މައްސަލަ ޖެހުނު ހުޅުހެންވޭރު ދާއިރާގެ ޓިކެޓް އާދަމް ޝަރީފަށް ދީފި

ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މައްސަލަ ޖެހުނު ހުޅުހެންވޭރު ދާއިރާގެ ޓިކެޓް އެ ދާއިރާއަށް ވާދަކުރެއްވި އާދަމް ޝަރީފަށް ދިނުމަށް ނިންމައިފި އެވެ.
އެމްޑީޕީގެ އިންތިހާބު ތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު ވިދާޅުވީ މައްސަލަ ޖެހުނު ދާއިރާގެ ޓިކެޓް އާދަމް ޝަރީފަށް ދިނުމަށް އެމްޑީޕީން ނިންމީ އެ ދާއިރާއަށް އާދަމް ޝަރީފްއާއި ވާދަކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އޭނާގެ ނަން އަނބުރާ ގެންދަވާފައިވާތީ ކަމަށެވެ.
"އެއީ އަޅުގަނޑުމެންނަށް ގާނޫނީ ލަފާ ލިބުނު ގޮތް. އެހެންވީމާ އަޅުގަނޑުމެން މިހާރު އާދަމް ޝަރީފަށް ޓިކެޓް ދިނުމަށް ނިންމާ އެކަން އަންގާފައިވަނީ" އިބްރާހީމް ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީގެ އޮފީހުގައި މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިބްރާހީމް ވަހީދު ވިދާޅުވީ ހުޅުހެންވޭރު ދާއިރާގެ ޕްރައިމަރީގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ތިން ވޯޓުގެ ކުޑަ ތަފާތަކުން ކާމިޔާބު ކުރެއްވީ އަމީން އެވެ. އޭނާއަށް 81 ވޯޓް ލިބިވަޑައިގެންނެވިއިރު، އާދަމް ޝަރީފަށް ލިބިވަޑައިގެންނެވީ 78 ވޯޓެވެ.
ވަހީދު ވިދާޅުވީ ހުޅުހެންވޭރު ދާއިރާއަށް ވޯޓްލީ 113 މީހުން ކަމަށް ވޯޓާސް ރަޖިސްޓްރީން ދައްކާ ކަމަށާއި، ނަމަވެސް 136 ވޯޓް ކަރުދާސްކޮޅު ވޯޓް ފޮށީގައި އޮތް ކަމަށެވެ. އެ ދާއިރާގެ ވޯޓްގައި ދިމާވި މައްސަލަތަކުގައި އެތަނުގައި ތިބި އޮފިޝަލުން ވެސް ގޯސްތަކެއް ހަދާފައިވާ ކަމަށާއި، އެމީހުންގެ މައްސަލަ ވެސް ކަމާއި ގުޅުންހުރި ގުނަންތަކަށް ހުށަހަޅާފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
"އެ ވޯޓް ފޮށި ކައިރީ ތިބި އޮފިޝަލުންނަށް ދެން ކުރިއަށް ބާއްވާ ޕްރައިމަރީ ތަކުގައި އޮފިޝަލުންގެ ގޮތުގައި ނުތިބެވޭނެ. އެމީހުން ވެސް ގޯސްތަކެއް ހަދާފައިވާތީ އެމީހުންގެ މައްސަލަ ވެސް ބެލެމުންދަނީ،" ވަހީދު ވިދާޅުވި އެވެ.
ނިމިގެންދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ޕްރައިމަރީގައި ހުޅުހެންވޭރު ދާއިރާގެ ވޯޓުގައި މައްސަލަ ތަކެއް އުޅޭ ކަމަށް ވިދާޅުވެ އެމައްސަލަ ބަލައިދިނުމަށް އާދަމް ޝަރީފް އެމްޑީޕީގެ އިންތިހާބީ ކޮމިޓީއަށް ހުށަހެޅުމާއި ގުޅިގެން އަމީން ފައިސަލް ވަނީ އޭނާގެ ނަން އަނބުރާ ގެންދަވާފަ އެވެ.
އަމީން ފައިސަލްގެ ނަން އަނބުރާ ގެންދެވި މައްސަލައިގައި ވަހީދު ވިދާޅުވީ ވޯޓުގައި ހިނގާފައިވާ އޮޅުވާލުންތަކުގައި އަމީން ފައިސަލްގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ނަމަވެސް މީޑިއާ އިން އެ ހަބަރު ގެނެސްދިން ގޮތުން ޕްރައިމަރީގައި ގޯސް ހެއްދެވީ އަމީން ކަމަށް ބައެއް ފަރާތްތަކަށް ހީވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ