ފައިސަލް ފައުންޑޭޝަންގެ ފަރާތުން ކާށީދޫ ދާއިރާގެ ދެރަށް ކަމުގައިވާ ކާށީދޫ އަދި ގާފަރުގައި ކުރިޔަށް ގެންދިޔަ ޝަހީދު އާދަމް ހަލީމް ގުރުއާން މުބާރާތް ނިމިއްޖެ އެވެ.
ފައިސަލް ފައުންޑޭޝަނާއި، ކާށިދޫ ޕޮލިސް ސްޓޭޝަނާއި، ކ.އަތޮޅު މަދުރަސާއާއި، ގާފަރު ސްކޫލުގެ އެއްބާރުލުމާ އެކު ކާށިދޫ އަދި ގާފަރުގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ކިޔެވުން ކުރިޔަށް ގެންގޮސްފައިވަނީ ދެ ރަށުގައި ވަކިވަކިންނެވެ.
ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ ފައިސަލް ފައުންޑޭޝަންގެ ފަރާތުން މުޅި މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް އުމްރާ ދަތުރެއް ހުށާޙަޅާފައިވާ މި ގުރުއާން މުބާރާތް ޝަރަފުވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު އެވެ.
މި މުބާރާތަކީ ފައިސަލް ފައުންޑޭޝަންގެ ފަރާތުން ކާށިދޫ ދާއިރާގައި ބާއްވާ 2 ވަނަ ގުރުއާން މުބާރާތައްވީ ނަމަވެސް މިއީ ފައިސަލް ފައުންޑޭޝަންގެ 6 ވަނަ ގުރުއާން މުބާރާތެވެ. މި ފަހަރުގެ މުބާރާތް ހާއްސަކޮށްފައިވަނީ ކ. ކާށިދޫގައި ރަހުމް ކުޑަގޮތަކަށް މަރާލާފައިވާ ޕޮލިސް ކޯޕްރަލް ޝަހީދު އާދަމް ހަލީމްގެ ހަދާނުގައެވެ.
3 ގާރީއަކު ފަނޑިޔާރުކަން ކުރެއްވި މި މުބާރާތުގެ ނަތީއްޖާ ފާޅުކުރުން އޮންނާނީ އަންނަ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ. މިދިޔަ އަހަރު ފައިސަލް ފައުންޑޭޝަނުން ބޭއްވި ގުރުއާން މުބާރާތުން 1 ވަނަ ހޯދައިގެން އުމްރާ ދަތުރު ހާސިލް ކޮށްފައި ވަނީ ކ. ކާށީދޫ އާބަހާރުގޭ މުހައްމަދު ޒާއިން އަޝްރަފް އެވެ.
ޝަހީދު އާދަމް ހަލީމް ގުރުއާން މުބާރާތް ނިމިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ