ޖޭއެސްސީގެ މެމްބަރު ކަމަށް އަލީ ހުސެއިންގެ ނަން ހުށަހަޅަން ޖޭޕީ އިން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ މެމްބަރެއްގެ ގޮތުގައި ކެންދޫ ދާއިރާގެ އަލީ ހުސައިންގެ ނަން މަޖިލީހަށް ހުށަހެޅުމަށް ޖުމްހޫރީ ޕާޓީން މިރޭ ނިންމައިފި އެވެ. ޖުމްހޫރީ ޕާޓީން އެ ގޮތަށް ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމުގަ އެވެ. މީގެ އިތުރުން، ކްލެމެންސީ ބޯޑުގައި މަޖިލިސް ތަމްސީލް ކުރައްވާ މެމްބަރުގެ ގޮތުގައި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އައްޔަން ކުރުމަށް ހުށަހެޅުމަށާއި މީހުން ޓްރެފިކް ކުރުމާ ބެހޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަށް މަޖިލީހުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ހަމަޖެއްސުމަށް ހުށަހެޅުމަށް ވެސް ޖޭޕީ އިން ނިންމި އެވެ. ޕީޖީ ގުރޫޕުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެމްބަރު ޝަހުދީ ވިދާޅުވި ގޮތުގައި އެ ތިން މަގާމަށް ޖޭޕީ އިން ކުރިމަތިލާން ނިންމީ ގައުމަށާއި ރައްޔިތުންނަަށް ހިދުމަތްކޮށް ދިނުމަށެވެ. އަދި ވެރިކަން ކުރާ ޕާޓީ ނޫން އެހެން ޕާޓީތަކުގެ މެމްބަރުންނަށް ވެސް އެ ފަދަ މުއައްސަސާތަކުން ޖާގަ ދިނުމަކީ ހާމަކަން ބޮޑު ގޮތެއްގައި ކަންތައްތައް ކުރުމަށް މުހިއްމު ކަމަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މާދަމާ މި ކުރިމަތިލާ ކުރިމަތިލުމަށް، އިސްނެގުމަށް އަޅުގަނޑުމެންގެ ކޯލިޝަންގައި ހިމެނޭ އަނެއް ދެ ޕާޓީ، ޕީޕީއެމް އާއި އެމްޑީއޭ އިން އަޅުގަނޑުމެންނަށް ވަރަށް ފުރިހަމަ ތާއީދެއް ކުރައްވާނެ ކަމަށް. އޭގެ އިތުރަށް، އެމްޑީޕީން ވެސް އަަޅުގަނޑުމެންނާ އެކު މި ކަމުގައި ބައިވެރިވާނެ ކަމަށް،" ޝަހުދީ ވިދާޅުވި އެވެ. ޖޭޕީގެ ފަރާތުން ޖޭއެސްސީ އަށް ކުރިމަތިލައްވާ ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވި ގޮތުގައި އެ ޕާޓީ އިން އެކި މަގާމުތަކަށް ކުރިމަތިލައްވާފައިވާ ތިން ބޭފުޅުންނަށް ވެސް ވަރަށް ފުރިހަމަ ތާއީދެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ. ހާއްސަކޮށް، ކުރީގެ ކޯލިޝަން ޕާޓްނަރު ޕީޕީއެމްގެ މެމްބަރުން ވެސް ވޯޓު ދެއްވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. ޖޭއެސްސީ އާއި ކްލެމެންސީ ބޯޑު އަދި މީހުން ޓްރެފިކްކުރުމާ ބެހޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި މަޖިލިސް ތަމްސީލް ކުރައްވާނެ މެމްބަރުން ހޮވުމަށް މާދަމާގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ. ޖޭޕީ އިން ވަނީ އެ ޕާޓީގެ ފަރާތުން އެ ތިން މުއައްސަސާ އަށް ކުރިމަތިލައްވާފައިވާ ތިން މެމްބަރުންނަށް ވޯޓު ދިނުމަށް ތްރީ ލައިން ވިޕެއް ވެސް މިރޭ ނެރެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖޭއެސްސީ ގައި އިންނަވާ މެމްބަރެއްގެ ގޮތުގައި އަލީ ހުސައިންގެ ނަން މަޖިލީހަށް ހުށަހެޅުމަށް ނިންމިއިރު އޭނާ ވަނީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު މުހްތާޒު މުހްސިން އައްޔަން ކުރެއްވުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި، ޖޭޕީގެ ނިންމުމާ ހިލާފަށް ވޯޓު ދެއްވައިފަ އެވެ. އަދި ޖޭޕީގެ ވިޕްލައިނާ ހިލާފަށް އޭނާ ވޯޓު ދެއްވި މައްސަލަ ބަލާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖޭއެސްސީ ގައި އިންނަވާ މެމްބަރެއްގެ ގޮތުގައި އަލީ ހުސެއިންގެ ނަން ހުށަހަޅަން ޖޭޕީ އިން މިރޭ ނިންމިއިރު، އޭނާއާ ދޭތެރޭގައި ފިޔަވަޅު އެޅި ކަމެއް އަދި ނޭނގެ އެވެ. ޕީޖީ ހޮވުމުގެ ވޯޓުގައި ބައިވެރި ނުވުމަށް ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައި ވަނިކޮށް، އަލީ ހުސައިން ވޯޓު ދެއްވީ މުހްތާޒަށް ރުހުން ދިނުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ