ދިޔާނާގެ މައްސަލައިގެ ފައިލް ފޮނުވުމަށް ސްޕްރީމު ކޯޓުން އަންގައިފި

ވެރިކަން ބަދަލުވީ ގާނޫނީ ހަމަތަކުގެ މަތިން ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކުރީގެ ހިއުމަން ރައިޓްސް މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދާއި އިތުރު ދެ ވަކީލަކު ކޮށްފައިވާ ދައުވާގެ ފައިލް ފޮނުވުމަށް ސްޕްރީމު ކޯޓުން އަންގައިފިއެވެ.
ސްޕްރީމު ކޯޓުން ސިވިލް ކޯޓަށް ފޮނުވާފައިވާ އަމުރުގައި ބުނެފައިވަނީ އެމައްސަލަ ބެލުމުގެ އިހުތިސާސް އެކޯޓަށް ލިބިގެންވޭތޯ ބެލުމަށް އެމައްސަލައިގެ ފައިލު ފޮނުވުމަށް އަންގާ ކަމަށެވެ. އަދި އެމައްސަލައާއި ގުޅިގެން އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވެސް ސްޕްރީމު ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ. އެމައްސަލައިގެ ފައިލް ފޮނުވުމަށް ސްޕްރީމު ކޯޓުން އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއަމުރާއި ގުޅިގެން މައްސަލައިގެ އަޑުއެހުންތައް ހުއްޓާލާ މައްސަލައިގެ ފައިލް ސްޕްރީމު ކޯޓަށް ފޮނުވާފައިވާ ކަމަށް ސިވިލް ކޯޓުން މައުލޫމާތުދެއެވެ.
އެމައްސަލައިގެ ފައިލް ފޮނުވުމަށް ސްޕްރީމު ކޯޓުން އަންގާފައިވާ އިރު އެމައްސަލައަކީ ސިވިލް ކޯޓުގައި ބެލޭނެ މައްސަލައެއް ނޫން ކަމަށް ދައުލަތުން ވެސްވަނީ ބުނެފައެވެ. އަދި އެމައްސަލަ ބަލައި ދިނުމަށް ބަނޑާރަ ނައިބުގެ އޮފީހުންވަނީ ސްޕްރީމު ކޯޓުގައި ވެސް އެދިފައެވެ. އެމައްސަލައާއި ގުޅިގެން އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ބަނޑާރަ ނައިބުގެ އޮފީހުންވަނީ އެމައްސަލަ ސްޕްރީމު ކޯޓަށް ހުށަހަޅާފައިވާތީ އަޑުއެހުން ކުރިއަށް ނުގެންދިއުމަށް އެދިފައެވެ. ނަމަވެސް ސްޕްރީމު ކޯޓުން އެމައްސަލާގައި އެދުވަހު ގޮތެއް ނިންމާފައިނުވާތީ އެދުވަހުގެ އަޑުއެހުން ކުރިއަށް ގެންދިޔައެވެ.
އެންމެ ފުރަތަމަ އެމައްސަލަ ދިޔާނާ ހުށަހަޅުއްވާފައިވަނީ ހައިކޯޓަށެވެ. މަޖިލީހުގެ ރައީސްއަށް ރައްދުވާ ގޮތަށް ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވަނީ އެމައްސަލަ ހައިކޯޓުން ބަލައިނުގަތުމުންނެވެ.
މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ނޫން ކަމަށް ބުނެފައިވާ އިރު ރައީސް ނަޝީދުގެ އިސްތިއުފާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވަންޖެހޭ އިޖުރާތުތައް ފުރިހަމަ ނުކުރައްވާ ކަމަށް ވެސް ބުނެފައިވެއެވެ. Proceedings have been halted - Fathimath Dhiyana & Co v Speaker of Parliament[907/Cv-C/2013]under Supreme Court Order twitter.com/MVCivilCourt/s…— MV Civil Court (@MVCivilCourt) May 26, 2013
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ