ފަސް އަހަރުގެ ތެރޭގައި މައުމޫން ފައުންޑޭޝަނުން ހޯދި ކާމިޔާބީ ފާހަގަކޮށްފި

މައުމޫން ފައުންޑޭޝަންގެ އުމުރުން މިވޭތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ޓަކައި ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއް ޙާޞިލް ކުރެއްވިފައިވާ ކަމުގެ ހިތްހަމަޖެހުން ލިބިވަޑައިގެންފައިވާ ކަމުގައި ފައުންޑޭޝަންގެ ޗެއަމަން، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން ފައުންޑޭޝަންގެ ފަސް ވަނަ އަހަރީ ޢާންމު ޖަލްސާގައި ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވި ގޮތުގައި، ފައުންޑޭޝަނުން މިހާތަނަށް ހޯދިފައިވާ ކާމިޔާބީތައް ހޯދިފައި މިވަނީ، ފައުންޑޭޝަންގެ މެންބަރުންނާއި އަދި ފައުންޑޭޝަނަށް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުގެ ދީލަތި އެހީފުޅުތަކުގެ ސަބަބުންނެވެ. މިގޮތުން 2010 ވަނަ އަހަރު ފައުންޑޭޝަންގެ ފަރާތުން ސްކޮލަޝިޕްގައި އިންޑިއާގެ ބެންގަލޫރަށް ފޮނުއްވި ދިވެހި ދަރިވަރުންގެ ތެރެއިން ނުވަ ދަރިވަރަކު މިހާރު ވަނީ ޔުނިވަސިޓީ ތަޢުލީމު ޙާޞިލުކުރުމަށް ފަހު ރާއްޖެ އައިސްފައި ކަމަށާއި އަދި އިތުރު 12 ދަރިވަރަކު މިހާރު ތަޢުލީމު ޙާޞިލުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ބެންގަލޫރުގެ ގާޑްން ސިޓީ ކޮލެޖުން ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފައުންޑޭޝަނަށް ހޯއްދަވައި ދެއްވާފައި ވަނީ، ގާޑްން ސިޓީ ޓްރަސްޓްގެ ޗެއަމަން ޑރ. ޖޯޒެފް ވީ. ޖޯޖް ކަމުގައި ފައުންޑޭޝަންގެ ޗެއަމަން ވިދާޅުވި އެވެ. އަދި އެކަމަށް ޓަކައި ޑރ. ޖޯޒެފް ވީ. ޖޯޖަށް ފައުންޑޭޝަންގެ ނަމުގަޔާއި ސްކޮލަޝިޕްތައް ލިބުނު ކުދިންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ޑރ. ޖޯޒެފް ފައުންޑޭޝަނަށް ދެއްވަމުން ގެންދަވާ ދީލަތި އެހީފުޅުތައް ފާހަގަކުރައްވައި އެކަމުގެ ހަނދާނީ ފިލައެއް ވެސް ރޭގެ ޖަލްސާގައި ފައުންޑޭޝަނުން ޑރ. ޖޯޒެފަށް އެރުވި އެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި، ސިޔާސީ ނުފޫޒުތަކުންނާއި އޮއިވަރުތަކުން ދުރުހެލިވެތިބެ، ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ޞުލްޙަވެރިކަމާއި ހަމަހިމޭންކަމާ އެކު މުޅި މުޖްތަމަޢަށް ކޮށްދޭނެ ބަޔަކު ކޮންމެ ޤައުމެއްގައި ވެސް ތިބެން ޖެހޭނެ އެވެ. މިގޮތުން ބޭރު ގައުމުތަކާ އެއްފަދައިން، ދިވެހި ރާއްޖޭގައި ވެސް ސިޔާސީ ކަންތައްތަކުން އެއްކިބާވެ މުޖްތަމަޢަށް ޚިދްމަތްކުރުމުގައި ޙަރަކާތްތެރިވާ ވަރަށް ގިނަ އަމިއްލަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި ފައުންޑޭޝަންތައް އެބަހުއްޓެވެ. އެފަދަ ޖަމާޢާތްތަކުން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ފުޅާވެ ހަރުދަނާވެގެންދިޔުމަކީ ވެސް ގައުމުގެ ތަރައްޤީގައި ވަރަށް މުހިންމު ޙިއްސާއެއް އަދާކުރާނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ