މެމްބަރު ޑީޑީ އަށް ފަރުވާ ދިނުމަށް އިންޑިއާ އަށް ގެންގޮސްފި

ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާ އަށް ގެންގޮސްފި އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އޭނާ އިންޑިއާ އަށް ގެންދިއީ މީގެ ދެ ދުވަހެއް ކުރިންނެވެ. މެމްބަރު ޑީޑީގެ ގާތް މީހަކު ބުނި ގޮތުގައި ޑީޑީ އަށް ފަރުވާ ދެމުން ގެންދަނީ އިންޑިއާގެ ކެރެލާ ސްޓޭޓްގައި ހުންނަ، ހިތުގެ ބަލިތަކުގެ ހާއްސަ ހޮސްޕިޓަލެއް ކަމުގައިވާ ނިމްސް އިންނެވެ. އިންޑިއާއަށް ގެންދިއުމުގެ ކުރިން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދިޔަ ނަމަވެސް، ނިމްސްގައި ޑީޑީ އަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަން ޔަގީން ނުވާ ކަމަށް "ހަވީރާ" ވާހަކަ ދެއްކި މީހާ ބުންޏެވެ. "ހިތުގެ މައްސަލައިގެ އިތުރަށް ޑީޑީގެ ލޭގެ ޕްރެޝަ ވެސް ހުރީ ވަރަށް މަތީގައި. އެހެންވެ އެންޖިއޮގްރާމްގެ އިތުރުން އެހެން ޓެސްޓްތަކެއް ވެސް ހަދަން ޖެހިގެން އިންޑިއާ އަށް ގެންދާން ޖެހުނީ،" އޭނާ ބުންޏެވެ. "މިހާރު އަންނަނީ [ޑީޑީގެ] ހާލު ރަނގަޅުވަމުން." އައިޖީއެމްއެޗްގައި ޑީޑީ އެޑްމިޓްކުރީ މިމަހު 1 ގަ އެވެ. އެމްއެންޑީއެފްގެ ކުރީގެ މާލޭ އޭރިޔާ ކޮމާންޑަރު ޑީޑީގެ މައްޗަށް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވާއިރު، ހޮސްޕިޓަލްގައި އޭނާ އެޑްމިޓްކުރުމާ ގުޅިގެން އޭނާގެ ޝަރީއަތުގެ އަޑުއެހުންތައް ވަނީ މެދުކަނޑާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ