ޤައުމަށް ބޭނުންތެރި އަހުލާގު ރަނގަޅު ދަރިންތަކެއް މުޖުތަމައަށް ނެރެން މަންމައިން ކުރަމުންދާ ބުރަ މަސައްކަތްތަކަކީ މުޖުތަމައުން ބަލައިގަންނަންޖެހޭ މަސައްކަތްތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައެވެ.
ޤާސިމް އިބްރާހިމްގެ ބަޔާނުގައި ވިދާޅުވީ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް އެޒިންމާ އަދާކުރުމުގައި މަންމައިން ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ދިވެހި މުޖުތަމައަށް މިއަދު ތަފާތު ގިނަ އިޖުތިމާއީ މައްސަލަތަކެއް ކުރިމަތިވެފައިވާކަން ހާމަކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ އެފަދަ މައްސަލަތަކާއި ގުޅިގެން ބައެއް ކުދިންގެ އަހްލާޤަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާއިރު، ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މަންމައިން މުހިއްމު ދައުރެއް އަދާކުރަންޖެހިފައިވާ ކަމަށެވެ.
އަދި ދަރިން ތަރުބިއްޔަތު ކުރުމަށް މަންމައިން ކުރަމުންދާ މަސައްކަތަށް މުޅި މުޖުތަމައުގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށްވެސް ޤާސިމް އިބްރާހިމްގެ ބަޔާނުގައި ވަނީ އެދިވަޑައިގެންފައެވެ.
މިބަޔާނުގައި ޤާސިމް އިބްރާހިމް ވިދާޅުވީ ދަރިއަކު ތަރުބިއްޔަތު ކުރުމަށް މައި މީހާ އުފުލާ ވޭނާ ބުރަޔަކީ ދަރިން ތާއަބަދަށް ހަނދާންކުރަންޖެހޭ ޝުކުރުވެރިން ހައްޤު ޤުރުބާނީއެއް ކަމަށާއި މަޔަކު ދަރިއަކަށް ކޮށްދޭ ހިދުމަތަކީ ދުވަހަކުވެސް އަގު އަދާ ނުކުރެވޭނެ ހިދުމަތަކަށްވާތީ މަންމައިން ދަރިންނަށް ކޮށްދޭ ހިދުމަތުގެ އަގު އަބަދުވެސް އަދާ ކުރުމަށް މުޖުތަމައުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
ޤާސިމް އިބްރާހިމްގެ ބަޔާން ނިންމަވާލައްވާފައިވަނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ މަންމައިންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވަމުންނެވެ.
މަންމައިންގެ މަސައްކަތް މުޖުތަމައުން ބަލައިގަންނަންޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ