ޝަހީދު ހުސައިން އާދަމްގެ މައިންބަފައިން ހައްޖަށް ދިއުމަށް ފުރައިފި

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހި ޙާއިނުންގެ ބަޔަކު ޓެރަރިސްޓު ޖަމާއަތަކާއި ގުޅިގެން ރާއްޖެ އަރައި ހިންގި އުދުވާނުގައި ޝަހީދުވެގެންދިޔަ ކޯޕްރަލް ހުސެއިން އާދަމްގެ ބައްޕަ އާދަމް މުހައްމަދާއި މަންމަ އައިޝަތު ހަސަން ހައްޖަށް ދިއުމަށް ފުރައިފި އެވެ.
މިރޭ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޖަލްސާގައި، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރަގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އިއްޔެ ފަތިހު ޝަހީދު ހުސައިން އާދަމްގެ މައިންބަފައިން ހައްޖަށް ފުރާފައި ވާ ކަމަށެވެ.
ހުސެއިން އާދަމްގެ ބައްޕަ އާއި މަންމަ ހައްޖަށް ފޮނުވުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ކަމަށް ނިހާން މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.
ނިހާން މިރޭ ވިދާޅުވީ، ޝަހީދު ހުސައިން އާދަމްގެ މައިންބަފައިން ހައްޖަށް ފޮނުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި، ކުރީގެ ރައީސް މައުމޫނާއި، އަދި އެދެބޭފުޅުންގެ ޢާއިލާގެ ބައެއް ބޭފުޅުންގެ އިތުރުން ނިހާން ވެސް އެހީތެރިވެދެއްވާފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން ނިހާން ވިދާޅުވީ، އެދެމީހުން އެކަނި ދަތުރުކުރުމަށް އުނދަގޫ ވާނެތީ، އެދެމީހުންގެ ދޮށީ ދަރިފުޅު ވެސް ހައްޖަށް އެމީހުންނާ އެކު ދެވޭނެ އިންތިޒާމަށް އެދުމުން އެކަން ވެސް ހަމަޖައްސައިދެއްވާފައި ކަމަށާއި އެ ތިން ފަރާތް ވެސް މިހާރު ވަނީ ހައްޖަށް ފުރާފައި ކަމަށެވެ.
“ވަގުތަށް” އެނގިފައިވާ ގޮތުގައި އާދަމް މުހައްމަދާއި އައިޝަތު ހަސަން ހައްޖަން ފޮނުވުމުގައި ފައިސާގެ ގޮތުން އެހީތެރިކަން ދެއްވާފައިވަނީ ރައީސް މައުމޫންގެ އަންހެން ކޮއްކޮއެއްގެ ފިރިމާހާ އަދި ނަސަންދުރާ ހިންގެވުމާއި ހަވާލުވެހުންނެވި އަހުމަދު މަނިކެވެ. އަހުމަދު މަނިކަކީ ރައީސް ޔާމީންގެ ވެސް ޅިޔަނެކެވެ.
ސިފައިންގެ މައި މަރުކަޒަށް ހަމަލާދިން ވަގުތު އެމަރުކަޒުގެ މައި ގޭޓުގައި ޓާސްކް ފޯސް ޑިއުޓީގައި ތިއްބެވި ދެބޭކަލުންގެ ތެރެއިން އެއްބޭކަލަކީ ކޯޕްރަލް ހުސެއިން އާދަމް އެވެ. ދުޝްމިނުން ދެމުންގެންދިޔަ ބަޑީގެ ނުރައްކާތެރި ހަމަލާތަކުން ސިފައިންގެ މައި މަރުކަޒު ދިފާއުކުރެއްވުމަށްޓަކައި މަސައްކަތްކުރައްވަމުން ގެންދަވަނިކޮށް، އެހަމަލާއިން ކޯޕްރަލް ހުސެއިން އާދަމް ހަށިގަނޑުގެ އެތަން މިތަނަށް ވަޒަން އަރައި ޝަހީދުވި އެވެ.
ކޯޕްރަލް ހުސެއިން އާދަމްއަކީ މިއުދުވާނީ ހަމަލާގެ އެންމެ ފުރަތަމަ ވަގުތުކޮޅުގެ ތެރޭގައި ސިފައިންގެ މައި މަރުކަޒު ދިފާއުކުރެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި، ކެރުމާއި ހިތްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާ ބަތޮލެކެވެ.
ކޯޕްރަލް ހުސެއިން އާދަމް ޝަހީދުވިއިރު އޭނާ ސިފައިންގެ ހިދުމަތުގައި އުޅުއްވާތާ 4 އަހަރާއި 5 މަހާއި 24 ދުވަސްވެއްޖެ އެވެ.
ކޯޕްރަލް ހުސެއިން އާދަމްގެ ހިތްވަރުގަދަ ގައުމީ ޖިހާދުގެ އަގު ދިވެހި ދައުލަތުން ވަޒަންކުރައްވާ ޕްރައިވެޓެއްގެ މަގާމުން ކޯޕްރަލްގެ މަގާމުގެ ކުރިއެރުންދެއްވާ ހުރަވީ ރަން މެޑަލް އާއި ޖިހާދުގެ ރަތް މެޑަލް އާއި ތިނެއް ނޮވެމްބަރުގެ މެޑަލް ދެއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ