މިއީ ރޭވުމެއްގެ ދަށުން ހިނގަމުން އައި ކަމެއް ކަން އެނގޭ: މައުމޫން ފެކްޝަން

ޕީޕީއެމްގެ ތެރޭގައި މިހާރު ޖެހިގެން އުޅޭ މައްސަލައަކީ ރޭވުމެއްގެ ދަށުން ހިނގަމުން އަންނަ ކަމެއް ކަމަށާއި އެއީ އާއިލީ މައްސަލައެއް ނޫން ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ބުނެފިއެވެ.
ނިދިޔަ ބުރާސްފަތި ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާ މައުމޫން ފެކްޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޕާޓީގެ މައްސަލައާއި ގުޅިގެން ސިވިލްކޯޓުން ކޮށްފައިވާ ހުކުމަށް ބަލާއިރު މިއީ ރޭވުމެއްގެ ދަށުން ހިނގަމުން އައި ކަމެއްކަން އެނގޭ ކަމަށެވެ.
ބުރާސްފަތި ދުވަހުގެރޭ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް އިޝާރާތްކޮށް މައުމޫން ފެކްޝަނުން ނެރުނު ނޫސްބަޔާނުގައި ވާގޮތުގައި، އެރޭ ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަޤީޤަތް އޮޅޭގޮތަށް ކަމަށާއި، މިއީ އެއް އާއިލާއެއްގެ ދެ ފަރުދުންގެ ދެމެދުގައި އުފެދިގެން އުޅޭ ޒާތީ މައްސަލައަކަށް ނުވާއިރު، އަސްލު މައްސަލަ އަކީ ޕީޕީއެމްގެ އަސާސީ ޤަވާއިދާ ހިލާފަށް ބައެއް މެމްބަރުންނާއި ޕާޓީގެ ބައެއް ގުނަވަންތަކުން އަމަލުކުރުން ކަމަށެވެ.
އަދި ހަމަ އެހެންމެ މަސްލަހަތު ފުށުއަރާ ގޮތަށް، ޕާޓީގެ އަސާސީ ޤަވާއިދާ ހިލާފަށް ޤާނޫނު އަސާސީއަށް އިސްލާހުތަކެއް ގެނެސްފައިވާއިރު، އެކަންކަން އިސްލާހު ނުކޮށް ވާހަކަދައްކައިގެން ހައްލުކުރެވޭނެ މައްސަލައެއް އޮތްކަމަށް ނުފެންނަ ކަމަށް އެ ނޫސްބަޔާނުގައިވެއެވެ.
ޕީޕީއެމްގެ ތެރޭގައި ޖެހިގެން އުޅޭ މައްސަލަ މަޝްވަރާކޮށްގެން ހައްލު ކުރެވިދާނެ ކަމަށާއި، އަދި މައުމޫނަކީ އެމަނިކުފާނުގެ "ލޯބިވާ ބޭބެ" ކަމަށްވާތީ އެއްވެސް ކަމަކަށް ރައްދުދޭން ބޭނުން ނުވާ ކަމަށް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ރައީސް ޔާމީން ވިދާޅުވެފައިވަނިކޮށް އެކަމަށް އަލިއަޅުވާލައި މައުމޫން ފެކްޝަނުން ބުނީ، ވާހަކަ ދައްކައިގެން މައްސަލަ ހައްލު ނުވެއްޖެ ނަމަ އޮންނަ ގޮތަކީ ކޯޓަށް ދިއުން ކަމަށްވާއިރު، ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލު ކުރުމަށްވެސް މިހާތަނަށް އެމަނިކުފާނު އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.
ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ވަރަށް ބޮޑުވެ މިހާރު ސިވިލް ކޯޓުން ވަނީ ޕީޕީއެމްގެ ހިންގުން ރައީސް ޔާމީން އާއި ހަވާލުކޮށްފައެވެ. އެނިންމުމަށް ހައިކޯޓުން ވަނީ ތާއިދު ވެސް ކޮށްފައެވެ.
ޕާޓީގެ ދެފެކްޝަންގައި ދެކައުންސިލް ބައްދަލުވުންތައް ބާއްވަމުން އަންނައިރު އެއްފެކްޝަންގެ ނިންމުންތައް އަނެއް ފެކްޝަނުން ގަބޫލެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ