އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އިސްތިއުފާ ދެއްވުމަށް މައުމޫން ގޮވާލައްވައިފި

މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައި ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ނުކުޅެދިއްޖެނަމަ ކޮމިޝަންގެ ހުރިހާ މެންބަރުން މަގާމުން އިސްތިއުފާ ދެއްވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ކޮމިޝަންގެ މެންބަރުންގެ އިސްތިއުފާއަށް ރައީސް މައުމޫން ގޮވާލެއްވީ ލޯކަލް ކައުންސިލް އިންތިހާބުގެ މައްސަލާގައި މިއަދު ނެރުއްވި ބަޔާނެެއްގަ އެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ދިމިގްރާތީ މުޖުތަމައުތަކުގައި އަމަލުކުރަމުންދާ އުސޫލުތަކާއި ޚިލާފަށް ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލާ، ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަން އިލެކްޝަން ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ޕީޕީއެމްގެ އިންތިހާބު ކޮމިޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
މިބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީއާއި ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ގޮތަށް ލޯކަލް ކައުންސިލު އިންތިހާބު ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ބާއްވަން އިއުލާން ކުރުމަށްފަހު، ވަކި ބަޔަކަށް މަންފާތަކެއް ލިބޭގޮތަށް ހިންގަމުން ގެންދާ އަމަލުތައް ހުއްޓާލުމަށްވެސަް ގޮވާލާފަ އެވެ. އިންތިހާބު ފަސް ކުރުމަށް ބަޔަކު ރާވައިގެން ހިންގަމުން ދިޔަ އަމަލުތަކުގެ ތެރެއަށް އިލެކްޝަންސް ކޮމިޝަން ވަދެ، ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް އިހުމާލުވަމުންދާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ އެޕްރީލު މަހުގެ އަށްވަނަ ދުވަހު އާ އިންތިހާބެއް ބާއްވަން އިއުލާންކޮށްފައިވަނީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ގާނޫނާއި ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަދި ކައުންސިލް އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން އިއްވާފައިވާ ހުކުމާ ވެސް ހިލާފަށް ކަމަށެވެ. އަދި އާ އިންތިހާބަކަށް އިއުލާންކޮށް އަލުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިން އެތައް މަސައްކަތަކުން ކުރިމަތިލާފައިވާ 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ހައްގުތަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ކަމަށްވެސް ބަޔާނުގައިވެ އެވެ.
"އެހެންކަމުން އެނބުރި ގާނޫނުގެ ތެރެއަށް ރުޖޫއަވުމަށާއި ކޮމިޝަންގެ މިނިވަންކަމާއި މުސްތަގިއްލުކަން ނަގަހައްޓާ، ނުފޫޒުތަކުން އެއްފަރާތް ވެފައިވާ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައި ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލަމެވެ. އަދި މިކަންކަން ކުރުމަށް ނުކުޅެދިއްޖެ ނަމަ، މަގާމުން އިސްތިއުފާ ދެއްވުމަށް ކޮމިޝަންގެ މެންބަރުންނަށް ގޮވާލަމެވެ،" ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރުނު ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އިއުލާންކުރީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް ޕީޕީއެމްއަށް ތައްޔާރުވެވިފައި ނުވާ ކަމަށް ބުނެ ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން އިންތިހާބު ދެމަސް ދުވަހަށް ފަސްކުރަން ސިވިލް ކޯޓުން ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
މިހުކުމާއި ގުޅިގެން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ ކައުންސިލް އިންތިހާބު މިއަހަރުގެ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށެވެ. އަދި އިންތިހާބުގައި ވާދަކުރުމަށް ކުރިން ހުށަހެޅި ބޭފުޅުންގެ ފޯމްތައް ބާތިލްކޮށް އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުން އަލުން ފޯމް ހުށަހެޅުމަށް އިލެކްޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން އިންތިހާބުގައި ވާދަކުރުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ