ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސަކަށް ފަޒާދު، ނައިބަކަށް އަބްދުﷲ މުހައްމަދު ދީދީ
ފުވައްމުލަކު އަތޮޅު ކައުންސިލުން ހުސްވެފައިވާ ގޮނޑި އަށް މެމްބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނަށް ފަހު، ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިން ނައިބު ރައީސަކަށް ހުންނެވި އަލީ ފަޒާދު ހޮއްވެވުމަށް ފަހު، ބައި އިލެކްޝަން ކާމިޔާބުކުރެއްވި ޕީޕީއެމްގެ މެމްބަރު އަބްދުﷲ މުހައްމަދު ދީދީ ކައުންސިލްގެ ނައިބު ރައީސަކަށް ހޮވައިފި އެވެ. މި ދެ މެންބަރުން އެ ދެ މެގާމަށް ހޮވީ މިދިޔަ ހޯމަ ދުވަހު ބޭއްވި އަތޮޅު ކައުންސިލްގެ ބައްދަލުމުގައި ނެގި ވޯޓުންނެވެ. ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ފަޒާދު ރައީސަކަށް ހޮވިފައިވަނީ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ހަ މެމްބަރުންގެ އިއްތިފާގުންނެވެ. ބައި-އިލެކްޝަންގައި ޑީއާރްޕީ އާއި އެމްޑީޕީ މެމްބަރަކާ އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބުކުރެއްވި، އަބްދުﷲ މުހައްމަދު ދީދީ ނައިބު ރައީސަކަށް ހޮވިފައިވަނީ އަތޮޅު ކައުންސިލުގައި އުތުރު ދާއިރާ ތަމްސީލްކުރައްވާ އެމްޑީޕީގެ މެމްބަރު އިބްރާހީމް ފިކުރީއާ ވާދަކޮށްގެންނެވެ. ނައިބު ރައީސަކު ހޮވުމަށް ނެގި ވޯޓުގައި އަބްދުﷲ އަށް ހަތަރު ވޯޓް ލިބުނު އިރު، ފިކުރީ އަށް ލިބިފައިވަނީ ދެ ވޯޓެވެ. އަބްދުﷲ ވަނީ ހޯމަ ދުވަހު މެމްބަރުކަމުގެ ހުވާ ވެސް ކުރައްވައިފަ އެވެ. އަތޮޅު ކައުންސިލުގެ ރައީސަކު ހޮވުމަށް ހޯމަ ދުވަހު ވޯޓް ނެގުމަށް ފަހު، ނައިބް ރައީސަކު ހޮވުން ފަސްކުރުމަށް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެމްބަރަކު އެދިވަޑައިގަތެވެ. ނަމަވެސް ހަމަ އެ ދުވަހު ނައިބަކު ހޮވުމަށް ވެސް ކައުންސިލުގެ އަޣުލަބިއްޔަތު ތާއީދުކޮށްފައިވާތީ ނާއިބު ރައީސް ވެސް ހޮވީ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ. ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެދު ދާއިރާގެ ބައި-އިލެކްޝަން ބޭއްވީ، ކައުންސިލްގެ ރައީސަކަށް ކުރިން ހުންނެވި އެމްޑީޕީގެ މެމްބަރު ހަސަން ސައީދުގެ މައްޗަށް ސާބިތު ދަރަންޏެއްގެ މައްސަލަ ސާބިތުވެ މެމްބަރުކަމުގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ