އަޅުގަނޑާއެކު ބަހުސަކަށް ދާން ޔާމީން ބޭނުމެއް ނުވޭ: އުމަރު

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ހޯދުމަށް މަސައްކަތް ކުރައްވާ އަބްދުﷲ ޔާމީން އޭނާގެ ވާދަވެރިޔާ އުމަރު ނަސީރާއެކު ބަހުސަކަށް ވަޑައިގަތުމަށް ބޭނުން ނުވާ ކަމަށް އުމަރު މިރޭ ވިދާޅު ވެއްޖެ އެވެ. އާޓިފިޝަލް ބީޗްގައި ބޭއްވި އުމަރުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން، އޭނާ ވިދާޅުވީ ޔާމީނާއެކު ބަހުސަކަށް ވަޑައިގަތުމަށް އެދިވަޑައިގެންފައިވީ ނަމަވެސް މިހާތަނަށް ޔާމީން އެކަމަށް އިޖާބަ ދެއްވާފައި ނުވާ ކަމަށެވެ. "މިދިޔަ ހަފުތާގަައި ވާހަކަ ދައްކަމުން ދައުވަތު ދިނިން އަޅުގަނޑުގެ އަޚު އަބްދުﷲ ޔާމީނަށް އަޅުގަނޑާ އެކު ބަހުސަކަށް ދާން. ނަމަވެސް މިހާތަނަށް އަދި ބަހުސަކަށް އިޖާބައެއް ދެއްވާފައެއް ނެތް. އަޅުގަނޑަށް އެނގައި އޮތް ގޮތުގައި އަޅުގަނޑުގެ އަޚު ވާދަވެރިޔާ ބޭނުންފުޅެއް ނުވޭ އެއްވެސް ބަހުސަކަށް ވަޑައިގަންނަވާކަށް. އަޅުގަނޑު ޕީޕީއެމްގެ މެންބަރުންނަށް ދަންނަވާލަން ބޭނުންވަނީ ތި ބޭފުޅުން ބޭނުންފުޅުތޯއޭ ބަހުސެއްގައި ބައިވެރިވާން ބޭނުންނުވާ ކެންޑިޑޭޓެއް ހޮވަން،" ޔާމީނަށް ބަހުގެ ހަމަލާ ދެއްވަމުން އުމަރު ވިދާޅުވި އެވެ. މިރޭގެ ޖަލްސާގައި އުމަރު ވަނީ އޭނާގެ ކެމްޕޭނުގައި އާއްމުކޮށް ދައްކަވާ "ހުދު ވަލުގެ" ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ. އޭނާގެ "ހުދު ވަލު"ގައި ހުރިހާ ދިވެހިން ހިފުމަށާއި އެއީ އެއްވެސް ކޮރަޕްޝަނެއް ނެތް ސާފު "ވަލެއް" އުމަރު ވިދާޅުވި އެވެ. މި ޖަލްސާގައި އުމަރުގެ އިތުރުން އެ ޕާޓީގެ މެންބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވެސް ވާހަކަ ދެއްކެވި އެވެ. ވަހީދު ވަނީ ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ތާއީދާއެކު ހޮވިވަޑައިގެންނެވި އޭރު ޖުމްހޫރީ ޕާޓީގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ފަހުން އިދިކޮޅު އެމްޑީޕީއަށް ބަދަލުވި ބަދަލުވުމަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. ވަހީދު ވިދާޅުވީ އެކަމުގެ "ހިތި ރަހަ" މިއަދު ލަމުންދާ ކަމަށެވެ. "އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީމަ އަޅުގަނޑުމެންގެ ޕީޕީއެމްގެ މީޑިއާ ކަންތަކުގައި އުޅުއްވާ ބޭފުޅާ ވިދާޅުވީ ވަހީދުއޭ ނަން އަނބުރާ ގެންދަވާށޭ. އޭގެ ހިތި ހިތާމަ ކާކުގެ ކަރު ބުޑުގައިތޯ ލައިގެން މި އުޅެނީ؟ މިއަދު މި ވާހަކަ ދައްކާކަށް އަސްލު އެއްވެސް މީހަކު ބޭނުމެއް ނުވޭ. ކީއްވެތޯ؟ ލަދުވެތިކަން އިހްސާސް ކުރެވުނީމަ،" ކާށިދޫ ދާއިރާގެ ބައި އިލެކްޝަނަށް ވަހީދު ކުރިމަތިލެއްވުމުން އޭނާގެ ނަން އަނބުރާ ގެންދެވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އޭރު ގޮވާލެއްވި ގޮވާލެއްވުމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ