ފައިސާ އެބަހުރިތަ؟ މިއޮތީ ކޮށްލަން ރަނގަޅު ވިޔަފާރިއެއް!

އެއްލުނު ކަޅިން ލޯ ދިޔައީ ތަރަތަރަ ޖަހައިގެންނެވެ. އައިބޭގައި ޖަހާފައި އޮތް އިޝްތިހާރެކެވެ: "މުޅިންް އާ ހަތަރު ކޮޓަރީގެ އެޕާޓްމެންޓެއް 30 އަހަރަށް ކުއްޔަށް ދެނީ، އެންމެ 2.5 މިލިއަން ރުފިޔާ އަށް،" އިޝްތިހާރުގައި ވެ އެވެ. އެއީ މާލެއިން ދޫކުރާ ތަނެކެވެ. ތިން ކޮޓަރީގެ އިތުރުން ކުޑަ އެހެން ކޮޓަަރިއެއް ވެސް ހިމެނެ އެވެ. އެ އިޝްތިހާރުގައި، އެއީ ވަރަށް އަގުހުރި ވިޔަފާރިއެއް ކަމަށް ލިޔެފައި ވެ އެވެ. އަދި އެތަން ކުއްޔަށް ހިފާފައި އަލުން ކުއްޔަށް ދީގެން މަހެއްގެ މައްޗަށް އެޕާޓްމެންޓުން 25،000ރ. ލިބޭ ނަމަ އެއީ 30 އަހަރުގެ ތެރޭގައި ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށް ބުނެފައި ވެ އެވެ. މާނައަކީ، ވިޔަފާރި އުސޫލުން އެތަން ކުއްޔަށް ހިފާފައި އެހެން ބަޔަކަށް ދޫކޮށްލައިފި ނަމަ، އެއީ ހަގީގަތުގައި ވެސް ރަނުގެ ފުރުސަތެއް ކަމެވެ. ތިރީސް އަހަރުގެ ތެރޭގައި ހަތް މިލިއަން ރުފިޔާ ފައިދާވީ އެވެ. ހަ އަހަރުން އިންވެސްޓްމެންޓް ކަވަރުވީ އެވެ. ސަޅި ވިޔަފާރިއެކެވެ. އެހެން އިޝްތިހާރެކެވެ: "ދިގު މުއްދަތަކަށް ކުއްޔަށް ދޭ ދެ ކޮޓަރީގެ އެޕާޓްމެންޓެއް. ހަތް ލައްކަ ރުފިޔާ ނަގާފައި އިތުރު އެއްވެސް އެއްޗެއް ނުނަގާ ގޮތަށް އަށް އަހަރު ވަންދެން. ނުވަތަ އެއް މިލިއަން ރުފިޔާ ނަގާފައި 12 އަހަރު ވަންދެން އިތުރު އެއްވެސް އެއްޗެއް ނުނަގާ ގޮތަށް." މިއީ ވެސް ރަނގަޅު ވިޔަފާރިއެކެވެ. އޭރުން ދެ ކޮޓަރީގެ އެޕާޓްމެންޓެއް އެ ލިބެނީ ގާތްގަނޑަކަށް 7،000ރ. އަށެވެ. މާލޭގައި އާންމުކޮށް ދެ ކޮޓަރީގެ އެޕާޓްމެންޓެއް އޭގެ ދެ ގުނަ ބޮޑުކޮށް މިހާރު ކުއްޔަށް ދެ އެވެ. އެހެންވީމަ، ތިން އަހަރާ ބައިން އިންވެސްޓްމެންޓް ކަވަރުވެ، ޖެހިގެން އަންނަ ތިން އަހަރު ފައިދާގެ ގޮތުގައި މަހަކު 14000ރ. ލިބެން ފަށާނެ އެވެ. ހަމަ ރަނގަޅު ވިޔަފާރިއެކެވެ. ދެއަތް އުރާލައިގެން ހުރީމަ ނިމުނީ އެވެ. އެހެން އިޝްތިހާރެކެވެ. މިއީ އަދި މާ ރަނގަޅު ވިޔަފާރިއެކެވެ: "ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރާ ބިމެއް. އިމާރާތެއް ހަދައިގެން ކުއްޔަށް ދީގެން އާމްދަނީ ހޯދިދާނެ. ރަނުގެ ފުރުސަތެއް." އޭގައި އޮތް ނަންބަރަށް ގުޅާލައިފީމެވެ. އެ ބިމަކީ މާވެޔޮމަގާ ގުޅިފައިވާ ގޯޅިގަނޑެއްގައި ހުރި ގެއެކެވެ. ގޭގެ އޯނަރު އެ ބިމާ ބެހޭ ގޮތުން ތަފުސީލު ދެމުން، އޭނާގެ މުޅި ޕްލޭން އޮއްސާލި އެވެ. "އަޅުގަނޑު ބޭނުންވަނީ މި ބިމުގައި 10 ބުރީގެ ބިލްޑިންގެއް ހަދަން. އެކަމަށް މިހާރު ބޭނުން ވަނީ 2.5 މިލިއަން ރުފިޔާވަރު. ދެ ފްލޯ ނިމުނީމަ އެ ދެ ފްލޯ އަޅުގަނޑުމެން ދިރިއުޅެން ދެއްވާފައި ބޭންކުގައި މޯގޭޖްކޮށްގެން ލޯނު ލިބޭގޮތް ހެދިދާނެ. އަދި 20 އަހަރަށް އަޅުގަނޑުމެންނަށް އެގްރިމެންޓް ހެދިދާނެ. ކޮންމެ ފްލޯއެއްގައި ދެ ރޫމްގެ ދެ އެޕާޓްމެންޓް ހެދިދާނެ. ފަސް ބުރި އަޅުގަނޑުމެންނަށް. އަނެއް ފަސްބުރި ތިޔަ ބޭފުޅުންނަށް. ކޮންމެ ފްލޯއަކުންް މަހަކު 10،000ރ. އަޅުގަނޑުމެންނަށް ދެއްވީމަ ނިމުނީ،" އޭނާ ކިޔަދިނެވެ. ފޯނު ބާއްވާފައި އަރަތެއްހެން ހިސާބު ޖަހާލައިފީމެވެ. ޚުލާސާއަކީ މި އެވެ؛ އެކަމަށް އިންވެސްޓްކުރަންވީ 2.5 މިލިއަން ރުފިޔާ އެވެ. ދެން ހުރި ހުރިހާ ޒިންމާ ނަގާނީ އެތަނުގެ އޯނަރެވެ. އޭގެ ބަދަލުގައި އިންވެސްޓް ކުރާ ފަރާތަށް މި ލިބެނީ 20 އަހަރަށް ދެ ކޮޓަރީގެ 10 އެޕާޓްމަންޓެވެ. އެއިން ކޮންމެ އެޕާޓްމެންޓެއްގެ މަހު ކުއްޔަކީ މަހަކު 5،000ރ. އެވެ. އޭގެ ފައިދާ އަކީ ކޮންމެ އެޕާޓްމަންޓެއް 15،000ރ. އަށް މަހަކު ކުއްޔަށް ދިޔަ ނަމަވެސް، އެޕާޓްމަންޓަކުން 10،000ރ. ފައިދާވާނެ ކަމެވެ. އޭގެ އަނެއް މާނައަކީ 20 އަހަރުގެ ތެރޭގައި (އިންވެސްޓްމެންޓް 2.5 މިލިއަން ރުފިޔާ ކަނޑާފައި) ވިއްސަކަށް މިލިއަން ރުފިޔާ ފައިދާ ލިބޭ ކަމެވެ. ބިމުގެ އޯނަރަށް ލިބޭ ފައިދާއަކީ ބޭންކުންް ނަގަން ޖެހޭ ލޯނަށް ބަހައްޓަން ޖެހޭ ޑިޕޮސިޓް ލިބި، އޭނާގެ ދިރިއުޅުން ފަށަން ޖެހޭ ދެެ އެޕާޓްމެންޓް އޭނާ އެއްވެސް ޚަރަދެއް ނުކޮށް ހަދައި ނިމި، ބޭންކު ލޯނުން ބާކީ ބައި ހެދޭ ކަމެވެ. މިއީ ވެސް ވަރުގަދަ ވިޔަފާރިއެކެވެ. މާލޭގައި އުސްކޮށް ނަގާފައި ހުރި ބައެއް އިމާރާތްތައް: ފައިސާ ހުރި ނަމަ ވަންނަން ވީ ބިމުގެ ވިޔަފާރީގެ ތެރެއަށް --ހަވީރު ފޮޓޯ މިކަހަލަ ކިތަންމެ ފުރުސަތެއް އެބަހުއްޓެވެ؛ ހަގީގަތަކީ، މާލޭގައި އޮތް އެންމެ ބޮޑު ވިޔަފާރިއަކީ، އިތުރަށް ޝައްކެއް ވެސް ނެތް ގޮތަށް، ބިމުގެ ވިޔަފާރި ކަމެވެ. އެޕާޓްމެންޓް ހަދާފައި ކުއްޔަށް ދިނުމުގެ ވިޔަފާރި އެވެ. ބިންް ކުއްޔަށް ދިނުމާއި ބިމާ ގުޅޭ އެހެން ވިޔަފާރިތަކެވެ. ފައިސާ ހުރި ނަމަ މިއީ ބިލިނަރަކަށް ވެވޭނެ އެންމެ ފަސޭހަ ގޮތެވެ. ހަމައެއާ އެކު ދެން އޮތް އަނެއް ވިޔަފާރިއަކީ އެތަންތަނުން ނަގާ އެޑްވާންސްތަކެވެ. އެ އެޑްވާންސްއިން ތަންތަނުގެ އޯނަރުން ހިންގާ އެހެން ވިޔަފާރި އެވެ. އާޚިރުގައި މާލޭގެ ބިން މިއޮތީ ރަނަށް ވެ ނިމިފަ އެވެ. މާލޭގެ އެއްވެސް ބިމެއް ރަހުނު ކުރަން އެއްވެސް ބޭންކަކުން ޖެހިލުން ނުވާ މައިގަނޑު ސަބަބަކީ ވެސް މި އެވެ. މާލޭގެ ކުލިތައް މިހާރު އަންނަނީ ބޮޑުވަމުންނެވެ. ހަމައެއާ އެކު، މިކަން ބޮޑު ވިޔަފާރިއަކަށްވެ، ބައެއް ފަހަރަށް ކުލިތައް ކުޑަވެ، އެޑްވާންސްގެ ނަމުގަ އާއި ސެކިއުރިޓީ ޑިޕޮސިޓްގެ ނަމުގަ އާއި ޑިޕޮސިޓްގެ ނަމުގައި ނަގާ ފީތައް މި ދަނީ އިންތިހާ އަށް ބޮޑުވަމުންނެވެ. ދެ ކޮޓަރީގެ އެޕާޓްމެންޓެއް މަހަކު 6،000ރ. އަށް ލިބެއޭ ބުނުމުން "ހާދަ އަގުހެވޭ" ބުނެ ހުއްޓާލެވޭކަށް ނެތެވެ. އަނެއްކޮޅުން އެތަނަށް ދައްކަން ޖެހޭ އެޑްވާންސް ފައިސާގެ އަދަދު ފަސް ލައްކަ އަށް ވުރެ މައްޗަށް އެބަދެ އެވެ. އެ ފަސް ލައްކަ ރުފިޔާ އިން އެތަން ކުއްޔަށް ދޭ މީހާ ބިމެއް ހޯދައި އެތަން ހަދައިގެން އަނެއްކާ އެޑްވާންސް ނަގައިގެން އެހެން ތަނެއް އެބަހަދަ އެވެ. އައިބޭގައި މިހާރު ވެސް ދެ ކޮޓަރީގެ އެޕާޓްމެންޓެއް މަހަކު 6000ރ. އަށް ދޫކުރަން ޖަހާފައި އެބައޮތެވެ. އެކަމަކު އެޑްވާންސަށް ދެ ލައްކަ ރުފިޔާ ދައްކަން ޖެހެ އެވެ. އެއީ އާންމު މީހަކަށް ލާހިކު ކުޅަދާނަ ކަމެއް ނޫނެވެ. އެކަމަކު އެކަން ވާނެ މީހުން ވެސް ތިބޭނެ އެވެ. މާާލޭގެ އިތުރުން ވިލިނގިއްޔާއި ހުޅުމާލޭގައި ވެސް މި ވިޔަފާރި އޮތީ މެކުހަށް ޖަހައިފަ އެވެ. ބިން ވަނީ ރަނަށް ވުރެ ވެސް މާ އަގުހުރި އެއްޗަކަށް ވެފަ އެވެ. ބިމުގެ އަސްލު އަގަކީ މިހާރު ކޮބައިކަން ވެސް ދެނެނުގަނެވޭ ވަރަށް އެކިއެކި ގޮތްގޮތަށް މި ވިޔަފާރި މިއޮތީ އެނބުރިފަ އެވެ. ކުއްޔަށް ތަނެއް ނުލިބިގެން ކޮޅުކޮޅަށް މީހުން ދުވަމުންދާއިރު، ކުއްޔަށް ތަންތަން ހޯދައިދޭ ކުންފުނިތައް ވެސް ވަނީ އުފެދިފަ އެވެ. އޭގެ ތެރެއިން އެއް ކުންފުނި ކަމަށްވާ، ޕޭން ރިއަލް އެސްޓޭޓް އިން އިހަކަށް ދުވަހު ބުނީ، މާލެއިން ކުއްޔަށް ތަންތަން ބޭނުންވެގެން އުޅޭ މީހުންގެ ލިސްޓްގައި އަބަދު ވެސް 50 އަށް ވުރެ ގިނަ މީހުން ކިޔޫގައި ތިބޭ ކަމަށެވެ. "މިހާރު ވެސް އެ ލިސްޓް ވަރަށް ދިގު،" އެތަނުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ. އައިބޭ ކަހަލަ ވެބްސައިޓެއް ހާވާލުމުން ވެސް މިކަން އެނގެ އެވެ. އިޝްތިހާރު ޖަހާތާ ފަސް މިނެޓް ފަހުން އެތަނެއްގެ ޑީލް އޮންނަނީ ނިމިފަ އެވެ. ބޯހިޔާވަހިކަމުގެ ޑިމާންޑް އޮތީ ހައްދުން ނައްޓައިފަ އެވެ. މާލޭގައި ދިރިއުޅޭ މީހުންގެ އަދަދާ އެއްވަރަށް ތަންތަން އިތުރުވަމުންނެއް ނުދެ އެވެ. ހަމައެއާ އެކު، ތަންތަން މަދުވަމުންދާ ވަރަކަށް އިމާރާތްތަކުގެ ޑިމާންޑް ވެސް މި ދަނީ ހީވެސް ނުކުރާހާ މައްޗަށް އުފުލެމުންނެވެ. އެ ޑިމާންޑްގެ ފައިދާ ބައެއް މީހުން މި ދަނީ ބޮޑު ވިޔަފާރިއަކަށް ވެސް ބަދަލުކޮށްލަމުންނެވެ. ފައިސާ ހުންނަ މީހާ ތަންތަން ކުޑަ ކުއްޔަކަށް ހިފާފައި ބޮޑެތި އަގުތަކުގައި ދޫކުރުން ވެސް މިއޮތީ ފެށިފަ އެވެ. އެއީ ހީވެސް ނުކުރާ ވަރުގެ، ދިގު މުއްދަތަކަށް ބޮޑު ފައިދާއެއް ކުރާ ވިޔަފާރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ