ހުޅުމާލޭގެ ކަރަންޓު ކެޕޭސިޓީ 100 މެގަވޮޓަށް އިތުރުކުރަން އަމާޒު ހިފައިފި

ހުޅުމާލޭގެ ކަރަންޓުގެ ކެޕޭސިޓީ 100 މެގަވޮޓަށް އިތުރުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޑެޓް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ މިހެން ވިދާޅުވީ، ޕީ.އެސް.އެމް ނިއުސްގެ އެކްސްކްލޫސިވް ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ނެވެ.
މުގުނީ ވިދާޅުވީ ބްރިޖު މެދުވެރިކޮށް އިންޓަރ-ކަނެކްޝަން ކޭބަލް އެޅުމުގެ މަސައްކަތް ނިންމާ، އަންނައަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ޕަވަރގްރިޑް އެއްކޮށް ގުޅުވާލެވޭނެ ކަމަށެވެ. އަދި ބްރިޖު މެދުވެރިކޮށް މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާ އިންޓަރ-ކަނެކްޝަން ކޭބަލަކީ 100 މެގަ ވޮޓާއި ހަމައަށް ކަރަންޓް ޓްރާންސްފަރކުރުމުގެ ޤާބިލުކަން ލިބިފައިވާ ކޭބަލްތަކެއްކަމަށެވެ.
އެހެންކަމުން ހުޅުމާލޭގެ ޕަވަރ ކެޕޭސިޓީ 100 މެގަވޮޓާއި ހަމައަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް،،މީގެ އިތުރަށް އިންޓަރ-ކަނެކްޝަން ކޭބަލް އަޅާ ނިމި، ހުޅުމާލޭ އައު އިންޖީނުގެ އޮޕަރޭޝަނަށް ގެނެވުމާއެކު އެކުންފުނީގެ ކަރަންޓުގެ ޚިދުމަތް އޮޓޮމެޓިކް ނިޒާމަކަށް ބަދަލުކުރެވިގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯ އިން ދަނީ، ގްރޭޓަރ މާލޭ ސަރަހައްދުގެ ކަރަންޓް ޔޫސޭޖް އިތުރުވަމުންދާތީ، ޑިމާންޑާއި އެއްވަރަށް ޚިދުމަތް ދިނުމަށް މާލޭ ސަރަޙައްދުގެ ޕަވަރ ސެކިއުރިޓީ ވަރުގަދަ ކުރުމަށް މަޝްރޫއެއް ހިންގަމުންނެވެ.
އެގޮތުން ސިނަމާލެ ބްރިޖު މެދުވެރިކޮށް، މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓް ވިއުގާ ގުޅާލުމުގެ މަޝްރޫއު ނިމުމުން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ލުއިފަސޭހަވެގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި ޖަނަރޭޓަރުތައް އޯވަރލޯޑުވެގެން ކަރަންޓު ކެނޑޭ މައްސަލަ ނިމުމަކަށް އައިސް، ޕަވަރ ޝޯޓޭޖެއް އަތުވެއްޖެ ނަމަވެސް، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކަރަންޓު އަލުން ފޯރުކޮށްދެވޭނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ