ސުޕްރީމް ކޯޓުގެ ބެންޗްގައި ހިމެނި ވަޑައިގަންނަވާ ހަތް ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް ހާޒިރު ކުރަން މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި ފާސް ކޮށްފި އެވެ.
މިނިވަން މުއައްސަސާތަކާބެޙޭ ކޮމިޓީއަށް ސުޕްރީމް ކޯޓުގެ ބެންޗް ހާޒިރު ކުރަން ހުށަހެޅީ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރެވެ. އަލީ ވަހީދުގެ ހުށަހެޅުން ކޮމިޓީން ފާސްކުރީ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެތިބި ހަތަރު މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ހަތް ފަނޑިޔާރުން ހާޒިރު ކުރަނީ ސުޕްރީމް ކޯޓުގެ "ކޮންސްޓިޓިއުޝަނަލް ކްރައިސިސް" އާ ބެހޭގޮތުން އިލްމީ ދިރާސާއެއް ކުރުމަށް ވެސް މިއަދު ކޮމެޓީގައި ބުންޏެވެ.
އަލީ ވަހީދު ވިދާޅުވީ ޖުޑީޝަރީން އުޅެނީ މަޖިލީހާ ޖައްސާލައިގެން ކަމަށާއި ވަކިން ހާއްސަކޮށް އެމްޑީޕީއާ ޖައްސާލައިގެން އުޅޭ ކަމަށެވެ. ސުޕްރީމް ކޯޓުން މަޖިލިސް މެމްބަރުން ބްލެކް މެއިލް ކުރަމުންދާ ކަމަށާއި އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެމްބަރުން ކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރާއި ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އިތުރުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ ގޮނޑި ގެއްލުވާލާނެކަމުގެ އިންޒާރު ސުޕްރީމް ކޯޓުން ދެމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ ހަތް ފަނޑިޔާރުން މާދަމާ ނޫނީ މިރޭ ކޮމިޓީއަށް ހާޒިރު ކުރަން ފެންނަ ކަމަށާއި ހާޒިރު ކުރާ ބައްދަލުވުން ކުރިއަށް ގެންދަން ފެންނަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށެވެ. ހުށަހެޅުމަށް ތާއީދު ކުރެއްވި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ވިދާޅުވީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ އިލްމީ ގާބިލް ކަމާމެދު ސުވާލު އުފެދޭ ކަމަށާއި އެ ފަނޑިޔާރުންގެ ސީވީ އަދި ތައުލީމީ ލިޔެ ކިޔުންތައް ކޮމިޓީ އަށް ހޯދައި ފަނޑިޔާރުންނަކީ އިލްމީ ގޮތުން ގާބިލު ބައެއްތޯ ބަލަން ޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކޮމިޓީއަށް ހާޒިރު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ