ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވިދާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު: އުމަރު

2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ޕީޕީއެމްގެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރެވިދާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށް އެޕާޓީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގައި ހުންނަވައިގެން ސީއެންއެމަށް ފޮނުއްވެވި މެސެޖެއްގައި އުމަރު ނަސީރު ވިދާޅުވެފައިވަނީ، ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ޕްރައިމަރީގައި ކޮންމެ ބޭފުޅަކާއި ވާދަ ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ކާމިޔާބު ކުރެވިދާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ.
ނަމަވެސް ޕީޕީއެމްގެ ލީޑަރު ރައީސް މައުމޫނު އަބުދުލް ގައްޔޫމު ކުރިމަތިލައްވާ ނަމަ ނުވަތަ ވަކި މީހަކަށް ތާއިދު ކުރުމަށް އެދިވަޑައިގެންފި ނަމަ ވާދަ ނުކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވެފައިވެއެވެ.
ސިންގަޕޫރުގައި ހުންނެވުމަށްފަހު މިމަހުގެ 14 ވަނަ ދުވަހު އެނބުރި މާލެވަޑައިގެން މީޑިއާތަކާއި ބައްދަލު ކުރައްވާ އުމަރުވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެފައެވެ.
މާސްޓާސްގެ އެންމެ ފަހު އިމްތިހާނުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު މާލެ ވަޑައިގެން ޕީޕީއެމްގެ ސަޕޯޓަރުންނާއި އެކު ހުންނަވައިގެން އުމަރު ވިދާޅުވީ ތައުލީމީ ގޮތުން ބަލާއިރު ވެސް މިހާރު އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް ކަމަށް އުމަރު ނަސީރު ވިދާޅުވެފައިވާ އިރު، ޕީޕިއެމްގެ ލީޑަރު ރައީސް މައުމޫނު ވާދަ ނުކުރައްވާނަމަ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު އަބުދުﷲ ޔާމީންވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ