މުއްރަތުގެ އިސްތިއުނާފު އަޑުއެހުންތައް މާދަމާ ސުޕްރީމް ކޯޓުގައި ފަށަނީ
ގާނޫނީ ވަކީލު އަހްމަދު ނަޖީބު އަވަހާރަކޮށްލުމުގެ ކުށުގައި މ. މަސްރޫރާ އަހްމަދު މުއްރަތަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފިއެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަމާ 11:00 އަށެވެ. 2012 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ރޭގެވަގުތެއްގައި ނަޖީބު އަވަހާރަކޮށްލިކަން ޝަރީއަތަށް ސާބިތުވެ މުއްރަތު މެރުމަށް ހުކުމް އިއްވާފައި ވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. މުއްރަތުގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު މުރަތައް އިއްވި މަރުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމްގައި ވަނީ ނަޖީބު މަރާލިކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ވެސް މުއްރަތު އިއުތިރާފުވެފައި ވާ ކަމަށެވެ. އަދި މުއްރަތާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެއްކާ ގަރީނާ އަށް އޭނާ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ. ނަޖީބް މަރާލި ކަމަށް މުއްރަތު އެއްބަސްވެފައިވާ އިރު އިއުތިރާފަކީ އިސްލާމީ ޝަރީއަތުގައި ކުށް ސާބިތު ކުރުމުގެ އެންމެ ހަރުދަނާ ވަސީލަތް ކަމަށާއި އެކަމާ މެދު އިލްމުވެރިންގެ މެދުގައި ޚިލާފެއް ނުވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ. ވަޅިން ހަމަލާދީ ނަޖީބު މަރާލި ކަމަށް އިއުތިރާފުވަމުން ކްރިމިނަލް ކޯޓުގައި މުއްރަތު ބުނެފައި ވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ރޭ މަސްރޫރާގެއަށް ނަޖީބު ވަޑައިގަތުމުން އެގޭގައި، އޭނާ އާއި ހަނާ ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއާ) އެއްގައި ނަޖީބު ބައިންދާ ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތިން ވަށައި ޖެހޭ ގޮތަށް ޓޭޕްއެޅި ކަމަށެވެ. ނަޖީބު އެގޮތަށް ގޮނޑީގައި އިންނެވި އިރު އަޑުގަދަ ކުރައްވާތީ އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ އޭނާ އަވަހާރަކޮށްލި ކަމަށް މުއްރަތު ވަނީ ބުނެފަ އެވެ. މުއްރަތާ އެކު އޭނާގެ ކުރީގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާ މެރުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އޭނާ ވެސް ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް ހައިކޯޓުން އަދި އެ މައްސަލަ ނުނިންމައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ