ކައުންސިލްތަކުގެ ރޯލަކީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ރޯލެއް ނޫން - އުމަރު

ކައުންސިލް ތަކުގެ ރޯލަކީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ރޯލް ނޫން ކަމަށާއި، ކައުންސިލްތަކުގެ ހަޤީޤީ ރޯލަކީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް އެ ރަށެއްގެ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައި ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ ޚިޔާލު ތަފާތުވުންތައް ކުރިއަށް ނެރެ، ރަށުގެ ރައްޔިތުން ސިޔާސީ ގޮތުން ބައިބައިކޮށް ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ހުއްޓުވާ، ސިޔާސީ ޖަދަލުގެ ބަޔާން ނެރޭ ބަޔަކަށް ވެއްޖެ ނަމަ، ކައުންސިލްތަކުގެ މާނަ އޮޅި، މަޤްސަދު ގެއްލި އެ ރަށެއްގެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތަަކަށް ބުރުއަރައިގެން ދާނެ ކަމެއް ކަމަށެވެ.
"އެގޮތަށް އެކަން ވިޔަ ނުދިނުމަށްޓަކައި، ފިޔަވަޅު އަޅަންޖެހޭ ވަގުތު ތަކުގައި އެލްޖީއޭއިން މިގެންދަނީ ފިޔަވަޅު އަޅަމުންނެވެ." މިނިސްޓަރުގެ ބަޔާނުގައި ވެއެވެ.
ކައުންސިލްތައް ޒިންމާދާރު ކުރުވުމަށް ފާއިތުވި މަހެއްހާ ދުވަހެއްގެ ތެރޭގައި އުނދަގޫ ނިންމުންތަކެއް ނިންމައި، 14 ކައުންސިލަރަކާ މެދު ފިޔަވަޅު އަޅަން ނިންމައި، ވަރަށް ހިތާމައާއިއެކު އެ ނިންމުން ތަންފީޒުކޮށްފައި ވާނެކަން އުމަރު ވަނީ ފާހަގަ ކުރައްވާފައެވެ.
އެހެންކަމުން ނުރަނގަޅު މަގަކުން އެއްވެސް ކައުންސިލަރަކު ނުދިއުމަށާއި، އެރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންނަށް ސަރުކާރުން ދޭން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސިޔާސީ ފިކުރަށް ނުބައްލަވައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް އުމަރު ވަނީ އެދިވަޑައިގެންފައެވެ.
ބަޔާނުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ އެލްޖީއޭގެ ދައުރު މިހާރު ޕްރޯއެކްޓިން ދައުރަކަށް ބަދަލު ކުރަމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ލާމަރުކަޒީ ނިޒާމާއި މެދު އިތުބާރު ގެއްލިފައިވާ ފަރާތްތަކުގެ އިތުބާރު އަލުން ހޯދޭނެކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
ކައުންސިލްތައް ޒިންމާދާރު ކުރުވުމަށް، އެލްޖީއޭއިން ޒަމާނީ ތަރައްޤީ ބޭނުންކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގަމުން އަންނަކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ