މުޒާހަރާތަކުގައި ކުޑަކުދިން ބައިވެރި ކުރާ ބެލެނިވެރިންނާ ދޭތެރޭ ފިޔަވަޅު އަޅާނަން: އުމަރު

މުޒާހަރާތަކުގައި ބައެއް ބެލެނިވެރިން "ނިވާފަތްގަނޑެއްގެ ގޮތުގައި" ކުޑަކުދިން ބޭނުން ކުރަމުންދާ ކަމަށާއި އެފަދަ ބެލެނިވެރިންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ދެއްވައިފި އެވެ. ޗެނަލް 13 ގެ "ހައިބަރާއި އޮއިވަރު" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ބައެއް ސިޔާސީ ޕާޓީތަކުގެ މުޒާހަރާތަކުގައި "ހިއުމަން ޝީލްޑެއްގެ" ގޮތުގައި ބައެއް ބެލެނިވެރިން ކުޑަކުދިން ބޭނުން ކުރަމުންދާ ކަމަށާއި އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ފަރާތްތައް ޖެންޑާ މިނިސްޓްރީން ވެސް ފާހަގަ ކުރަމުން ގެންދާނެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ. "އެފަދަ ބެލެނިވެރިންނާ ދޭތެރޭ އަޅުގަނޑުމެން ފިޔަވަޅު އަޅާނަން. ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިކޮށްގެން ނުވާނެ. އެއީ ކޮންމެ ޕާޓީއެއްގެ ބަަޔަކަށް ވިޔަސް ސިޔާސީ ހަރަކާތްތަކުގައި ނިވާފަތްގަނޑެއްގެ ގޮތުގައި ކުޑަކުދިން ބޭނުމެއް ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. "އެފަދަ ބެލނިވެރިންނާ ދޭތެރޭ ފިޔަވަޅު އެޅިގެންދާ ތަން އަންނަ ހަފުތާގެ ތެރޭފައި ފެނިގެން ދާނެ." "މިންޖުވާން" ގެ ނަމުގައި އެމްޑީޕީން އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން. ހަވީރު ފޮޓޯ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން މާލޭގައި މިހާރު ބާއްވާ މުޒާހަރާތަކުގައި ވެސް ކުޑަކުދިން ބައިވެރި ކުރަމުންދާތީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްކޮށްފަ އެވެ. އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީތަކަކުން ގުޅިގެން މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިކުރުމުގެ ސަބަބުން އެ ކުދިންނަށް އެކި ވަރުގެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ލިބެމުންދާތީ ކަންބޮޑުވާ ކަމަށެވެ. އެޗްއާރްސީއެމުން ބުނީ ގާނޫނު އަސާސީގެ 35 ވަނަ މާއްދާ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި ކުޑަކުދިންގެ ނާޖާއިޒު ފައިދާއެއް އެއްވެސް ގޮތަކުން ނެގުން މަނާކޮށްފައި ވަނިކޮށް ސިޔާސި އެކި ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރި ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "ވީމާ ރާއްޖޭގައި ހިންގާ ސިޔާސީ ހަރަކާތްތަކުގައި ޅަފުރައިގެން ކުދިން ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމަކަށް ވާތީ މިފަދަ ހަރަކާތްތަކުގައި ކުދިން ބައިވެރިނުކުރުމަށް ބެލެނިވެރިންނަށާއި ސިޔާސީ ޕާޓީތަކަށް އަދި އާންމުކޮށް ދިވެހި އެންމެހާ ރައްޔިތުންނަށް ގޮވާލަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ