ރައްޔިތުން ކަންބޮޑުވާނެ އެއްވެސް ކަމެއް ބަޖެޓުގައި ނެތް - ރިފާއު

ދިވެހި ރައްޔިތުން ކަންބޮޑުވާނެ އެއްވެސް ކަމެއް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ނެތް ކަމަށާއި ބަޖެޓުގައި ހުރިހާ ސަރަހައްދަކަށް ތަރައްގީ އަންނާނެ ކަންކަން ހިމަނާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
ރިފާއު މިހެން ވިދާޅުވި ނަމަވެސް އިދިކޮޅު އެމްޑީޕީން ބުނަމުން ދަނީ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ގެއްލުންދެނިވި ބަޖެޓެއް ކަމަށާއި ބަޖެޓުގެ ސަބަބުން ބޮޑު އަނދަވަޅަކަށް ވެއްޓުން އެކަށީގެންވާ ކަމަށެވެ. އަދި ބަޖެޓުގައި ޕީޕީއެމްގެ މެނިފެސްޓޯގައި ހުރި ކަންކަން ހިމަނާފައިނުވާ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2015 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރައްވަމުން ރިފާއު ވިދާޅުވީ މިފަހަރުގެ ބަޖެޓުން ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވާ ކަމަށެވެ.
ރިފާއު ވިދާޅުވީ ބަޖެޓާއި ގުޅިގެން ޝަކުވާތަކެއް އެބަހުރި ކަމަށާއި އެގޮތުން މާލޭގައި ފެން ބޮޑުވާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި ކުއްލިއަކަށް މުޅި މާލެ "އެއް ފުށުން އަނެއް ފުށަށް" ޖެހުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް ފެން ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ރިފާއު ވަނީ މާލެ ސިޓީ ކައުންސިލަށް އެއްވެސް ކަމެއް ނުވާ ކަމަށް ވިދާޅުވެ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ބަޖެޓު ބޮޑުކުރަންވީ ކީއްވެގެންތޯ ސާފުކޮށްދިނުމަށް ވެސް ރިފާއު އެދިވަޑައިގެންފައެވެ. ސިޓީ ކައުންސިލްގެ އެއް ދައުރު ފުރިހަމަވަމުން އަންނައިރު މާލެއަށް އެއްވެސް ކަމެއް ކޮށްދެވިފައިނުވާ ކަމަށް ރިފާއު ވިދާޅުވިއެވެ.
ޕީޕީއެމް ސަރުކާރަކީ ވަކި ބަޔަކަށް ނުވަތަ ވަކި ޕާޓީއަކަށް ހިދުމަތް ކުރަން އައި ސަރުކާރެއް ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅަކީ ކޮންމެ ރައްޔިތަކީ ވެސް ހަމަހަމަ ބައެއްގެ ގޮތުގައި ދެކިގެން ހިދުމަތް ދިނުން ކަމަށް ވެސް ރިފާއު ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ވިސްނުންފުޅަކީ ކޮންމެ ރައްޔިތަކީ ވެސް ހަމަހަމަ ރައްޔިތެއް، (ގޮތުގައި ދެކިގެން) އެމީހަކަށް ދޭން ޖެހޭ ހިދުމަތް، (ދިނުން) އެ ދާއިރާއެއްގައި ހުރީ އެމްޑީޕީ މެންބަރެއް ކަމުގައިވިޔަސް، އެހެން ޕާޓީއެއްގެ މެންބަރެއް ކަމުގައިވިޔަސް ހަމަހަމަ ކަމާއިއެކު ކޮށްދެއްވާނެ ޔަގީންކަން އަރުވަން." ރިފާއު ވިދާޅުވިއެވެ.
މި ޖަލްސާގައި ރިފާއު ވަނީ ރައީސް ޔާމީންގެ ސަރުކާރުން ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ކޮށްދިން ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވާފައެވެ. އަދި ކުރިއަށް ތަނުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި ބެހޭގޮތުން ރިފާއު ވާހަކަދެއްކެވިއެވެ.
އެގޮތުން 65 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަ 5000 ރުފިޔާ ކުރިއަށް އޮތް އަހަރު ވެސް ލިބޭނެ ކަމާއި 1900 އަށްވުރެ ގިނަ ހައުސިންގ ޔުނިޓުތައް އެޅިގެންދާނެ ކަމާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމާއި ޓާޝިއަރީ ތިން ހޮސްޕިޓަލެއް އަޅައި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތައް މަރާމާތުކުރެވިގެންދާނެ ކަން ރިފާއު ފާހަގަކުރެއްވިއެވެ.
2015 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި 24.3 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު ބަޖެޓުގައި ރިކަރެންޓު ހަރަދުގެ ގޮތުގައި ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 15.8 ބިލިއަން ރުފިޔާއެވެ. މި ބަޖެޓުގެ 35 އިންސައްތަ ހަރަދުވާނެ ކަމަށް ބެލެވެނީ ކެޕިޓަލް ހަރަދަށެވެ. ކެޕިޓަލް ހަރަދަށް ބަލާއިރު އެންމެ ބޮޑު ހަރަދެއް ދަނީ ޕަބްލިކް ސެކްޓަރ ޕްރޮގްރާމްސްގެ މަޝްރޫއުތަކަށާއި ލޯން ދެއްކުމަށް ކުރާ ހަރަދެވެ.
2015 ވަނަ އަހަރުގެ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 21.5 ބިލިއަން ރުފިޔާއެވެ. މީގެތެރޭގައި ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރާ 13 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތަށް ލިބޭނެ ކަމަށް ކަމަށް ލަފާކުރާ 6.8 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 1.7 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި އާމްދަނީ ހުށަހަޅާ ކަންތައްތަކުން ލިބޭނެ ކަމަށް ލަފާ ކުރާ 3.4 ބިލިއަން ރުފިޔާ ވެސް ހިމެނިފައިވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ