ރައީސް ގެންދަވަނީ ހުމާމުގެ އިންސާނީ ހައްޤުތަކަށް އަރައިގަންނަމުން - ޑރ. ޝަހީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ގެންދަވަނީ، މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ހ.ލޮބީ، ހުސައިން ހުމާމްގެ އިންސާނީ ހައްޤުތަކަށް އަރައިގަންނަމުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އދ. ގެ ސްޕެޝަލް ރެޕެޓުއާ އޮން ފްރީޑޮމް އޮފް ރިލިޖަން އޮފް ބިލީފް (ދީނީ މިނިވަންކަން) ކަމުގެ މަޤާމުގައި ހުރި ޑރ. އަހްމަދު ޝަހީދު ބުނެފިއެވެ.
ޑރ. ޝަހީދު މިގޮތަށް ބުނެފައި ވަނީ، ހުމާމް ދޫކޮށްލުމަށް ރަސްމީ ސިފައެއްގައި އެންގުމެއް އަންގާފައި ނުވާކަމަށް ރައީސް ސޯލިހު ވިދާޅުވުމާއި ގުޅިގެން އެ ވާހަކަފުޅަށް އިޝާރާތްކޮށް ކުރި ޓްވީޓެއްގައެވެ.
ޝަހީދު ބުނީ، އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީން ލަފާ ދީފައިވާ ގޮތާއި މެދު ސުވާލު އުފައްދަންޖެހޭ އެއްވެސް ސަބަބެއް ސަރުކާރަށް އޮވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން ހުމާމް ދޫކޮށްލުމަށް އަންގާފައި ނުވާކަމަށް ރައީސް ވިދާޅުވާނަމަ އެމަނިކުފާނު ދަނީ އެނގިވަޑައިގެން ހުންނަވާ މަރުގެ ހުކުމް އިއްވާފައިވާ ފަރާތެއްގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ކަމަށް ޑރ. ޝަހީދު ބުންޏެވެ.
ޝަހީދު އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ކަން ކޮށްފައިވާ މީހެކެވެ. އޭރުގެ ސަރުކާރުގައި އޭނާ ވަނީ ދީނީ މިނިވަން ކަން ކަމަށް ބުނެ އިސްލާމް ދީނުގެ ބައެއް އަސްލުތަކާއި އުސޫލުތަކަށް ފާޅުގައި ގޮން ޖަހާ ފާޑު ކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ