ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާ މިރޭ

ރާއްޖޭގައި ދެވޭ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް، ހަވީރު ސްޕޯޓްސް އެވޯޑްސް ދިނުމުގެ ހަފުލާ މިރޭ އޮންނާނެ އެވެ. މިދިޔަ އަހަރުގެ ކުޅިވަރުގެ ތަރިންގެ އަގުވަޒަންކުރުމަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބާއްވާ ހަފުލާ ޓީވީއެމުން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މިރޭގެ ހަފުލާގައި ރާއްޖޭގެ މަޝްހޫރު ގިޓަރިސްޓް ފަސީ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) ގެ ހަރަކާތްތައް އޮންނާނެ އެވެ. މިރޭގެ އެވޯޑް ހަފުލާގައި ފުޓްބޯޅަ އާއި ވޮލީބޯޅައިގެ އެވޯޑްތައް ދޭނެ އެވެ. ހަވީރުގެ ޓްރޮފީއާ 30،000ރ. ހުށަހަޅާފައިވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ނިއު ރޭޑިއަންޓުގެ އަލީ ފާސިރު (ސެންޓޭ) އާއި ކްލަބް އީގަލްސްގެ އިސްމާއިލް އީސާ (މެސީ) އާއި މާޒިޔާގެ މުހައްމަދު އާރިފް (ބަކާ) އާއި އަސަދުﷲ އަބްދުﷲ އަދި މިދިޔަ އަހަރު މާޒިޔާ އަށް ކުޅެ މިހާރު ނިއު އަށް ބަދަލުވެފައިވާ އަސްހަދު އަލީ (އަޑުބަރޭ) އެވެ. ހަވީރުގެ ޓްރޮފީއާ 15،000ރ. ހުށަހަޅާފައިވާ ހަވީރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރަނީ މިދިޔަ ސީޒަނުގައި ނިއު އަށް ދިރާގު ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދިން ފިންލެންޑުގެ މިކާ ލޮމްސްޓްރޮމް އާއި މާޒިޔާ އަށް އެފްއޭ ކަޕް ކާމިޔާބުކޮށްދިން އަލީ ސުޒޭން އަދި އީގަލްސް ގައުމީ ފައިނަލަށް ގެންގޮސްދިން އިހުސާން އަބްދުލްގަނީ (ސާންތީ) އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސް ހަފްލާއެއްގެ މުހިއްމު ވަގުތުކޮޅެއްގައި ތިން ކުޅުންތެރިޔަކު އެކަކު އަނެކަކަށް މަރުހަބާކިޔަނީ. --ހަވީރު ފައިލް ފޮޓޯ ހަވީރުގެ ޓްރޮފީއާ 15،000ރ. ހުށަހަޅާފައިވާ އެންމެ މޮޅު ރެފްރީގެ މަގާމަށް ވާދަކުރަނީ އަހުމަދު ޝިފާން އަބްދުއްރަހީމާއި އަހުމަދު އަފްސަހު އަދި ތަޖުރިބާކާރު ރެެފްރީ އަހުމަދު އަމީޒެވެ. މިއީ އަފްސަހު މި މަގާމަށް ވާދަކުރާ ފުރަތަމަ ފަހަރެވެ. އަމީޒު ވަނީ މި އެވޯޑް ތިން ފަހަރު ހާސިލްކޮށްފަ އެވެ. މިދިޔަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) އާއި ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) އަދި އީގަލްސްގެ ހަމްދާން އިބްރާހިމް އެވެ. މިއީ މި ތިން ކުޅުންތެރިން ވެސް ހަވީރު އެވޯޑަށް ވާދަކުރާ ފުރަތަމަ ފަހަރެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގެ ފެށުން ކަމަށްވާ، ރަންބޫޓު މިދިޔަ ސީޒަނުގައި ހޯދި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ހަވީރު ރަން ބޫޓާ އެކު 20،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ. ހަވީރު ޓްރޮފީއާ އެކު 25،000ރ. ހުށަހަޅައިފައިވާ އަހަރުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ އެންމެ ފަހު ދެ ފަހަރު އެވޯޑް ކާމިޔާބުކުރި ދިވެހި ސިފައިންގެ ކްލަބުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި އަޝްފާގް އާދަމް (އައްކަޅޭ) އާއި ޕޮލިސް ކްލަބުގެ އިޝާން މުހައްމަދު (ބަޓިސް) އަދި އަލީ ހުޒާމެވެ. މިދިޔަ އަހަރުގެ ހަވީރު ސްޕޯޓްސް އެވޯޑްސް ހަފްލާގައި އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި އައިޝަތު ޝައްފަ (މ) އިތުރު ދެ ކުޅުންތެރިޔަކާ އެކު ސްޓޭޖުގައި: މިއީ ކުޅިވަރު ތަރިން އެންމެ އުއްމީދުކުރާ އެވޯޑް.--ހަވީރު ފައިލް ފޮޓޯ ހަވީރުން 2010 ވަނަ އަހަރު ތައާރަފްކުރި 21 އަހަރުން ދަށުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ ސްޕޯޓްސް ކްލަބް ސިޓީގެ އަހުމަދު ފާޒިލާއި ހުސެއިން ވިޝާމް (ބުޅިކޭ) އަދި ޕޮލިހުގެ މުހައްމަދު ޝާއިން އެވެ. ހަވީރުން 2008 ވަނަ އަހަރުން ފެށިގެން ހޮވަމުން އަންނަ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ މި އެވޯޑް އެންމެ ފަހުން ހޯދި، ޕޮލިހުގެ އައިޝަތު ޝައްފަ އާއި ހައްވާ ރާޝިދާ އާއި މަރިޔަމް އަޒީފާ އާއި ކްލަބް އިމިގްރޭޝަންގެ އައިޝަތު މާޖިދާ އަދި ނައިފަރު ޖުވެނައިލްގެ އައިމިނަތު އަރީޝާ އެވެ. ހަވީރުން ހޮވާ 21 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ އަރީޝާ އާއި އަޒީފާގެ އިތުރުން އިމިގްރޭޝަންގެ ހައްވާ ޝަހާ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޖަޖުންނަށް ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން ހަނދާނީ ލިޔުން ދެއްވަނީ. --ހަވީރު ފައިލް ފޮޓޯ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރުންނަކީ އުރީދޫ އާއި މޯލްޑިވިއަން އަދި އެސްޓީއޯ އެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ސީހައުސް، އެމްއެޗްްއޭ އަދި ސޮނީ ސްޕޯޓްސް އެވެ. މީޑިއާ ޕާޓްނަރަކަށް އެމްބީސީ ހަމަޖައްސާފައިވާއިރު ކޭޓަރިން ޕާޓްނަރަކީ ސަލްސާ ކޭޓަރިން އެވެ. އެޑްވަޓައިޒިން ޕާޓްނަރަކީ ތިންކް އެސޯސިއޭޓްސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ