ޖަމީލް، ނައިބު ރައީސަށް: ތަރައްގީއަކަށް ފެންނަނީ ކޮރަޕްޝަން، އެކަމަށް ރައްޔިތުން ހުރަސްއަޅާނެ

މި ސަރުކާރުން ތަރައްގީ ކަމަށް ދައްކުވައިގެން ހިންގަނީ ކޮރަޕްޝަންގެ އަމަލުތައް ކަމަށާއި ކިތަންމެ ވަރަކަށް ނުރުހުނަސް އެކަމަށް ރައްޔިތުން ހުރަސް އަޅާނެ ކަމަށް ވިދާޅުވެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު ރައްދުދެއްވައިފިއެވެ.
ޖަމީލް މިގޮތަށް ވިދާޅުވީ ހިޔާލު ތަފާތުވި ކަމުގައިވީ ނަމަވެސް ތަރައްގީއަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވުމާ ގުޅިގެނެވެ.
ޖަމީލް ވިދާޅުވީ ރައްޔިތުންނަށް ފެންނަން ހުރި ކަންތައްތަކުގައި އޮޅުވާނުލުމަށާއި އެއްވެސް ބަޔަކު ބްރިޖު ކައިރީގައި ގަސްޖަހަން ދެކޮޅު ނުހަދާ ކަމަށެވެ. އަދި އެސްޓީއޯ އިމާރާތެއްގެ ނަން ބަދަލުކުރުމުން އިހުތިޖާޖު ނުކުރާ ކަމަށާއި ޒުވާނުންނަށް އަމިއްލަ ބޭންކު ކާޑުން ވިޔަފާރި ނުކުރެވޭއިރުވެސް ހުރަސް ނާޅާ ކަމަށެވެ.
"އިތުރު ތަރައްގީއަކަށް ފެންނަނީ ކޮރަޕްޝަން. އެކަމަށް ކިތަންމެ ނުރުހުނު ކަމަށްވިޔަސް ރައްޔިތުން ހުރަސްއަޅާނެ،" ޖަމީލް ވިދާޅުވިއެވެ.
އެ ޖަލްސާގައި ނައިބު ރައީސް އިތުރަށް ވިދާޅުވެފައިވަނީ ހިޔާލު ތަފާތުވާން ޖެހޭނީ ބޭނުމެއް އޮވެގެން ކަމަށާއި އެއީ އެނޫން މޮޅު ގޮތެއް ހޯދުމުގެ ނިޔަތުގައި ކަމަށެވެ. ބަހުސް ކުރަން ޖެހެނީ މޮޅު ގޮތްތަކެއް ހޯދަން ކަމަށެވެ. ނަމަވެސް ރަށާއި އަތޮޅާއި ގައުމަށް ކުރެވޭ ކޮންމެ ރަނގަޅު ކަމެއްގައި ދެކޮޅު ހެދުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"ހެޔޮ ކަންތައް ކުރުމުގައި، ރަނގަޅު މަގުން ދިއުމުގައި އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަމާ ހިނގާ. ވަކި ހިޔާލެއް ހުރީތީވެ، ރަށަށް އަންނަ ކުރިއެރުން، ގައުމަށް އަންނަ ހަމަޖެހުމަށް ހުރަސްއަޅާ ބަޔަކަށް އެއްވެސް ބަޔަކު ނުވަމާ ހިނގާ. އަޅުގަނޑުމެންނަށް ކުރެވުނު ހުރިހާ މަސައްކަތެއްކޮށް ކުރިއަށް އަންނަން އޮތް ޖީލުތަކަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން އެމަސައްކަތް ކުރަމާ ހިނގާ،" ނައިބު ރައީސް ވިދާޅުވެފައިވެއެވެ.
މި ސަރުކާރުގެ ތަރައްގީގެ ކަންކަން ކުރިއަށްދަނީ ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންނާ ގާތުން ދެވޭ ހިދުމަތްތަކެއްގެ ގޮތުގައި ކަމަށެވެ. އެއްވެސް މީހަކު އެއްވެސް ބަޔަކު ބާކީ ކޮށްލުމަކީ މިއަދުގެ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަބަދުވެސް އެކުގައި މަސައްކަތްކޮށް ނަތީޖާ ހާސިލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ އެއް ކަންތައް ކަމަށް ނައިބު ރައީސް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ