަތެއް ދޭން ވާނެ ކަމަށެވެ. އޭނާއަށް ވަކީލަކު ހަމަނުޖެއްސިއްޖެނަމަ ދައުލަތުން ވަކީލަކު ހަމަޖައްސަންވާނެ ކަމަށް ވެސް ބުނެ އެވެ. އަދި ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ތަހުގީގަށް ހާޒިރުކުރުމަށްފަހު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ގަސްދުގައި މީހަކު މެރުމުގެ ތުހުމަތުކަން ފުލުހުން އޭނާއަށް އަންގަންވާނެ ކަމަށާއި އެކުށް ސާބިތުވެއްޖެނަމަ އެމީހާގެ އަދަބަކީ މެރުންކަން ފުލުހުން އަންގަންޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެ އެވެ.
މިގަވައިދުގެ ހަތަރުވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް ނޫން އެހެން ކުށެއްގައި މީހެއްގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވާ ހިސާބުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެމީހާގެ މައްޗަށް ދައުވާކުރަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގައި ނަމަ އެމައްސަލައެއް ތަހުގީގުކުރެވުނުއިރު މި ގަވައިދުގައި ބަޔާންކޮށްފައިވާ ހައްގުތައް ފުރިހަމައަށް ލިބިދީފައިނުވާނަމަ އެ މައްސަލައިގެ ތަހުގީގު އަލުން ހިންގުމަށް ޕްރޮސެކިއުޓާ ޖެނަރަލް ފުލުހުންނަަށް އަންގަންވާނެ ކަމަށެވެ.
ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާއަކީ ބިދޭސީއެއްނަމަ އޭނާއާ ކުރެވޭ ސުވާލުތައް ކިޔައިދީ އޭނާ ދައްކަން ބޭނުންވާ ވާހަކަތައް ކިޔައިދިނުމަށް ތަރުޖަމާނަކު ތަހުގީގުކުރާ ފަރާތުން އޭނާއަށް ހަމަޖައްސައިދޭންވާނެ ކަމަށް ގަވައިދުގެ ހަތަރުވަނަ މާއްދާގެ (ނ)ގައި ބުނެ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ބިދޭސީ އަކު ރާއްޖޭގައި މީހަކު ގަސްދުގައި މަރާމައިފިނަމަ އެމީހަކަށް ވެސް މިގަވައިދުގައި ބުނާ ހުރިހާ ކަމެއް ފުރިހަމަކުރުމަށްފަހު ހުކްމް ތަންފީޒުކުރެވޭނެ ކަމަށެވެ. ނަމަވެސް ރާއްޖެއާއި ބޭރުގެ ގައުމުތަކާއި ދެމެދު ކުށްވެރިން ބަދަލުކުރުމަށް ހެދޭ އެއްބަސްވުންތައް އެކުލަވާލެވޭ ގޮތުން ބިދޭސީންނަށް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމުގައި ތަފާތުވެދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިގަވައިދުގެ ހަވަނަ މާއްދާގައި ބުނެފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތަކީ ކުޑަކުއްޖެއްނަމަ އެ ތަހުގީގެއް ހިންގުމުގައި އަމަލުކުރަންވާނީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުުރުމަށް ހެދިފައިވާ ގާނޫނުތަކާއި ނުވަތަ އެ މަގުސަދު ހާސިލްކުރުމަށްޓަކައި އެހެން ގާނޫނެއްގައިވާ މާއްދާއާ ތައާރަޒުނުވާ ގޮތެއް މަތިން ކަމަށެވެ.
ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓާ ޖެނަރަލް އުފުލާއިރު މިގަވައިދުގައިވާ ގޮތުގެ މަތިން އެކުށުގެ ތުހުމަތުގައިވާ މީހާގެ ތަހުގީގު ހިންގާފައިވާކަން ޔަގީންކުރަންވާނެ ކަމަށް ވެސް ގަވައިދުގެ ހަތްވަނަ މާއްދާގައި ބުނެ އެވެ.
މިގަވައިދުގައި މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ އިޖުރާއާތުތަކުގައި ބުނެފައިވަނީ މިގަވައިދުގެ ދަށުން މަރުގެ އަދަބް ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައެއް ބެލުމަށްފަހު މަރުގެ ހުކުމް އިއްވައިފިނަމަ ކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން ކުށް ސާބިތުވެފައިވާ މީހާއާއި މަރާލެވިފައިވާ މީހާގެ ވާރިސުންނާ ދެމެދު މީޑިއޭޓް ކުރަންވާނެ ކަމަށާއި، އެކަން ކުރާނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަމަށް ވެސް ގަވައިދުގައި ބުނެ އެވެ. ވާރިސުންގެ ބަހެއް ހޯދުމަށް މީޑިއޭޝަން ޕްރޮސެސް 10 ދުވަހަށް ކުރިއަށް ގެންދަންޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެ އެވެ.
މަރުގެ ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރަން ރައީސުލްޖުމްހޫރިއްޔާއަށް އަމުރު ނެރެވޭނީ ތިން ފަރާތެއްގެ ލިޔުން ލިބިގެން ކަމަށް ވެސް ގަވައިދުގެ 10 ވަނަ މާއްދާގެ (ހ)ގައި ބުނެ އެވެ. އެއީ ޕްރޮސެކިއުޓާ ޖެނަރަލްއާއި، ކޮމިޝަނަ އޮފް ޕްރިޒަންސްއާއި އަދި އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަރާތެކެވެ. މިތިން ފަރާތުގެ ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނާ އޮފް ޕްރިޒަންސްއަށް އަމުރުކުރަންވާނެ ކަމަށް ގަވައިދުގައި ބުނެ އެވެ.
މިގަވައިދުގެ 11 ވަނަ މާއްދާގައި މަރުގެ ހުކުމް ތަންފީޒުކުރެވޭނެ ތިން ހާލަތެއް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކުށް ސާބިތުވެފައިވާ ކުއްޖާއަކީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއްނަމަ އެ ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމާއި، ކުށް ސާބިތުވެފައިވާ މީހާއަކީ މާބަނޑު މީހެއް ކަމުގައިވާނަމަ އެމީހެއްގެ ބަނޑުގައި އޮންނަ ދަރިފުޅު ވިހައި އެ ދަރިފުޅަށް ދެ އަހަރު ފުރެންދެން ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި އަދި ކުށް ސާބިތުވެފައިވާ މީހާއަކީ މާބޮޑަށް ބަލިހާލު ދެރަފައިވާ މީހަކު ކަމުގައިވާ އެމީހަކު ގަދަވަންދެން ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ވެސް ގަވައިދުގައި ބުނެ އެވެ. އަދި މި މީހުންގެ ހުކުމް ތަންފީޒުކުރެވެންދެން ބައި ތިއްބާނީ ޖަލުގައި އެހެން ކުށްވެރިންނާ ވަކިން ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް މާބަނޑު އަންހެން މީހާގެ ބަލި ހާލަތު މާބޮޑަށް ގޯސްނަމަ އޭނާގެ ބަލި ހާލަތަށް ބެލުމަށްފަހު އޭނާ ބަހައްޓާނެ ތަނެއް ނިންމާނީ ކަރެކްޝަނަލް ސާވިސް އިން ކަމަށް ވެސް ގަވައިދުގައި ބުނެ އެވެ.
މިގަވައިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ މިގަވައިދުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމަށްފަހު މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން މަރާލެވިފައިވާ މީހާގެ ވާރިސުންގެ ބަހެއް ހޯދުމަށް ކަރެކްޝަނަލް ސާވިސް އިން އެކަށީގެންވާ މަސައްކަތްތަކެއް ކުރަންވާނެ ކަމަށެވެ. ވާރިސުންގެ ބަހެއް ހޯދަންވާނީ މިގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރެވޭ ދުވަހު ކަމަށް ވެސް ގަވައިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބުނެ އެވެ.
ވާރިސުން ކުށް ސާބިތުވެފައިވާ މީހާގެ އަތުން މަރުގެ ދިޔަ އަތުލުމަށްފަހު މައާފްދީފިނަމަ ނުވަތަ މަރުގެ ދިޔައަކާ ނުލައި މައާފުދީފިނަމަ މަރުގެ އަދަބު ތަންފީޒުނުކޮށް އެކަން ސުޕްރީމް ކޯޓަށް އަންގަންވާނެ ކަމަށް ވެސް ގަވައިދުގައި ބުނެ އެވެ. އަދި މިފަދަ ހާލަތެއްގައި ސުޕްރީމް ކޯޓުން އެހެން ގޮތަކަށް ނާންގާގައި ހިނދަކު ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްގެން ނުވާނެ ކަމަށް ވެސް ގަވައިދުގެ 13 ވަނަ މާއްދާގެ (ނ)ގައި ބުނެ އެވެ. ކުށް ސާބިތުވެފައިވާ މީހާއަށް ވާރިސުން މައާފުކުރުމުގައި އެންމެ ވާރިސަކު ވެސް މައާފުކޮށްފިނަމަ މަރުގެ އަދަބު ތަންފީޒުކޮށްގެން ނުވާނެ ކަމަށް ވެސް ގަވައިދުގެ 13 ވަނަ މާއްދާގެ (ރ)ގައި ބުނެ އެވެ. ކުށް ސާބިތުވާ މީހާއަށް ވާރިސުން މައާފުކޮށް ސުޕްރީމް ކޯޓަށް އެންގުމުން، އެކޯޓުން ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް ގާނޫނުގައި ކަނޑައަޅާފައިވާ އެހެން އަދަބެއް ކަނޑައެޅުމަކަށް މިގަވައިދު ހުރަސް ނާޅާ ކަމަށް ވެސް ގަވައިދުގެ 13 ވަނަ މާއްދާގެ (ބ)ގައި ބުނެ އެވެ.
މަރުގެ ކުށް ސާބިތުވެފައިވާ މީހުންނަށް ލިބިދޭ ހައްގުތައް ވެސް މިގަވައިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކުށް ސާބިތުވެފައިވާ މީހާ މެރުމަށް ކަނޑައެޅިފައިވާ ދުވަހު އޭނާގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތާއި، ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން ފަހުގެ ވަސިއްޔަތް ކުރަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެ އެވެ. ނަމަވެސް މިކަން ކުރެވޭނީ އެމީހަކު ބަންދުކުރެވިފައިވާ ޖަލުގައި އެކަމަށް ކަނޑައަޅާފައިވާ ނިޒާމެއްގެ ތެރެއިން ކަމަށް ވެސް ބުނެ އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމުގެ އިޖުރާއަތުތައް ކުރިއަށް ގެންދަންވީ ގޮތް މިގަވައިދުގެ 15 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން މަރުގެ ހުކުމް ތަންފީޒުކުރުމުގެ އަމުރު ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނާ އޮފް ޕްރިޒަންސް އަށް ފޮނުވުމުން އެ ލިޔުން ލިބޭތާ ހަތް ދުވަހުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒުކުރަންޖެހޭނެ ކަމަށް މިމާއްދާގެ (ހ) ގައި ބުނެ އެވެ. އަދި ހުކުމް ތަންފީޒުކުރާނީ ކޮމިޝަނާ އޮފް ޕްރިޒަންސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކަނޑައަޅައި ޑޮކްޓަރަކާއި، ޕްރޮސެކިއުޓާ ޖެނަރަލްގެ ފަރާތުން ކަނޑައަޅައި ގާނޫނީ ވަކީލަކާއި އަދި ކޮމިޝަނާ އޮފް ޕްރިޒަންސް ކަނޑައަޅައި އާންމުންގެ ތެރެއިން މަދުވެގެން ތިން މީހެއްގެ ހާޒިރުގައި ކަމަށް ވެސް ގަވައިދުގައި ބުނެ އެވެ. އަދި މަރުގެ އަދަބު ތަންފީޒުކުރުމަށްފަހު މަރު ސާބިތުކުުރާ ފޯމްގައި ސޮއިކުރާނީ މަރުގެ ހުކުމް ތަންފީޒުކުރާ ތަނުގައި ހުންނަ ޑޮކްޓަރު ކަމަށާއި ހުކުމް ތަންފީޒުކުރާނީ ލީތަލް އިންޖެކްޝަން ބޭނުންކޮށްގެން ކަމަށް ވެސް ގަވައިދުގައި ބުނެ އެވެ. މަރުގެ ހުކުމް ތަންފީޒުކުރާނީ ޖަލުގައި އެކަމަށް ހާއްސަކޮށްފައިވާ ތަނެއްގައި ކަމަށް ގަވައިދުގައި ބުނެ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމުގެ ހުރިހާ ކަމެއް ކުރާނީ މާފުށީ ޖަލުގައި ކަމަށާއި، އެކަން ކުރުމަށް ވާންޖެހޭ ހުރިހާ އިންތިޒާމުތަކެއް ކުރިއަށްދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބަޖެޓުް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިގަވައިދުގައި 16 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ މަރުގެ އަދަބު ތަންފީޒުކުރުމަށްފަހު، އެ އަދަބު ތަންފީޒު ކުރެވުނު ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ޕްރިޒަންސް ރައީސުލްޖުމްހޫރިއްޔާ އަށް އެކަން އަންގަންވާނެ ކަމަށެވެ. މަރުގެ އަދަބު ތަންފީޒުކުރުމަށްފަހު އޭނާގެ ހަށިގަނޑު ވަޅުލުމުގެ ކަންކަން ހަމަޖެެއްސުމަށްޓަކައި އޭނާގެ އާއިލާއިން ބޭނުންވާނަމަ އާއިލާއާއި ހަށިގަނޑު ހަވާލުކުރަންވާނެ ކަމަށް ގަވައިދުގެ 17 ވަނަ މާއްދާގައި ބުނެ އެވެ. އަދި އާއިލާ އިން ހަށިގަނޑު ބޭނުންނޫންނަމަ ހަށިގަނޑު ވަޅުލުމުގެ ޒިންމާ އުފުލާނީ ދައުލަތުން ކަމަށް ވެސް ގަވައިދުގައި މިމާއްދާގައި ބުނެ އެވެ.
ގަވައިދުގެ 18 ވަނަ މާއްދާގައި ބުނެފައިވަނީ މަރުގެ މައްސަލަތަކުގައި ކުށްވެރިޔާގެ ކިބައިން ބަދަލު ހޯދުމާމެދު މަރުވި މީހާގެ ވާރިސުންގެ ފަރާތުން ޝަރީއަތުގައި ބަހެއް ހޯދުމުގެ ކުރިން އިސްލާމްދީނުގައި އެކަން އޮންނަ ގޮތް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުގެ ފަރާތުން މަރުވި މީހާގެ ވާރިސުންނަށް އޮޅުން ފިލުވައިދޭންވާނެ ކަމަށެވެ. މިގަވައިދަށް އަމަލުކުރަން ފަށާނީ ގަވައިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ވެސް ގަވައިދުގެ 19 ވަނަ މާއްދާގައި ބުނެ އެވެ. ގަވައިދުގައި 20 ވަނަ މާއްދާގައި ބުނެފައިވަނީ މިގަވައިދުގައި ހުރި މުއްދަތުތައް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށެވެ. އަދި މިގަވައިދުގެ ބޭނުމަށް މެޑިކަލް އޮފިސަރުން ކަމަށް ބަލާނީ ރާއްޖޭގެ މެޑިކަލް ކައުންސިލުން ގަބޫލުކުރާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ އެ ދާއިރާގައި މަސައްކަތް ކުރާ މީހުން ކަމަށް ވެސް ގަވައިދުގެ 20 ވަނަ މާއްދާގެ (ނ)ގައި ބުނެ އެވެ.
މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މި ގަވައިދު ގެޒެޓް ކުރުމުން ވެސް ހެޔޮ ބަދަލުތަކެއް މުޖުތަމައުން ފެންނާނެ ކަމަށެވެ. އެކަމަކު މިގަވައިދުގެ ހެޔޮ ނަތީޖާ ފެންނާނީ މަރުގެ ހުކުމް ތަންފީޒުކުރަން ފެށުމުން ކަމަަށާއި ކުށްކުރާ މީހުން ހުއްޓުވުމަށާއި ރައްޔިތުންނަށް ރައްކާތެރި މާހައުލެއްް ގާއިމްކޮށްދިނުމަށް މި މަސަރުކާރު އިންޗިއެއް ވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަރުގެ މައްސަލަތައް އަވަސް ކުރުމަށާއި ލަސްކުރުމަށް ސަރުކާރުން އެއްވެސް ބާރެއް ނާޅާނެ ކަމަށާއި ޝަރުއީ ކޯޓުތަކުގެ ނިންމުންތަކަށް ސަރުކާރުން ފުރިހަމައަށް އިހުތިރާމް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިހާރު ޝަރުއީ އެކި މަރުހަލާތަކުގައި މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ މައްސަލަ މިއަދު ގެޒެޓްކުރެވުނު ގަވައިދުގެ ދަށުން އަލުން ތަހުގީގުނުކުރާނެ ކަމަށާއި، އެމައްސަލަތަކާއި މެދު ވެސް ޝަރުއީ އެންމެ މަތީ ކޯޓުން ނިންމާ ގޮތަކަށް ހުކުމް ތަންފީޒުކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒުކުރަން ފެށުމަކީ ބޭރުގެ ބައެއް ގައުމުތަކުންނާއި ޖަމާއަތްތަކުން ފާޑު ކިޔާނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް މިރާއްޖެއަކީ ސަތޭކަ ޕަސަންޓް މުސްލިމް ގައުމަކަށްވާއިރު މަރުގެ ހުކުމް ތަންފީޒުނުކޮށް ތިބެވެން ނެތް ކަމަށެވެ. އަދި މިރާއްޖޭގެ ހާލަތާއި ޖަލުތައް ފުރިފައިވާ މިންވަރު އެނގިވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ.
މިއަދުން ފެށިގެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ