ނޮވެމްބަރު 3ގައި ރާއްޖޭގައި ބާޣީންގެ ސަރުކާރެއް އެކުލަވާލުމަށް ހިންގި ޖަރީމާ އިން ގިނަ ފިލާވަޅުތަކެއް ދިވެހިން ލިބިގަންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހާ ގުޅިގެން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި މައުމޫންގެ ފަރާތުން އެ މަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫން އިއްވެވި ހިތާބެއްގައި ވިދާޅުވީ ނޮވެމްބަރު 3، 1988ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއަކީ ދިވެހިންގެ މަދު ބަޔަކާއި ލަންކާގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ފުނޑުފުނޑުކޮށްލައި ރާއްޖޭގައި ބާޣީންގެ ސަރުކާރެއް އެކުލަވާލުމަށް ހިންގި ޖަރީމާއެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މީގެ 25 އަހަރު ކުރިން ބޭރުގެ ކުލީ ސިފައިންގެ ބަޔަކާއި ދިވެހިންގެ ބަޔަކު ގުޅިގެން ހިންގި އަނިޔާވެރި ހާދިސާ އިން ގިނަ ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމަށެވެ. އޭގެ އިން ފުރަތަމަ ފިލާވަޅަކީ އިސްލާމް ދީން ހިމާޔަކޮށް، އެ ދީނުގެ މަތީގައި ދިވެހިން ސާބިތުވެ ތިބުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެހެން ދީންތަކުގެ ނުފޫޒުތަކާއި ލާދީނީ ވިސްނުންތަކާއި ހިޔާލުތައް ރާއްޖެ އަށް އަޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަނެއް ފިލާވަޅަކީ އެ އުދުވާނީ ހަމަލާގައި ދިވެހި ހާއިނުންގެ ބަޔަކު ވާކަން އަބަދުމެ ހަދާން ބެހެއްޓުން. އެބައިމީހުންގެ ނުބައި ރޭވުންތަކުން ގައުމު ސަލާމަތް ކުރުމަށް ޓަކައި ހޭލާ ތިބުން،" މައުމޫން ވިދާޅުވި އެވެ.
މައުމޫނު ވިދާޅުވީ އެ ދުވަހު ދިވެހިންނަށް ލިބުނު ކާމިޔާބީ އަށް ހިތްވަރުގަދަ ސިފައިންނަށާއި އެ ހާދިސާގައި ރާއްޖެ އަށް އެހީތެރިވެދެއްވި އިންޑިއާގެ ސަރުކާރަށާއި އެގައުމުގެ ސިފައިންނަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.
ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ވަނީ ޝަހީދުކޮށްލައިފަ އެވެ.
ބާޣީ ސަރުކާރެއް އެކުލަވާލުމަށް ހިންގި ޖަރީމާ އިން ގިނަ ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ