ކަރަންޓް ކެނޑޭ ސަރަހައްދުތައް ސްޓެލްކޯ ވެބްސައިޓުން އެނގޭ ގޮތް ހަދައިފި

މާލޭގައި ކަރަންޓް ކެނޑޭ ސަރަހައްދުތައް ސްޓެލްކޯގެ ވެބްސައިޓް މެދުވެރިކޮށް އެނގޭ ގޮތް ހަދައިފި އެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓް ހިދުމަތް ކެނޑޭނެ ސަރަހައްދުތަކާއި ކަރަންޓް ކެނޑޭނެ ވަގުތުތައް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އެއް ދުވަސް ކުރިން ބެލޭނެ ކަމަށެވެ. އެގޮތުން އެކުންފުނީގެ ވެބްސައިޓްގެ ހޯމް ޕޭޖްގައިވާ ލިންކް "ޕަވާ އިންޓްރަޕްޝަން" އަށް ވަނުމަށް ފަހު ގޭގެ ނަން ފެށޭ ފުރަތަމަ ތިން އަކުރު ޖެހުމުން އެގެއެއް ހިމެނޭ ސަރަހައްދާއި މަގާއި ކަރަންޓް ކެނޑިދާނެ ގަޑިތައް ސާފުވާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ސްޓެލްކޯ އިން ބުނީ ކޮންމެ ރެއަކު ވެސް 00: 7 ފަހުން އަނެއް ދުވަހު ކަރަންޓް ކެނޑިދާނެ ސަރަހައްދުތަކުގެ މައުލޫމާތު އަޕްޑޭޓްވަމުން ދާނެ ކަމަށެވެ.
މިއީ ކަސްޓަމަރުންނަށް ދުރާލައި ވީހާވެސް ފަސޭހައިން ފުރިހަމަ އަށް މައުލޫމާތު ފޯރުކޮށްދިނުމަށް ތައާރަފުކުރި ޚިދުމަތެއް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
އެ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރު ޑރ. ޒައިދު މުހައްމަދު ވިދާޅުވެފައި ވަނީ މިދުވަސްވަރު މާލެ އަށް ބޭނުންވާ މިންވަރަށް ކަރަންޓް ފޯރުކޮށްދޭން ދަތިތަކެއް ކުރިމަތިވެގެން އުޅެނީ ކަރަންޓް ބޭނުންކުރާ މިންވަރު މަތިވުމާއި އެ ކުންފުނިން ހިންގާ ފޯތު ޕަވާ ޕްރޮޖެކްޓް ނުނިމި ލަސްވުމުގެ ސަބަބުން ކަމަށެވެ.
މިދުވަސްވަރު ދޭތެރެ ދޭތެރެއިން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެ އެވެ. އަދި ބައެއް ސަރަހައްދުތަކުން އެތައް ފަހަރަކު ކަރަންޓް ކެނޑޭ ގޮތް ވެސް ދިމާވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ