ގާޒީ އިބްރާހިމް ޢަލީ މަޤާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަނީ

ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހިމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) ނިންމައިފިއެވެ. 
އެ ކޮމިޝަނުން ނެރުނު ބަޔާނުގައިވާ ގޮތުން، މިގޮތަށް ނިންމީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ހިލާފަށް އަމަލުކޮށްފައިވާތީއާއި، ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާފަދަ އަމަލުތަކެއް ހިންގާފައިވާތީއެވެ. 
އެގޮތުން، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި، ޝަރީޢަތް ނިމެންދެން މައްސަލައިގައި ތުހުމަތުކުރެވުނު މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކުރުމަށްފަހު، އިބްތިދާއީ މަރުހަލާގައި ދައުވާލިބޭ ފަރާތުގެ އެދުމުގެ މަތިން އެމީހުން ދޫކޮށްލުމަށް ޤާޟީ އިބްރާހިމް ޢަލީ ނިންމާފައިވާކަމަށާއި، ޕީޖީއިން އެދެފިނަމަ ބަންދާ ގުޅޭގޮތުން ނިންމާފައިވާ ނިންމުން މުރާޖައާ ކުރަންވާނޭ ކަމަށް ހައިކޯޓުން ނިންމިނަމަވެސް، އެގޮތަށް އަމަލުކުރަން ޤާޟީ އިބްރާހިމް އަލީ ގަސްތުގައި ލަސްކޮށްފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ. 
އަދި ޖޭއެސްސީގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ބަންދު މުރާޖައާކޮށްދިނުމަށް އެދި ޕީޖީއިން ތަކުރާރުކޮށް ފޮނުވާފައިވާ ސިޓީތަކާއި ގުޅިގެން ހައިކޯޓުގެ ހުކުމާ އެއްގޮތަށް ޤާޟީ އިބްރާހިމް އަލީ މައްސަލަ ތާވަލްކޮށްފައިނުވެއެވެ. އަދި އެންމެ ފަހުން އަޑުއެހުން ބޭއްވީ ހައިކޯޓުން ފޮނުވި ސިޓީއަކާއި ގުޅިގެންކަމަށާއި، ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވެވި އަޑުއެހުމުގައި، ދައުވާ ލިބޭ ފަރާތްތަކަށް ހިއްވަރު ލިބޭފަދަގޮތަށް ވާހަކަދައްކައި، އެ މީހުން ބަންދު ކުރަނީ ޤާޟީ ބޭނުންވެގެން ނޫންކަމަށާއި ހައިކޯޓުގެ އަމުރުގެ ސަބަބުންކަމަށް ދޭހަވާގޮތަށް ވާހަކަދައްކާފައިވާކަމަށް ޖޭއެސްސީއިން ފާހަގަކޮށްފައިވެއެވެ. 
އިތުރަށް ޖޭއެސްސީއިން ފާހަގަކޮށްފައިވާ ގޮތުގައި، މިހާރުވެސް ޤާޟީ އިބްރާހިމް ޢަލީގެ އިތުރު 3 ސުލޫކީ މައްސަލައެއް އެ ކޮމިޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ