ވެލެންސިއާ ގޮވައިގެން ފައިސަލް އެފްއޭއެމަށް

މުސާރަ ނުދޭތީވެ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް އެފްއޭއެމަށް ސިޓީ ފޮނުވައިފަ އެވެ.
ވީ ނިއުސްއަށް ކޮޕީ ލިބިފައިވާ ސިޓީގައި ފައިނަލް ބުނެފައިވަނީ މިދިޔަ ޖުލައި މަހުން ފެށިގެން އޭނާ އަށް މުސާރަ ނުދޭތީވެ މާލޭގައި ދިރިއުޅެން ދަތިވެފައިވާ ކަމަށެވެ. މި ގޮތުން އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ކުލިވެސް ނުދެއްކޭ ކަމަށާއި ވެލެންސިއާގެ ޗެއާމަން އިބްރާހީމް ރާއީ ރަޝީދު ފޯނު ކުރުމުން ވެސް ޖަވާބު ނުދޭ ކަމަށެވެ.
ފައިސަލް ބުނީ ވެލެންސިއާއިން އޭނާ އަށް ދެ މަހާއި ބައިގެ މުސާރަ އަށް 25000ވުރެ ގިނަ ފައިސާ ދޭން ޖެހޭ ކަމަށެވެ. އަދި އެންމެ ފަހުން މުސާރަދިނީ ޖުލައި މަހު ކަމަށެވެ. މި ގޮތުން ޖުލައި މަހު ފުރަތަމަ ދެ ފަހަރެއްގެ މަތީން ދީފައިވަނީ އެ މަހު ލިބެންޖެހޭ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށެވެ.
ފައިސަލް ވެލެންސިއާ ގޮވައިގެން އެފްއޭއެމަށް ދިޔައީ އެކުލަބަކަށް ސީޒަން ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި އެއްވެސް މައްސަލައެއްއޮތްނަމަ އެފްއޭއެމަށް މައްސަލަ ހުށަހަޅަން ކުޅުންތެރިންނަށް ފުރުސަތު ލިބިދީފައިވާތީ އެވެ.
އަބުދުﷲ ޖާބިރު ވެލެންސިއާ ހިންގި ދުވަސްވަރު ކަމަށްވާ 2009 ވަނަ އަހަރު ވެލެންސިއާ އަށް ކުޅުނު ބިދޭސީ ކުޅުންތެރިންގެ މުސާރައިގެ މައްސަލާގައި ފީފާއިން ރެލިގޭޓްކޮށްފާނެ ކަމުގެ ބިރު ހީވެފައިވާ ވެލެންސިއާގެ ދަރަނި ދައްކަން ހަވާލުވެފައިވަނީ އެކުލަބުގެ މުއައްސިސް ހިޔަލީ މުހައްމަދު ރަޝީދެވެ. އަދި ފައިސަލްގެ އިތުރުން މިހާރު ވެސް 2011 ވަނަ އަހަރު ވެލެންސިއާ އަށް ކުޅުނު ތިން ކުޅުންތެރިއަކު ވެސް ވަނީ މުސާރަ ނުދޭތީވެ އެފްއޭއެމަށް މައްސަލަ ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ