އަޅުގަނޑަށް ތާއީދުކުރާ ނަމަ ވޯޓް ދޭނީ ޔާމީނަށާއި ޖަމީލަށް: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ ނަމަ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށާއި އޭނާގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް އިތުބާރު ކޮށް، ވޯޓް ދިނުމަށް މައުމޫން މިރޭ އެދިވަޑައިގެންފި އެވެ. ށ. ފޮނަދޫގައި ބޭއްވި ޕީޕީއެމްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ވަރަށް މުހިއްމު އިންތިހާބެއް ކަމަށާއި އެ އިންތިހާބުގައި އިހުތިޔާރުކުރާ ގޮތެއްގެ ސަބަބުން ރާއްޖެއަށް އުފާ ފާގަތިކަން ނުވަތަ ގެއްލުންވާނެ ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތީ ދެ ހިޔާލެކެވެ. މައުމޫން ވިދާޅުވި ގޮތުގައި އެއީ ބިނާކުރަނިވި ގޮތެއްގައި ކަންކަން ބައްޓަންކުރުމުގެ ހިޔާލާއި ފަނާކުރަނިވި ގޮތެއްގައި ކަންކަން ކުރުމުގެ ހިޔާލެވެ. އެގޮތުން، ރަނގަޅު މަގަކީ ޕީޕީއެމްގެ މަގު ކަމަށާއި ވޯޓް ދޭންވީ ޔާމީނަށާއި ޖަމީލަށް ކަމަށް މައުމޫން ވިދާޅުވި އެވެ. "އެހެން އަޅުގަނޑު މިދަންނަވަނީ ހަމައެކަނި އަޅުގަނޑުމެންގެ ޕާޓީ، ޕީޕީއެމް ވީމަ އެއް ނޫން. އެހެން އަޅުގަނޑު މިދަންނަވަނީ މި ދެ ބޭފުޅުންގެ ގާބިލިއްޔަތު ކަމަށް ބަލާފައި. މި ދެ ބޭފުޅުންގެ ގައިގައި އެބަހުރި ރާއްޖެ ކުރިއަށް ގެންދިޔުމުގެ ވިސްނުން،" މައުމޫން ވިދާޅުވި އެވެ. ވެރިކަމަށް އިންތިހާބުކުރާ ކޮންމެ މީހެއްގެ ކިބައިގައި ކުރިއަށް ދާނެ ގޮތުގެ ވިސްނުމާއި އެކަން ހާސިލްކުރާނެ ގޮތުގެ ތަސައްވުރެއްގެ އިތުރުން ގައުމަށް އަމާނާތްތެރި ވުމުގެ ސިފަ ހުންނަން ޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ޔާމީންގެ ޝަހުސިއްޔަތުގައި އެކަންކަން އެބަހުރި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ