ޖީއެމްއާރް އަތުން އެއާޕޯޓް ނަގަން އިއްތިހާދު ޕާޓީތައް ރައީސަށް ހުށަހަޅައިފި

ސަރުކާރާ އިއްތިހާދުވެފައިވާ ޕާޓީތައް ބޭނުން ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިޔާގެ ޖީއެމްއާރް ކުންފުނިން އަތުލަން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ދަންނަވައިފި އެވެ.
އިތުބާރު ހުރި ގޮތަށް ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އިއްތިހާދު ޕާޓީތަކުން ޖީއެމްއާރް މައްސަލައިގައި އެ ނިންމުން ރައީސަށް ހުށަހެޅީ އެއާޕޯޓް މައްސަލައިގައި ސިޔާސީ ޕާޓީތަކުން ދެކޭ ގޮތަކާމެދު ހިޔާލު ހޯއްދަވަން ޕާޓީތަކަށް އެމަނިކުފާނު ސިޓީއެއް ފޮނުވުއްވުމުން ނެވެ.
އިއްތިހާދުގައި ހިމެނޭ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މިދިއަ ހަފުތާގައި ރައީސް ވަހީދު ފޮނުއްވި އެ ސިޓީއަށް ޕާޓީތަކުން ޖަވާބު ދިން އިރު ބުނެފައި ވަނީ 26 ޖޫން 2010 ވަނަ ދުވަހު ނަލަހިޔާ ހޮޓަލްގައި އިއްތިހާދު ޕާޓީތައް އެއްބަސްވެފައިވާ ގޮތަށް މިހާރުގެ ސްޓޭންޑަކީ ވެސް ވީހާވެސް އަވަހަކަށް ޖީއެމްއާރް އަތުން އެއާޕޯޓް ނެގުން ކަމަށެވެ.
"އެ ސްޓޭންޑް އަޅުގަނޑުމެން ބަދަލެއް ނުކުރަން، އެއާޕޯޓް ޖީއެމްއާރަށް ދީގެން ހިންގަން އަޅުގަނޑުމެން ދުލެއް ނުދޭނަން، އެގޮތަށް ހުރިހާ ޕާޓީތަކުން ވެސް ރައީސަށް ސިޓީ ފޮނުވާފައި ވަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރާއި އިއްތިހާދުވެފައިވާ ޕާޓީތަކުގެ އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ އޭޑީސީގެ 25 ޑޮލަރު ސަރުކާރަށް ދައްކާ ފައިސާއިން އުނިކުރާ މައްސަލަ އެވެ.
ސަރުކާރުން މިހާތަނަށް މަސައްކަތް ކޮށްފައިވަނީ ޖީއެމްއާރާއި ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދާށެވެ. އެގޮތުން ރައީސް ވަހީދު ވަނީ ޖީއެމްއާރާއެކު މަޝްވަރާކުރަން ސަރުކާރުގެ ފަރާތުން ޓީމެއް ވެސް އެކުލަވާލައިފަ އެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރު މަޝްވަރާކުރި ނަމަވެސް ޖީއެމްއާރުން ބުނެފައިވަނީ އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ނުނިންމަނީސް އޭޑީސީގެ 25 ޑޮލަރު ކޮންސެޝަންފީން ކަޑާނެ ކަމަށެވެ.
އެއާޕޯޓު ޖީއެމްއާރުގެ އަތުން ވަކިކުރުމުގެ ވާހަކަ ކޯލިޝަން ޕާޓީތަކުން ދައްކާ އިރު، ރައީސް ވަހީދު އިންޑިއާ އަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައި ވަނީ ސަރުކާރާ އެކު ބޭރުގެ އިންވެސްޓަރުން ހަދާފައިވާ އެގްރީމަންޓްތަކަށް ސަރުކާރުން އިހުތިރާމް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ