ރާއްޖޭގައި ވެރިކަން ކުރާނެ މީހަކު ނިންމާނީ ރައްޔިތުން، ރައީސް ނަޝީދެއް ނޫން: ސައުދުﷲ އަހުމަދު

ރާއްޖޭގައި ވެރިކަން ކުރާނެ މީހަކާއި ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ބާރެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް،ރައީސް މުހައްމަދު ނަޝީދަށް ލިބިފައިނުވާ ކަމަށް ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް މިފަދައިން ވިދާޅުވެފައިމިވަނީ އެމްޑީޕީއަށް އެންމެ ރަގަޅު ގޮތަކީ 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހު ވާދަ ނުކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ސައުދު ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ ވެރިކަން ކުރާނެ މީހަކާއި، ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ހުރިހާ ބާރެއް ގާނޫނުއަސާސީން އޮތީ ރައްޔިތުންނަށް ދީފައި ކަމަށެވެ.
އަދި 2023ގައި ރާއްޖޭގެ ވެރިކަން ކުރާނެ މީހެއް ރައީސް ނަޝީދަކަަށް ނުނިންމޭނެ ކަމަށާއި ވެރިކަން ކުރާނެ މީހެއް ނިންމާނީ ރައްޔިތުން ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމުގެ ހުވަފެން ދޫކޮށްލުމަކީ އެންމެ ބުއްދިވެރިގޮތް ކަމަށްވެސް ސައުދު ވަނީ ވިދާޅުވެފައެވެ.
ސައުދުގެ ނުރުހުން ރައީސް ނަޝީދަށް އަމާޒުވިއިރު ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށާއި ނިމިގެންދިޔަ 2018ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިނިސްޓަރު ޝާހިދު ފާޅުކުރެއްވިކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.
ނަމަވެސް އެ ފަހަރުގެ އިންތިހާބުގައި ނިކުންނަވަން އެންމެ ރަނގަޅު ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޝާހިދު އަރިހުގައި ވިދާޅުވެފައި ވާނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެއްވުން މަޑުޖައްސަވާ ލެއްވުމަށް ޝާހިދުގެ އަރިހުގައި އެދިވަޑައިގެންނެވި ނަމަވެސް ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް "ރުކުން" ހަމަ ބޭފުޅެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެމްޑީޕީން ތިންވަނަ ބޭފުޅަކަށްވެސް ފުރުސަތު ދިނުމާމެދުވެސް ވިސްނުން ރަނގަޅު ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ މިވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މެމްބަރުންގެ ބަހުގެ ހަމަލާތައް އެމަނިކުފާނަށް އަންނަނީ އަމާޒުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ