އަދާލަތު ޕާޓީގެ ރައީސް ކަމަށް އިމްރާން އަބްދުﷲ ކުރިމަތިލައްވައިފި

އަދާލަތު ޕާޓީގެ ރައީސް ކަމަށް އެޕާޓީގެ މިހާރުގެ ވެސް ރައީސް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރިމަތިލައްވައިފިއެވެ.
އަދާލަތު ޕާޓީގެ މިހާރުގެ ރައީސަކީ ހޯމް މިނިސްޓަރު އައްޝެއިހް އިމްރާން އަބްދުﷲ އެވެ. އަދި ނައިބު ރައީސަކީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.
ޕާޓީގެ ރައީސްކަމުގެ މަގާމަށް އިމްރާން އެންމެ ފުރަތަމަ އިންތިޚާބު ކުރީ 2011 ވަނަ އަހަރުއެވެ.
އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވިކަން ހާމަކުރައްވާ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރިޔަށްއޮތް 5 އަހަރުގެ މުއްދަތަށް އަދާލަތު ޕާޓީގެ ރައީސްކަމަށް ވާދަކުރަން ނިންމަވާ އެމަގާމަށް ކުރިމަތިލައްވާފައިވަ ކަަމަށެވެ. އިމްރާން ވިދާޅުވީ އަދާލަތުގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވީ ގައުމުގެ ހާލަތު ހުރިގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި އެމަނިކުފާނުގެ ދައުރު މުހިންމުކަމަށް އެޕާޓީގެ ގިނަ މެމްބަރުން ފާހަގަކުރާތީ ކަމަށެވެ.
އަދާލަތު ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބު މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މި އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 19 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.
މިއިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 13 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ، ޕާޓީގެ ކޮންމެ މެންބަރަކަށް ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ.
އަދާލަތު ޕަޓީގެ ގަވާއިދު އޮންނަގޮތުން، ރައީސާއި ނައިބު ރައީސްއަށް ކުރިމަތިލައްވަން ޖެހޭނީ އެކުއެކީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ