ކުޑަކުދިން ބަންދު ދުނިޔެއެއްގައި، ވާހަކަދައްކާ ހައްލު ހޯދާ!

މީގެ ކުރިން ކޮންމެ ހުކުރު، ހޮނިހިރަކީ ކުޑަ ކުދިންނަށް އީދު ދުވަހެކެވެ. ރައްޓެހިންނާއި އާއިލާގެ މެންބަރުންނާއެކު ވަގުތު ހޭދަކޮށް ޕާކަށް ގޮސް ކުޅެލާ، މޫދަށް އެރި މަޖާކޮށްލެވެ އެވެ. ރޯދަ މަސް ނަމަ، ބައްޕަ އާއެކު ނޫނީ ބޭބެމެންނާއެކު ފިނިބުރު ޖަހާލަން ގޮސް، މަޑި އަރުވަން ދެވެ އެވެ. ތޮށިގަނޑުމައްޗަށް ނަނުއެއްލަން ކާފައާއެކުދެވެ އެވެ. މިއީ ކޮރޯނާ ވައިރަހުގެ ބޯ ވިލާގަނޑު ބޯމަތިވުމުގެ ކުރިން، އަހަރެމެންގެ ދަރިން އުޅުނު އުފާވެރި ދުނިޔެ އެވެ. އެކަމަކު ވައިރަހުގެ ބިރާ އެކު އެކުދިން ގޭގައި ބަންދުވެއްޖެ އެވެ. ވައިރަހުގެ ބިރު ކުޑަކުދިންނަށްވެސް އޮތްއިރު، ދަރިން ރައްކާތެރި ކުރުމަށް ގެއިން ބޭރަށް ނުނެރެ ގެންގުޅެން މި ވަނީ މަޖުބޫރުވެފަ އެވެ. ސްކޫލްތައް ބަންދުވެ، ދަރިން އެތައް ދުވަހެއް ގޭގައި ބަންދުވެފައި ތިބެން ޖެހުން މިއީ އާދައިގެ ކަމެއް ނޫނެވެ. ނޭނގިވެސް ކުދިންނަށް މިކަމުން ކުރާނެ އަސަރު ވަރަށް ބޮޑުވެދާނެ އެވެ. މިވައިރަހާ އެކު ލޮކްޑައުންގެ މަޖުބޫރީ ހާލަތުން ކުދިންގެ ނަފްސީނީ ދުޅަހެޔޮކަމަށް ކުރަނީ ކޮން އަސަރެއް ހެއްޔެވެ؟ މި އަސަރު ކިހާ ދުވަހަކަށް ދެމިގެން ހިނގައިދާނެ ހެއްޔެވެ؟ މެއި 10، 2019: އުސްފަސްގަނޑު ސަރަހައްދުގައި މަޑި އެރުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ ކޮރޯނާވައިރަހުގެ ބިރުވެރިކަމާއި ލޮކްޑައުންގައި އަބަދު ތިބެން ޖެހުމުން ބޮޑެތި މީހުންނަށްވެސް ނަފްސާނީގޮތުން އަސަރު ކުރެ އެވެ. އެކި އުމުރުފުރައިގެ މީހުންނަށް މިކަމުގެ އަސަރު ކުރަނީ އެކި ގޮތަށް އެކި މިންވަރަށެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުގެ، މެންޓަލް ހެލްތް ސެންޓަރުގެ ސައިކޮލަޖިސްޓް، ޑރ. އާފިޔާ އަލީ ވިދާޅުވި ގޮތުގައި ގޭގައި ބަންދުވެފައިތިބެން ޖެހުމުން އެންމެ ބޮޑު އަސަރެއް ކުރާނީ ނަފްސާނީ ގޮތުން މި ކަންތައް ބަލައިގަންނަން އުނދަގޫވާ ކުދިންނަށެވެ. އެފަދަ ކުދިން މިކަހަލަ ކަންކަމާ ވިސްނާ މިންވަރު އިތުރުވާނެ ކަމަށާއި އެކަމުގެ ސަބަބުން ބިރުގަނެ، ހާސްވުން ފަދަ ކަންތައް ދިމާވެދާނެ ކަމަށް، ޑރ. އާފިޔާ ވިދާޅުވި އެވެ. ޑރ. ވިދާޅުވީ ކުޑަކުދިންނަށް މިކަމުގެ ސަބަބުން ކުރާ އަސަރާއެކު އެކުދިންގެ އުޅުމަށްވެސް ބަދަލު އަންނާނެ ކަމަށެވެ. ގެއިން ބޭރަށް ނުނިކުމެ، އަބަދު ބަންދުވެފައި ތިބެންޖެހުމުގެ ސަބަބުން ރުޅިގަދަވުން ފަދަ ކަންތައް މެދުވެރިވެދާނެކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ. ޑރ. އާފިޔާ ވިދާޅުވި ގޮތުގައި ހާލަތާމެދު ކުދިން ވިސްނާާވަރު އިތުރުނަމަ ސްޓްރެސް ބޮޑުވެ ކުދިންނަށް ނިދުމުގެ ދަތިވެ، ކެއުމަށްވެސް ބުރޫ އަރާނެ އެވެ. މީގެ އިތުރުން ހޮޑުލަވާފައި ހުރުމާއި އަބަދު ބޮލުގައި ރިއްސުން ފަދަ ކަންތައް ކުދިންނަށް ދިމާވެދާނެކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ. މިިދިޔަ ރޯދަމަހު ކުޑަކުއްޖަކު މަޑިއަރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ ޑޮކްޓަރުގެ އިރުޝާދަކީ ކުދިންގެ ފަރާތުން މިފަދަ ކަންތައްތައް ފެނޭތޯ ބެލެނުވެރިންގެ ފާރަވެރިވުމެވެ. ކުދިންގެ ފަރާތުން އެފަދަ އަލާމާތްތައް ފެނި އަޅާ ނުލެވި "ސިވިއާ ވެއްޖެނަމަ،" ފަހުން ނަފްސާނީ މައްސަލައަކަށްވުމުގެ ބިރު ބޮޑުކަމަށް ޑރ. އާފިޔާ ލަފާކުރައްވަ އެވެ. ކޮވިޑްގެ މިހާލަތާ ގުޅިގެން މައިންބަފައިންނާއި އާއިލާ އަދި ބެލެނިވެރިން ރިއެކްޓު ކުރާގޮތަކީވެސް އޭގެ ސަބަބުން ކުދިންނަށް އެކަމުގެ އަސަރު ކުރާނެ ކަމެކެވެ. "މި ހާލަތުގައި ކުދިންނަށް މެންޓަލީ ކުރާ އަސަރު ބޮޑުވާނެ. އެކަމަކު އެކި ކުދިންނަށް އަސަރު ކުރާ މިންވަރު ތަފާތުވާނެ. މިސާލަކަށް އެގްޒިސްޓިން މެންޓަލް މައްސަލައެއް ހުންނަ ކުއްޖެއްނަމަ މިހާލަތުގައި އެކުއްޖާ އަށް ކުރާ އަސަރު ބޮޑުވާނެ،" ޑރ. ވިދާޅުވި އެވެ. ކުދިންނަށް ސްކޫލަށް ނުދެވި ގިނަ ދުވަސްވުމަކީ އޭގެ ނަފްސާނީ އަސަރު ކުޑަކަމެއް ނޫނެވެ. ސިއްހީ ބޭފުޅުން ވިދާޅުވާ ގޮތުން ސްކޫލުތައް ބަންދުވުމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއްބަޔަކީ އުނގެނުމުގައި ދަތިތައް ދިމާވާ ކުދިން ނުވަތަ ލާނިން ޑިފިކަލްޓީސް ހުންނަ ކުދިންނެވެ. ސްކޫލުތަކުގައި މިކުދިންނަށް ހާއްސަ ސަމާލުކަމެއް ދީގެން ކިޔަވައިދިން ނަމަވެސް ގޭގައި ތިބެންޖެހުމުގެ ސަބަބުން އުނގެނުމުގައި ކުދިންނަށް ލިބެންޖެހޭ އެކަށީގެންވާ ސަމާލުކަމެއް ނުލިބެ އެވެ. މިއީ އަލުން ސްކޫލަށް ދާން ފެށުމުން އެކުދިން "ފަހަތަށް ހިނގައިދާނެ" ކަމެއް ކަމަށް ޑރ. އާފިޔާ ފާހަގަ ކުރެއްވި އެވެ. އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ މި ހާލަތުގައި އަބަދު ކޮރޯނާ ވައިރަސްގެ ވާހަކަތައް މީޑިއާގެ އެކި ވަސީލަތްތަކުންނާއި އެހެން ގޮތްގޮތުން ކުދިންނަށް އިވުމަކީވެސް އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރުމުގެ ރިސްކު އިންތިހާއަށް އޮތް ކަމެކެވެ. "މި ވާހަކަތަކަށް ކޮންޓިނުއަސްކޮށް ކުދިން އެކްސްޕޯސްވާނަމަ، އެކުދިންގެ އެންޒައިޓީ އިތުރުވާނެ. ބިރު ގަންނަ ވަރު ބޮޑުވާނެ،" ޑރ. އާފިޔާ ވިދާޅުވި އެވެ. މި ކަންކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންތަކަކީ ކޮބައި ހެއްޔެވެ؟ ޑރ. އާފިޔާގެ ދެކެވަޑައިގަންނަވާ ގޮތުގައި ކުދިންގެ އުމުރާ އެކަށޭނަ ގޮތަކަށް މި ހާލަތުގެ ވާހަކަ ކުދިންނަށް ކިޔައިދެވިދާނެ އެވެ. މިހާލަތާ ގުޅިގެން އެކުދިންގެ ހިތުގައި ހުންނަ ސުވާލުތައް އަޑުއަހާ ޖަވާބު ދެވިދާނެ އެވެ. "ބައެއް ކުދިންނަކީ އަމިއްލަ އަށް އަމިއްލަ އިހުސާސްތައް ކިޔައިދޭނެ ކުދިންނެއް ނޫން. އެކުދިންނާ އަމިއްލަ އަށް ސުވާލުކޮށްގެން ކުދިންގެ ހިޔާލުތައް އޮޅުންފިލުވިދާނެ. ކުދިންގެ ސުވާލުތަކަށް ޖަވާބު ދޭންވާނެ،" ޑރ. އާފިޔާ ވިދާޅުވި އެވެ. ސްކޫލަށް ނުގޮސް ގޭގައި ތިބުމަކީ ކުދިންގެ ސިކުނޑިތައް ކިޔެވުމާއި އުނގެނުމުގެ ކަންތަކުން ދުރުކޮށްލަންވީ ކަމެއް ނޫނެވެ. ގޭގައި ކުދިންގެ އުމުރާ އެކަށޭނަ ގޮތަކަށް އިލްމީ، މައުލޫމާތު ލިބިދޭ ގޭމުތައް ކުޅެލެވިދާނެ އެވެ. އަބަދު ސްކްރީނަށް ކުއްޖާ ހުށަހެޅުމުގެ ބަދަލުގައި ކްރިއޭޓިވް ކަމެއް ކުރެވިދާނެ އެވެ. "ކުދިކުދި ތަންތާ އުޅޭއިރު މާބޮޑު ފިޒިކަލް އެކްޓިވިޓީސް ނުގެންދެވިދާނެ. އެކަމަކު އެކުދިންނާއެކު އިށީނދެ، ކުރަހާ ކުލަޖައްސާލާ ހެދިދާނެ. ކޮންމެވެސް ކްރިއޭޓިވް ކަމެއް ކޮށްލާ، މިއީ އުނގެނުމުގެ އިތުުރުން އާއިލާ އެކުގައި ހޭދަކުރެވޭ މަޖާ ވަގުތަކަށް ހެދިދާނެެ،" ޑރ. އާފިޔާ ވިދާޅުވި އެވެ. ޑރ. ވިދާޅުވީ މިހާލަތުގައިވެސް ކުދިން ހެލިފެލިވެ އުޅުމަށް ބާރު އަޅަން ޖެހެ އެވެ. ނަފްސާނީ ދުޅަހެޔޮކަމާ އެއްވަރަށް ކުދިންގެ ހަށިގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓަން ޖެހެ އެވެ. ކުޑަކުއްޖަކު ޓެބްލެޓް ބަލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ "ފިޒިކަލް އަދި ސައިކޮލޮޖިކަލް ވެލްބީން މި އޮންނަނީ ކަނެކްޓް ވެފައި، މިހެންތިބޭއިރު ފިޒިކަލީ ކުދިން އެކްޓިވް ކުރަން އެބަޖެހޭ. ސްކިޕިން ރޯޕް އެއް ކަހަލަ އެއްޗަކުން ސްކިޕް ކޮށްލުން، ކުދިންގެ އުމުރާ ގުޅޭ ކޮންމެވެސް ކަހަލަ އެކްސަސައިޒެއް ކުުރުވުން މިއީ މުހިއްމު ކަމެއް. އޮންލައިން އެކްސަސައިޒަސް އެކްސްޕްލޯކޮށް ކުދިންނާ ބައިވެރިވެގެން ކުރެވިދާނެ،" ޑރ. ވިދާޅު ވިއެވެ. އެކުވެރިންނާއި އާއިލާ މީހުންނާ ބައްދަލު ނުވިނަމަވެސް ވީޑިއޯ ކޯލުގެ ޒަރިއްޔާ އިން ނުވަތަ ފޯނު ކޯލުގެ ޒަރިއްޔާއިން ކުދިންނާއި އެމީހުން ގުޅުވައި ދިނުމަކީވެސް މިހާލަތުގައި މުހިއްމު ކަމެކެވެ. މި ހާލަތުގައި އަންނަ މުހިއްމު ދުވަސްތައް ވީޑިއޯ ކޯލުގެ ޒަރިއްޔާއިން ފަހަގަކޮށްލުމަކީ އެކުދިންނަށް ހިތްހަމަޖެހުން ގެނުވައިދޭނެ ކަމެއްކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ. "ވަރަށް މުހިއްމުކަމެއް ކުދިންނަށް މިހާލަތުގައި ޕޮޒިޓިވް އެކްސްޕީރިއަންސެއް ހޯދައިދިނުމަކީ. ސޯޝަލް އިންޓަރެކްޝަން މުހިއްމު، މިސާލަކަށް ބާތްޑޭ ސެލެބްރޭޓް ކޮށްލެވިދާނެ ވީޑިއޯ ކޯލެއް މެދުވެރިކޮށް. އާއިލާ އާއި ރައްޓެހި ކުދިންނާ ގުޅުވާލަ ދެވިދާނެ،" ޑރ. ވިދާޅުވި އެވެ. މިއީ ނިއު ނޯމަލް އަކަށް ކުދިން ހާނުވަންވީ ވަގުތެވެ. ގޭތެރޭގައި އުޅޭއިރު ކުދިން ފޫހިވިޔަ ނުދީ ކޮންމެވެސް ކަމެއްގައި ޝާމިލު ކުރުމާއި، އެކުދިންގެ އުމުރާ ގުޅޭގޮތުން ގޭގެތޭގެ ކަންތައްތަކުގައި ބައިވެރިކޮށް ހުނަރު ދަސްކޮށްދިނުމަކީ މިހާލަތުގައި މުހިއްމު ކަމެކެވެ. ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުުރުމަށް މިހާލަތުގައި މައިންބަފައިންނާއި ބެލެނިވެރިންގެ ނަފްސާނީ ދުޅަހެޔޮކަންވެސް މުހިއްމެވެ. ބެލެނިވެރިން ހާސްވެ ކަންބޮޑުވެގެން އުޅޭނަމަ ކުދިންނަށް އޭގެ ސަބަބުން ނުރަނގަޅު އަސަރު ކުރާނެ އެވެ. އަބަދުވެސް ހަމަޖެހިގެން، ކުދިންނާ ވާހަކަ ދައްކައި ކުދިންގެ އުމުރާ ގުޅޭގޮތުން ހާލަތާ ގުޅޭ މައުލޫމާތު ކިޔައިދިނުމަކީ މިހާލަތުގައި މުހިއްމު ކަމެކެވެ. ހާލަތު ބަދަލުވަމުންދާ ގޮތާއި ކުރީގެ ދިރިއުޅުމަށް ނުދެވުނަސް، މިހާލަތަށް ހޭނި ދިރިއުޅުން ކުރިއަށްގެންދަވީގޮތުގެ ވާހަކަތައް ކުދިންނަށް ކިޔައިދޭން ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ