ޝަހީދު ކޯޕްރަލް އަބްދުﷲ ޒުހެއިރު – ޝަހީދުކޮށްލީ ވަސަންތީގެ ގްރޫޕްއިން

ކޯޕްރަލް އަބްދުﷲ ޒުހައިރު ޝަހީދުވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ހުޅަނގު ގޭޓު ޑިއުޓީގައި ހުންނަވަނިކޮށް ދުޝްމަނުންދިން ބަޑީގެ ހަމަލާއަކުންނެވެ.
ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަތިހު 4 އިން 6 އަށް ޑިއުޓީގައި ހުންނަވަނިކޮށް ކޯޕްރަލް އަބްދުﷲ ޒުހައިރަށް ދުޝްމިނުން ހަމަލާދިންއިރު އޭނާ ހުންނެވީ ބަޑީގެ ބަޓް ބިންމަތީގައި ޖައްސާލައިގެން ކަނާތުން ބަޑީގައި ހިފަހައްޓައިގެންނެވެ.
އެވަގުތު ފުލުސް އޮފީސް ގޭޓުން ސިފައިންގެ އެތެރެއަށް ވަންނަން އައި ވަސަންތީގެ ގްރޫޕުން ވަސަންތީ އާއި ޖޫލިއާ އާއި ދެމީހުން ފާށަނާ ބިލްޑިންގ ގޯތިތެރެއަށްވަދެ މަގުމަތީފާރުން ކަވަރު ނަގަމުން ރައީސް އޮފީހާއި ދިމާލަށް ދުވެފައި ގޮސް މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނާއި ދިމާލުން މަގު ފާރު ދޮރުކައިރީ ތިބެގެން ބަޑި ޖަހައި އަބްދުﷲ ޒުހެއިރު ޝަހީދުކޮށްލި އެވެ.
އަބްދުﷲ ޒުހައިރު ޝަހީދުވެފައިވަނީ ސިފައިންގެ ޑިއުޓީގައި ހުންނަވަނިކޮށް ކަމަށްވާތީ ދިވެހި ދައުލަތުން މިކަން ފާހަގަކުރައްވާ ޕްރައިވެޓްގެ މަގާމުން ކޯޕްރަލްއެއްގެ މަގާމަށް ކުރިއެރުންދެއްވާ ހުރަވީ ރިހި މެޑަލް އާއި ތިނެއް ނޮވެމްބަރުގެ މެޑަލް އާއި ޖިހާދުގެ ރަތް މެޑަލްދެއްވާފައިވެ އެވެ.
އަބްދުﷲ ޒުހައިރު ޝަހީދުވީ އުމުރުފުޅުން 33 އަހަރުގައި އެވެ. އޭނާގެ އެޑްރެހަކީ ގދ.ތިނަދޫ ޝަރީފާ އެވެ. ބައްޕައަކީ މުހައްމަދު އަލީ އެވެ. މަންމައަކީ ފާތުމަތު މުހައްމަދު އެވެ.
މައުލޫމާތު: އެމްއެންޑީއެފްއިން ނެރުނު 3 ނޮވެމްބަރު ފޮތުން
وَلَا تَقُولُوا لِمَنْ يُقْتَلُ فِي سَبِيلِ اللَّهِ أَمْوَاتٌ بَلْ أَحْيَاءٌ وَلَكِنْ لَا تَشْعُرُونَ
“އަދި ﷲގެމަގުގައި (ޖިހާދު ކުރަނިކޮށް) ޝަހީދުވާ މީހުންނާމެދު (އެއީ) މަރުވެފައިވާ ބަޔެކޭ، ތިޔަބައިމީހުން ނުބުނާށެވެ! އަދި ކިއެއްތަ! އެއުރެންނީ، ދިރިތިބި ބަޔެކެވެ. އެހެނެއްކަމަކު (އެކަން) ތިޔަބައިމީހުންނަށް ނޭނގެނީއެވެ.”
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ