"ހަވީރު" އިދާރާއަށް ދިނީ ޓެރަރިސްޓް ހަމަލާއެއް: ހަވީރު

ހަވީރު ހިންގަމުންދިއަ އިމާރާތުގައި ރޯކޮށްލުމަށް ދިން ހަމަލާއަކީ، ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ކުރިމަތިވަމުންދާ ނުރައްކާތަކުގެ ތެރެއަށް އިތުރުވި ހާދިސާއެއް ކަމަށް ހަވީރު މީޑިއާ ގުރޫޕުން ބުނެފި އެވެ.
ަހަވީރު މީޑިޔާ ގުރޫޕުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިއްޔެރޭ ދަންވަރު ހަވީރުގެ އޮފީސް އިމާރާތުގައި ރޯކޮށްލުމުން އެތަނުގެ ބިއްލޫރިތައް ތެޅި، ފަރުނީޗަރު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި އަލިފާން ރޯކޮށްލި ކަމަށްބެލެވޭ މީހާ ފާރު މަތިން ފިލައިގެން ދަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވާތީ، އެއީ ބަޔަކު ގަސްދުގައި ހަވީރާއި ހަވީރު މީޑިއާ ގުރޫޕަށް ގެއްލުން ދިނުމަށާއި ރާއްޖޭގެ ނޫސްވެރިކަމަށް ބިރުދެއްކައިގެން ހުރަސް އެޅުން ކަމަށް އެ ބަޔާނުގައިވެއެވެ.
ހަވީރު މީޑިއާ ގުރޫޕުން ބުނީ، އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އަދި އެފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަސްތައް ގިނަވާނެ ކަމަށް ދެކޭ ކަމަށެވެ. މީގެ އިތުރަށް ހަވީރު މީޑިޔާ ގުރޫޕުން ބުނެފައިވަނީ ހަވީރަށް ދިން އެ ހަމަލާއަކީ އެ ގުރޫޕަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއެއްކަމަށް ދެކޭކަމަށެވެ.
ރާއްޖޭގައި ނެރޭ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ނޫސް "ހަވީރު" އިދާރާގައި ރޯކޮށްލާފައިވަނީ އިއްޔެރޭ ދަންވަރު އެވެ. އެ ހާދިސާގައި، ހަވީރު އިދާރާގެ ރިސެޕްޝަން އޭރިޔާ އަނދާ، އެ ތަނުގައި ހުރި ބައެއް ތަކެތި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވީ ނަމަވެސް ސިފައިންނާއި ފުލުހުންގެ މަސައްކަތުން އަލިފާންގަނޑު ފެތުރުމުގެ ކުރިން ވަނީ ނިއްވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ