ރީތިރަށް ރިސޯޓުން ވަކިކުރި ކޮންމެ މީހަކަށް ބަދަލުގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ ދީފި

ރީތިރަށް ރިސޯޓުން 2009 ވަނަ އަހަރުގެ ތެރޭގައި ވަކިކުރި ނުވަ މުވައްޒަފުންގެ ތެރެއިން ކޮންމެ މީހަކަށް ބަދަލުގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ އެ ރިސޯޓުން ދީފައިވާ ކަމަށް އެ މީހުން ބުނެފި އެވެ. އެ ނުވަ މީހުން އެ ރިސޯޓްގެ ވަޒީފާއިން ވަކިކުރީ ނޮވެމްބަރު-ޑިސެމްބަރު 2008 ގައި އެ ރަށުގައި ކުރި މުޒާހަރާތަކާ އެކު އުފެދުނު ހަމަނުޖެހުމެއްގައި އެ މީހުން ބައިވެރިވާ ކަމަށް ބުނެ އެވެ. ނަމަވެސް ޝަރީއަތުން އެ މީހުންގެ މައްޗަށް އެކަން ސާބިތެއްނުވެ އެވެ. އަދި ބަދަލު ހޯދުމަށް ޓޫރިޒަމް އެމްޕްލޮޔާޒް އެސޯސިއޭޝަން )ޓީމް( އިން އިސްނަގައިގެން ސިވިލް ކޯޓަށް ވެއްދި މައްސަލަ 2010 ގައި ނިމުނުއިރު ހުކުމްކޮށްފައި ވަނީ އެ މީހުންގެ ވަޒީފާ އިއާދަކުރުމަށާއި ވަޒީފާއިން ކަނޑާލި ދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ. ޓީމްގެ ޖެނެރަލް ސެކްރެޓަރީ އަދި ވަޒީފާއިން ވަކިކުރި މީހުންގެ ތެރޭގައި ހިމެނޭ މައުރޫފް ޒާކިރު މިއަދު "ހަވީރަ"ށް ވިދާޅުވީ ބަދަލުގެ ގޮތުގައި އެ ނުވަ މުވައްޒަފުންގެ އެކައުންޓަށް ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެ ރިސޯޓުން ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި އެ ފައިސާ ޖަމާކޮށްދިނީ ފައިސާ ޖަމާކޮށްނުދީގެން އެކައުންޓްތައް ފްރީޒް ކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސިވިލް ކޯޓުން އަމުރުކުރުމުން ކަމަށެވެ. އެ ނުވަ މީހުން ވަޒީފާއިން ވަކިކުރީ އެޕްރީލް 13، 2009ގަ އެވެ. "މިދިޔަ އަހަރު އޮކްޓޯބަރު އެކެއްގައި ޖަމާކޮށްދިނީ އެ ފައިސާ، ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ޖަމާކޮށްދީފައި ހުރި. ނުވަ ލައްކަ އަށް ވުރެ ގިނައިން ހުރީ ކޮންމެ ކުއްޖަކަށް ވެސް ޖަމާކޮށްދީފައި،" މައުރޫފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފައިސާ ދިން ނަމަވެސް ވަޒީފާ އިއާދަކޮށްދީފައި ނުވާ ކަމަށާއި އެ މައްސަލަ ވެސް މިހާރު ކޯޓަށް ވައްދާފައިވާ ކަމަށެވެ. އެހެން ނަމަވެސް ވަޒީފާ އިއާދަކުރުމުގެ ނަމުގައި ލޮޖިސްޓިކް ޑިޕާޓްމަންޓެއް އުފައްދައި އެ ކުންފުނީގެ މާލޭ އޮފީހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިން ކަމަށް އޭނާ ވިދާޅުވި އެވެ. "އެ ހަމަތައް އަޅުގަނޑުމެން ގަބޫލު ނުކުރާތީ ވަޒީފާ އިއާދަނުކޮށް ދިން މައްސަލަ ކޯޓުގައި އަދިވެސް އެބަ ހިނގާ. ނަމަވެސް އެ ރިސޯޓުން ބޭނުންވި ވަރަށް ބޮޑަށް އެ ކަންތައްތައް ހައްލުކުރަން،" މައުރޫފް ވިދާޅުވި އެވެ. ބަދަލުގެ ގޮތުގައި ލިބުނު ފައިސާއިން ވަކިވަރެއް ކޮންމެ މުވައްޒަފަކު ވެސް ޓީމް އަށް ހަދިޔާ ކޮށްފައިވާ ކަމަށާއި އެ ފައިސާއިން ޓޫރިޒަމް ސިނާއަތަށް މީހުން ތަމްރީންކުރާނެ ހާއްސަ މަރުކަޒެއް އުފައްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލައިގައި ރިސޯޓްގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެ ރިސޯޓްގެ ބަހެއް ވަނީ މިއަދު ލިބޭގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ