އަލުން ވޯޓް ނެގުމަށް 1.2 މިލިއަން ރައްޔިތުން ސަރުކާރަށް ހުށަހަޅައިފި

ޔޫރަޕްގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން އިތުރު ވޯޓަކަށް ދިއުމަށް ގޮވާލައި، މިލިއަނަކަށްވުރެ ގިނަ ރައްޔިތުން އިނގިރޭސި ސަރުކާރަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
1.2 މިލިއަން ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކޮށް، އިތުރު ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވާލީ، މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުގެ ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓްގައި އީޔޫއިން ވަކިވުމަށް ރައްޔިތުން ވޯޓްލުމާ ގުޅިގެން ގައުމު ބައިބައިވެ، ދުނިޔޭގެ ބާޒާރުތަކުގެ އަގުތައް ވެއްޓި، ބޮޑުވަޒީރުވެސް އިސްތިއުފާ ދެއްވަންޖެހި، އަދި އިނގިރޭސިވިލާތްވެސް ރޫޅިގެން ހިނގައިދާނެ ކަމުގެ ބިރު އުފެދުމާ ގުޅިގެންނެވެ.
ސަރުކާރަށް ޕެޓިޝަން ހުށަހަޅާ ވެބްސައިޓެއްގައި ޝާއިއުކޮށްފައިވާ މި ޕެޓިޝަންގައި 1.2 މިލިއަން ރައްޔިތުން ސޮއިކޮށް ސަރުކާރަށް ގޮވާލާފައިވަނީ، އަލުން ފެންނަ ނުފެންނަ ވޯޓް ނެގުމަށެވެ. 1.2 މިލިއަން ރައްޔިތުންނަކީ، ޕާލަމެންޓްގެ ދަށުގެއަށް މައްސަލަ ހުށަހަޅައި ބަހުސް ކުރުމަށް ބޭނުންވާ އަދަދަށްވުރެ 12 ގުނަ އިތުރު އަދަދެކެވެ.
ޚަބަރު ލިބޭގޮތުގައި، ރައްޔިތުންގެ ހުށަހެޅުން ޕާލަމެންޓްގެ މެމްބަރުންގެ ބަހުސަށް ހުށަހެޅުމާމެދު، އެކަމަށް ޚާއްސަ ޕާލަމެންޓްރީ ކޮމިޓީން އަންނަ އަންގާރަ ދުވަހު ގޮތެއް ނިންމާނެއެވެ.
ޔޫރަޕްގެ އިއްތިހާދުން ވަކިވުމަށް އިނގިރޭސި ރައްޔިތުން ވޯޓްލައި، ވޯޓްގެ ނަތީޖާ އިޢްލާންކުރި ހިސާބުންވެސް އެގައުމުގެ އިގްތިސާދަށް އޭގެ ލޮޅުންތައް އަރަން ފަށާފައި ވެއެވެ.
އީޔޫއިން ވަކިވެއްޖެނަމަ ގައުމު ނިކަމެތިވެ، ބިކަވެ، މުޅިން އެކަހެރިވެ އާރެއް ބާރެއްނެތް ބައެއްގެ ގޮތުގައި ވެދާނެކަމަށް ވިދާޅުވެ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން ތަކުރާރު ކުރައްވައި އެތައް ފަހަރެއްގެ މަތިން ކުރެއްވި އިންޒާރުތަކަށްވެސް ބީރު ކަންފަތެއްދީ، ހިޖުރަވެރިން އައުން ހުއްޓުވަމަށާއި، މާލީ ރައްކާތެރިކަން ހޯދަން ގަދަފައި ވިއްދައި، އިނގިރޭސި ރައްޔިތުންގެ ގިނަބަޔަކު ވަނީ އީޔޫއިން ވަކިވުމަށް ވޯޓްލައިފައެވެ.
ހަމަ އެއާއެކު، އެކަމާހެދި އިނގިރޭސި ވަރަށް ގިނަ ރައްޔިތުން މިހާރު އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރަމުން އެބަގެންދެއެވެ. "އަހަރެން މިހުރީ ވަރަށް ކަންބޮޑުވެފައި. އަހަރެންގެ ދަރިންގެ މުސްތަގްބަލަށް ވާނޭ ގޮތެއް ނޭނގޭ. އަހަރެން ހީކުރީ ވޯޓް ކާމިޔާބު ކުރާނީ ވަކިވުމާ ދެކޮޅު ފަރާތްތައް ކަމަށް. މިކަމުން މިގައުމަށް އަރައިގަނެވޭނެ ކަމަކަށް ނުބެލެވޭ" ލަންޑަންގެ ރައްޔިތެއް ކަމަށްވާ އުމުރުން 57 އަހަރުގެ ލިންޑްސޭ ބްރެޓް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ