ޖޭޕީގެ ވެރިކަމުގައި ފުލުހުންނާއި ސިފައިންނަށް ގެއްލުން ލިބޭ އަމަލެއް ނުހިންގޭނެ: ގާސިމް

ޖޭޕީގެ ވެރިކަމެއްގައި ފުލުހުންނާއި ސިފައިންނަށް ނިކަމެތިކަން ލިބޭ ފަދަ އެއްވެސް އަމަލެއް ހިންގުމުގެ ފުރުސަތު އެއްވެސް ރަށެއްގެ އެއްވެސް ކައުންސިލަކަށް ނުދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން މިރޭ ގދ. މަޑަވެލީގައި ބޭއްވި ޖަލްސާގައި ވާހަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ފެބްރުއަރީ މަހުގެ ހަތެއްގައި ރައީސް މުޙައްމަދު ނަޝީދު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު ޖެހިގެން އައި ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފުލުހުންގެ މުއައްސަސާތަކާއި ކޯޓުތަކުގައި ހުޅުޖަހާ އަންދާލަފައިވާ ކަމަށާއި އެދުވަހު ދިން ގެއްލުމާއި ގުޅިގެން ބައެއް ރަށްރަށުގައި ފުލުހުން ރައްޔިތުންނަށް ހިދުމަތް ދެމުންދަނީ ދަތި ހާލުގައި ކަމަށެވެ. ނަމަވެސް ޖޭޕީގެ ވެރިކަމެއްގައި ސިޔާސީ ކޮންމެ ފިކުރަކަށް ނިސްބަތްވިޔަސް ރަށްރަށުގެ ކައުންސިލްތަކަށް ފުލުހުންނާއި ސިފައިންނަށް ނިކަމެތިކަން ލިބޭގޮތަށް ކަންކަން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފެބްރުއަރީ އަށެއްގައި ހުޅުޖެހި ތަންތަނަށް ލިބުނު ގެއްލުން ފެނިވަޑައިގަތުމުން ކަރުނަ އައި ކަމަށާއި، ބައެއްގެ ނުބައި ރޭވުމުގައި ޖެހި އެފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ގދ. ހޯނޑެއްދޫގައި މަސްފެކްޓްރީއެއް ހަދަން އެމަނިކުފާނަށް ދީފައިވާ ބިމުގައި ކުރިއަށްދާ މިލިއަން ޑޮލަރުގެ ޕްރޮޖެކްޓްގެ މަސައްކަތަށް ލަސްކަމެއް އައިސްފައިވާ ކަމަށާއި، އެ ގޮތް މެދުވެރިވީ ހޯނޑެއްދޫގެ ބައެއް ރައްޔިތުން ކުރިން އެމަސައްކަތް ކުރަން ނިންމާފައިވާ ގޮތަށް އެކަން ކުރުމުގައި ހިޔާލު ތަފާތުވުންތަކެއް އުފެދުމުން ކަމަށެވެ. ނަމަވެސް ހޯނޑެއްދޫގައި ވިލާ ގުރޫޕުން ކޮށްފައިވާ 16 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓުގެ މަސައްކަތް ހޯނޑެއްދޫ އާއި މަޑަވެލީގެ ރައްޔިތުން ކުރިއަށް ގެންދަން ބޭނުންވާނަމަ ކުރިއަށް ގެންދަވާނެ ކަމަށާއި، އެ ފެކްޓްރީގައި ބޭނުންކުރަންޖެހޭ މެޝިނަރީވެސް ރާއްޖެއަށް ގެނެސްފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.
"ހޯނޑެއްދޫ ފެކްޓްރީގެ ސަބަބުން ހޯނޑެއްދޫ އާއި މަޑަވެލި އަދި މުޅި މި ސަރަހައްދަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ. ނަމަވެސް ފެބްރުއަރީ އަށެއްގައި އެ ފެކްޓްރީގައިވެސް ބަޔަކު ވަނީ ހުޅުޖަހާފައި. އެކަމާއި ގުޅިގެން ލިބުނު ގެއްލުން އެތައް މިލިއަން ރުފިޔާ އަށް އަރާ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ