މަކުނުދޫގައި ފިހާރަ ފަޅާލި މީހުން ހޯދާ މާރާމާރީ ހިންގައިފި

ހދ. މަކުނުދޫ ފިހާރައެއް ފަޅާލައި ފޯނުތަކަކާއި ފައިސާ އާއި ގިނަ އަދަދެއްގެ މުދާ ރޭ ދަންވަރު ވަގަށް ނެގި ކަމަށް ބެލެވޭ ދެ މީހަކު ހޯދައި، ރަށުގެ ބަޔަކު އެމީހުންނާ މާރާމާރީ ހިންގައިފި އެވެ. މަކުނުދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށު "އަރިސްހިޔާ" ފަޅާލައިގެން ގިނަ އަދަދަދެއްގެ ތަކެތި ނެގި ކަމަށް ބެލެވޭ އެ ރަށު ކުޑަކުއްޖަކާއި ޒުވާނަކު ފުލުހުންގެ އެހީގައި ހޯދުމަށް ފަހު ބަޔަކު އެ މީހުންނާ މާރާމާރީ ހިންގާފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ރަށުގެ ބައެއް މީހުން އެ ދެމީހުންނާ މާރާމާރީ ހިންގީ ވައްކަންކުރި ކަމަށް އެއްބަސް ނުވުމުންނެވެ. އަދި މާރާމާރީގައި އެ މީހުންނަށް އަނިޔާވެފައިވާ ކަމަށާއި ނަމަވެސް ސީރިއަސް ގެއްލުމެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ފަހުން އެ މީހުން ވައްކަންކުރި ކަމަށް އެއްބަސްވެ، ވަގަށް ނެގި ބައެއް ތަކެތި ދައްކާފައިވާ ކަމަށް އޭނާ ބުންޏެވެ. ވައްކަންކުރި މީހުން ފުލުހުން ހައްޔަރުކުރި ނަމަވެސް، އެކަން ކުރި ކަމަށް އެމީހުން އެއްބަސް ނުވުމުން ރައްޔިތުން ނިކުމެ އެމީހުން ވަނީ ހިފަހައްޓާފަ އެވެ. އަދި ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ އެ ރަށު ވިރާހު އަހުމަދު ސުހައިލާއި 18 އަހަރުން ދަށުގެ ކުއްޖާ ރަށުގެ މީހުން ނޫޅޭ ހިސާބަކަށް ގެންގޮސް އެ ދެ މީހުންނާ ރައްޔިތުން ސުވާލުކުރަމުންދާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެކަމަކު އެތަނުގައި ފުލުހުން ވެސް ހަރަކާތްތެރިވާ ކަމަށް އޭނާ ބުންޏެވެ. "ވަގަށް ނެގި ތަކެތި ހުރީ ރަށުގެ އެކި ހިސާބުތަކުގައި ފޮރުވާފައި. ކާ އެއްޗެއްސާއި ސެންޓު ފަދަ ތަކެތި، މީހުން އާއްމުކޮށް ގޮސް ނޫޅޭ ހިސާބުގައި ހުންނަ މަސް ގަންނަ ފެކްޓަރީއެއްގެ ތެރޭގައި ފޮރުވާފައި ހުރި. އަދި ގިނަ އަދަދެއްގެ ރެޑްބުލް އާއި ސިނގިރޭޓް ކާޓޫންތަކާއި ފައިސާ ކުނިގޮނޑުގައި ހުރި. ބައެއް ފައިސާ އެމީހުންގެ ގެއިން ވެސް ފެނިފައިވޭ،" އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އޭނާ ބުނީ ފިހާރައިގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވަދެ، އެތަނުން ވަގަށް ނެގި ތަކެތީގެ އަގު ގާތްގަނޑަކަށް 18،000ރ. އަށް އަރާނެ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުސް އޮފީހުން ހަމައެކަނި ބުނީ މައްސަލަ ތަހުގީގުކުރުމަށް ފުލުހުން އެ ރަށުގައި ހަރަކާތްތެރިވާ ކަމަށެވެ. އެ ވައްކަމާ ގުޅިގެން އެ ރަށުން މިއަދު އޮތީ މީހުން ފުރުން މަނާކޮށްފަ އެވެ. ނަމަވެސް ކޮންމެހެން ރަށުން ބޭރަށް ދާން ޖެހޭ މީހުންގެ ފޮށިތަންމަތި ކައުންސިލުން ޗެކްކުރުމަށް ފަހު ފުރުމުގެ ހުއްދަ ދެ އެވެ. "ހަގީގަތުގައި އެމީހުން ރާވާފައި އޮތީ ވައްކަންކުރުމަށް ފަހު މިއަދު ފެރީ އަށް އަރައިގެން ދާން. އެކަމަކު ރަށުން އެއްވެސް އެއްޗެއް ނުފުރޭ ގޮތަށް އޮތީމަ ނުފިލުނީ،" މަކުނުދޫ ޒުވާނަކު ބުންޏެވެ. ފުލުހުން މައްސަލަ ތަހުގީގުކޮށް ނުނިމޭތީ ރަށުން ބޭރަށް ފުރުމުގެ ހުއްދަ އެ ރަށު ކައުންސިލަކުން ނުދެ އެވެ. އަދިމައްސަލައިގެ ތަފްސީލެއް ވެސް ކައުންސިލަކުން ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ