ކުލި ނުދީގެން އަތުލި ފަސް ރަށަކުން ދޭންޖެހޭ ފައިސާ ތިން އަހަރުން ދައްކަން ފުރުސަތު ދީފި

ދިގު މުއްދަތުގެ ދަނޑުވެރިކަމަށް ދޫކުރި ރަށްތަކުގެ ތެރެއިން ކުލި ނުދައްކައިގެން އަތުލި ފަސް ރަށަކުން ނުދައްކާ ހުރި ކުލި، ތިން އަހަރުން ދެއްކުމުގެ ހުއްދައެއް އެ ރަށްތައް ކުއްޔަށް ހިފި ފަރާތްތަކަށް ދީފި އެވެ.
ދިގު މުއްދަތަށް ދަނޑުވެރިކަން ކުރަން ދޫކުރި ރަށްތަކުގެތެރެއިން ކުލި ނުދައްކައިގެން އަތުލި ރަށްތަކަކީ ށ. އެކަސްދޫއާއި، ނ ބަނޑައި ދިއްދު އާއި، ނ. ކަޅައިދޫ އާއި، ބ. މާމަޑުއްވަރީގެ އިތުރުން ގއ. ފުނަދޫ އެވެ.
މިރަށް ތަކުގެ ކުލި ތިން އަހަރަށް ބަހަލައިގެން ދެއްކުމަށް ސަރުކާރުން ފުރުސަތު ދީފައިވައިރު ފުރަތަމަ ޕޭމަންޓް އަންނަ ފެބްރުއަރީމަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށް ވަނީ އަންގާފަ އެވެ.
ފަސް ރަށުގެ ކުލި ނުދައްއކައިގެން އެއްބަސްވުން ފިޝަރީޒް މިނސްޓްރީން އުވާލާފައިވާއިރު މިދިޔަ ޖޫންމަހު ނިޔަލަށް އެ ފަސްރަށުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 36.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހެއެވެ.
އެގޮތުން އެކަސްދޫން 12 މިލިއަން ރުފިޔާ، ބަނޑައިދިއްދޫން ނުވަ މިލިއަން ރުފިޔާ، ކަޅައިދޫން އަށް މިލިއަން ރުފިޔާ މާމަޑުއްވަރީން 5.9 މިލިއަން ރުފިޔާ އަދި ފޮނައްދޫން 1.7 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހެއެވެ.
މީގެކުރިން މީރާއިން ބުނެފައިވަނި ދިގު މުއްދަތަށް ދޫކޮށްފައިވާ މި ފަސް ރަށުގެ ތެރެއިން ބައެއް ރަށްރަށުގެ ކުލި 2005 ވަނަ އަހަރުން ފެށިގެން ނުދައްކާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ