ކުޅިވަރުގައި ދަރިވަރުން ހޯދާ ކާމިޔާބީތައް ފާހަގަކުރުން ވެސް މުހިންމު: ރައީސް ޔާމީން

ސްކޫލް ފެންވަރުގައި ފާހަގަކުރަން ޖެހެނީ ހަމައެކަނި ކިޔެވުމުގެ ތެރެއިން ދަރިވަރުން ހޯދާ ކާމިޔާބީތައް ނޫން ކަމަށާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ހުނަރު ލިބިފައިވާ ދަރިވަރުންގެ އަގު ވެސް ވަޒަންކުރަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވި އެވެ. ސްކޫލްތަކުގައި ކުޅިވަރުން ފާހަގަކުރެވޭ ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މައިލޯ ގުޅިގެން ދޭން ފެށި "މައިލޯ ކަލާސް އެވޯޑްސް" ގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުޅިވަރާއި މުނިފޫހިފިލުވުމުގައި ހުނަރުވެރި ދަރިވަރުން ފާހަގަކުރުމަކީ ރަނގަޅު ސްކޫލް ސިސްޓަމެއްގެ ތެރޭގައި ކުރަން ޖެހޭ ކަމެއް ކަމަށެވެ. "އާންމުކޮށް މަދަރުސާގައި ކިޔެވުމުގެ ތެރެއިން ރަން ވަނަ ހޯދާ ކުދިންގެ އަގު ވަޒަންކުރުމަށް ބޭއްވޭ ޖަލްސާތައް މި ފެންނަނީ. ޝައްކެއް ނެތް ގޮތުގައި އެއީ އެންމެ މުހިންމު ޖަލްސާތައް. އެހެން ނަމަވެސް އެއާ އެކީ ހަމަ އެހާ މުހިންމު ކަމެއް ދީގެން ކުރަން ޖެހޭ ކަމެއް ކުދިންގެ ކުޅިވަރާއި، ޓެލެންޓާއި މުނިފޫހިފިލުވުމުގެ މަސައްކަތުގެ ތެރެއިން އެ ކުދިން ފަންނު ދެއްކުމަށް ކުރާ މަސައްކަތް ފާހަގަކުރުމަކީ. އެއީ ސްކޫލް ސިސްޓަމެއްގެ ތެރެއިން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ. "ސްކޫލްގައި ކިޔަވާ ކަމަށް ވަންޏާ ސްކޫލްގެ ތެރޭގައި އެކިއެކި ކުޅިވަރު ހަރަކާތްތަކުގައި، ޓެލެންޓުގައި، ރެކްރިއޭޝަންގައި ކުޅިވަރުގައި ބައިވެރިނުވާ ކަމަށް ވަންޏާ ހޯލްސަމް ކުއްޖެއް އުފައްދަން ކުރާ މަސައްކަތެއް ނުކުރެވޭނެ. އެހެންވީމާ ކުޅިވަރު ކުޅުމަކީ ކޮންމެހެން ވެސް، ކޮންމެ ސްކޫލް ކުއްޖަކު އެކަމަށް ލޯބިކުރަން ޖެހޭ، ޝައުގުވެރިވާން ޖެހޭ ކަމެއް." ރައީސް ވިދާޅުވީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން މައިލޯ އިން މި އެވޯޑް ބާއްވަން ވަރަށް ބޮޑު އެހީތެރިކަމެއް ދީފައިވާ ކަމަށާއި އެހެންވެ ސަރުކާރުގެ ނަމުގައި މައިލޯ އަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރައްވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި ކުޅިވަރު ކުޅޭ ކޮންމެ ދަރިވަރެއްގެ އުންމީދަކަށް ވާން ޖެހޭނީ ރާއްޖޭގެ ގައުމީ ޓީމުން ޖާގަ ހޯދައި، ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރުން ކަމަށެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ފުޓްބޯޅަ ކުޅޭ ހަމަ ކޮންމެ ކުއްޖަކު އަލީ އަޝްފާގަކަށް ވާން ބޭނުންވާނެ އެވެ. އަދި ގައުމީ ޓީމުގެ ޖޯޒީ ލުމަކީ ކުޅިވަރުގެ ދާއިރާގައި އެންމެ ކުރިއަށް ދިއުން ކަމަށާއި ކޮންމެ ކުއްޖެއްގެ އުންމީދަކަށް އަދި ހުވަފެނަކަށް ވާންވާނީ ވެސް ގައުމީ ދިދަ ހިއްލައިލުން ކަމަށް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ 50 ވަނަ މިނިވަން ދުވަސް ފާހަގަކުރާއިރު، އެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބޮޑު ދައުރެއް އަދާކުރަން ޖެހޭނީ ސްކޫލް ދަރިވަރުން ކަމަށެވެ. "އަންނަ އަހަރު މަދަރުސާ ކުދިންނަށް ހާއްސަކުރެވޭ އަހަރެމެންގެ ގޯލްޑަން ޖުބިލީ އިންޑިޕެންޑެންސް. މި އައިޓަމް ލިބެން ޖެހޭނީ ތި ކުދިންނަށް،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އިޒްރޭލުން ގާޒާ އަށް ދޭ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީންގެ ކުޑަކުދިންގެ ހާލާ މެދު ހަމްދަރުދީވެ، ދިވެހި ދަރިވަރުން އެކަން ހަނދާންކުރަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ