ރާއްޖޭގައި ރާޅުން ކަރަންޓު އުފެއްދުމާއި ގުޅޭ ތަހުލީލުތައް ފަށަނީ!

ދިވެހި ރާއްޖޭގައި ރާޅުން ކަރަންޓު އުފެއްދުމާއި ގުޅޭގޮތުން ތަހުލީލުތަކެެއް ހަދަން ރާއްޖޭގެ ކުންފުންޏަކުން ތައްޔާރުވެއްޖެއެވެ.
މި މަސައްކަތް ކުރުމަށް ތައްޔާރުވަމުން ދަނީ ޓެންޑާން ކޮންސަލްޓެންސީންނެވެ.
މިއަދު މާގިރި ހޮޓެލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާސިމް ރިޒާ ވިދާޅުވީ، ރާޅުން ކަރަންޓު އުފެއްދުމާއި ގުޅޭގޮތުން ތަހުލީލު ހެދުމަށް މިހާރު އެ ކުންފުނިން ވަނީ ތައްޔާރުވެފައި ކަމަށެވެ.
އޭނާ ވިދާޅުވީ، މި ތަހުލީލުތައް ހެދުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ވޭވް ސްވެލް އެނާޖީއާ ގުޅިގެން ކަމަށެވެ. އަދި އެ ސާވޭތަކުގެ މަސައްކަތް އަންނަ އަހަރުގެ ޖަނަވަރީ މަހުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މި މަޝްރޫއަށް 107.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި މިހާތަނަށް އެ މަޝްރޫއު ކުރިޔަށް ގެންދާނީ ވަކި ކޮން އަތޮޅެއްގައިކަން ނިންމާފައި ނުވާކަމަށާއި، ބޮޑަށް ލަފާކުރެވޭ ގޮތުގައި މަޝްރޫއު ކުރިޔަށް ގެންދާނީ މާލެ ސަރަހައްދުގައި ނުވަތަ ދެކުނުގެ ސަރަހައްދެއްގައި ކަަމަށް އޭނާ ވިދާޅުވިއެވެ.
"މި ޕްރޮޖެކްޓް ކާމިޔާބު ވެއްޖެނަމަ ރާއްޖޭގެ ކަރަންޓުގެ އަގު ވަރަށް ބޮޑަށް ހެޔޮ ކުރެވޭނެ... އެގޮތުން ގާތްގަނޑަކަށް މިހާރަށްވުރެ 10 ގުނަނ އަގުހެޔޮވާނެ. މި ދައްކަނީ މާދަމާގެ ވާހަކައެއް ނޫން. މީގެ 5 ނުވަތަ 6 އަހަރު ފަހުގެ ވާހަކަ". ރިޒާ ވިދާޅުވިއެވެ.
ރިޒާ އިތުރަށް ވިދާޅުވީ މިއީ ތިމާވެއްޓައް އެއްވެސް ގެއްލުމެއް ލިބޭނޭ ޕްރޮޖެކްޓެއް ނޫން ކަމަށާއި، އަދި މި ސިސްޓަމް ޤާއިމްކުރެވިއްްޖެ ނަމަ، 25 ނުވަތަ 30 އަހަރު ވަންދެން މި ސިސްޓަމް ހުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ