ވެކްސިން ލިބެން ފެށުމާއެކު ފިނި މޫސުން އަންނަން ވާއިރަށް އާންމު ހާލަތަށް ރުޖޫއަވާނެ: ބަޔޯއެންޓެކް

ވެކްސިން ލިބެން ފެށުމާއެކު ފިނި މޫސުން އަންނަން ވާއިރަށް އާންމު ހާލަތަށް ރުޖޫއަވާނެ ކަމަށް ބަޔޯއެންޓެކް އިން ބުނެފިއެވެ.
ފައިޒާ އާއި ގުޅިގެން ވެކްސިން އުފެއްދުމުގައި ބައިވެރިވާ ބަޔޯއެންޓެކްގެ ކޯ ފައުންޑަރު ޕްރޮފެސަރު އުގޫރް ސަހިން ވަނީ މިހާތަނަށް ލިބެމުން އަންނަ ނަތީޖާއަށް ބަލާއިރު ވައިރަސް ފެތުރުން ކޮންޓްރޯލް ވެ ކޮވިޑް ކޭސްތައް ބުޑުތަނުން ދަށް ވާނެކަމަށް ބެލެވޭ ކަމަށެވެ.
ކޮވިޑަށް އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ވެކްސިން، ފައިޒާގެ ނަތީޖާއަށް ބަލާއިރު ވެކްސިންގެ ފަހުގެ މަރުހަލާގެ ޓެސްޓުތަކުން 90 އިންސައްތަ ކާމިޔާބު ކަމަށް ވެކްސިން ޓީމުން ބުނެފައި ވެއެވެ. ފައިޒާގެ ވެކްސިން ޓެސްޓުގައި 43000 މީހުން ވަނީ ބައިވެރި ވެފައެވެ.
ފައިޒާ ވެކްސިންގެ ނަތީޖާ ކާމިޔާބު ކަމަށް ދައްކާއިރު ވެކްސިންގެ ޓެސްޓުތަކުގެ ފަހުގެ މަރުހަލާ ނިމި މިހާރުކުރިޔަށް ދަނީ ހުއްދަ ދިނުމަށް ބަލަން ޖެހޭ ކަންކަން ބެލުމުގެ މަސައްކަތެވެ.
ވެކްސިންގެ މަސައްކަތް ކާމިޔާބުވެއްޖެ ނަމަ މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ވެކްސިންގެ ޑެލިވަރީ މަސައްކަތް ފެށޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. 300 މިލިއަން ޑޯޒް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ އޭޕްރިލްގެ ކުރިން ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ