މުލީ އެއަރޕޯޓް: މުލަކު އަތޮޅުގެ އިޤްތިޞާދަށް އާރޯކަން ގެނުވާނެ އުއްމީދީ މަޝްރޫޢެއް

މުލަކު އަތޮޅަކީ ރާއްޖޭގައި މިވަގުތު އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ. މި އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، އެއަތޮޅުގައި އެއަރޕޯޓެއް ތަރައްޤީވެގެންދިއުމަކީ މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިންސުރެ އަތޮޅުގެ ރައްޔިތުން ކުރަމުންދިޔަ އުއްމީދެކެވެ. މިހާރު މިވަނީ މިކަމުގައި ހަޤީޤީ ކުލަ ޖެހެން ފަށާފައެވެ.
މިކަން ހަޤީޤަތަކަށް ހެދުމަށްޓަކާ މި ސަރުކާރުން ވަނީ މުލީގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ނިންމާ އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީން އެމް.ޓީ.ސީ.ސީއާއެކު ސޮއިކޮށްފައިވަނީ 28 ފެބްރުއަރީ 2021 ގައެވެ. މުލަކު އަތޮޅުގައި ތަރައްޤީކުރާ ފުރަތަމަ އެއަރޕޯޓުގެ މަސައްކަތް ފެށުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އެމް.ޓީ.ސީ.ސީން މިވަނީ މިހާރު ވާން ފަށާފައެވެ.
އެގޮތުން އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް އަޅަންޖެހޭ ބަންޑް ވޯލް އެޅުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ދަނީ ކުރަމުންނެވެ. އަދި ޓަރމިނަލް އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ. މިއާއެކު މުލަކު އަތޮޅުގެ ރައްޔިތުން ދެކެމުންދިޔަ ޒަމާންވީ ހުވަފެނުގައި ހަޤީޤީކުލަ ޖެހެމުންދާ މަންޒަރު މުލިން މިވަނީ ފެންނަން ފަށާފައެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މުލީ ކައުންސިލުގެ ރައީސް ޝަމޫން ރަމީޒް ވިދާޅުވީ، މުލީ އެއަރޕޯޓް މަޝްރޫޢަކީ އެރަށުގެ އިތުރުން މުޅި އެއަތޮޅުގެވެސް އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީއާއި ގުޅިފައިވާ އުއްމީދީ މަޝްރޫޢެއްކަމަށެވެ. އަދި މިއަދު އެ މަޝްރޫޢުގައި ހަޤީޤީ ކުލަ ޖެހެމުންދާކަމީ މުޅި އަތޮޅަށްވެސް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ސަބަބުން އެ ރަށާއި އަތޮޅުގެ ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެކަމަށާއި، ދަތުރުފަތުރުގެ ކަންކަން މިހާރަށްވުރެ ފަސޭހަވެގެންދާނެކަމަށް ޝަމޫން ވިދާޅުވިއެވެ.
"ވަރަށް ބޮޑު މޫވްމަންޓެއް އަންނާނެކަމަށް ބެލެވޭ މިއަތޮޅުގައިވެސް ރިސޯޓުތައް ހުރުމާއެއްކޮށް. ބަލި މީހުންނަށް ކަނޑުގަދައިރު ދަތުރުކުރުމުގައި ހުރި ދަތިތަކަށްވެސް ލުޔެއް ލިބޭނެ. ވަޒީފާގެ ފުރުޞަތުތައް ރަށުގައި އުފެދި ޒުވާނުންނަށް އެ ހިތްހަމަޖެހުން ލިބޭނެ. މިއީ ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްވެސް ލިބޭ ފަހި ފުރުޞަތެއް" ޝަމޫން ވިދާޅުވިއެވެ.
މުލީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ އިރުދެކުނު ފަރާތުން ހިއްކާފައިވާ 40 ހެކްޓަރުގެ ބިމުގައެވެ. މިއީ 2018 ވަނަ އަހަރު ހިއްކި ސަރަޙައްދެކެވެ. އެހެންނަމަވެސް އެއަރޕޯޓް ތަރައްޤީކުރުމަށް އިތުރަށް ބިން ބޭނުންވާތީ، އިތުރު 14 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން މުލީ އެއަރޕޯޓުގައި 1200 ދިގު، 30 ފޫޓު ފުޅާ ރަންވޭއެއް ތަރައްޤީކުރުމާއި، ޓެކްސީވޭއާއި އޭޕްރެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ހިއްކާ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށްޓަކާ 1812 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ. އެމް.ޓީ.ސީ.ސީން ވިދާޅުވެފައިވަނީ އެ ކުންފުނީގެ އަމާޒަކީ މުލީ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފަށާތާ، އެއްއަހަރުގެ ތެރޭ މަސައްކަތް އެއްކޮށް ނިންމާ ސަރުކާރާއި ޙަވާލުކުރުން ކަމަށެވެ.
މި މަޝްރޫޢަށް 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ