ޑިޒާސްޓާގެ ކޮރަޕްޝަންގެ މައްސަލާގައި މީހެއްގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފި

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން އެކެއްގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
ހައި ކޯޓުން މިދިއަ ބުރާސްފަތިދުވަހު ތާއީދުކުރީ އެ މައްސަލާގައި އެންމެ ފަހުން ހައްޔަރުކުރި ރ. ކަނދޮޅުދޫ ހުސްނުހީނާގޭ މޫސާ އަލީ ކަލޭފާނުގެ ބަންދަށެވެ.
އޭގެ ކުރިން ހައްޔަރުކުރި އެންމެން ހައި ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ސެންޓަރުގެ އިސް ވެރިއަކަށް ކުރިން ހުންނެވި ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދާއި ދެ ވިޔަފާރިވެރިން ކަމަށްވާ މއ. އެވަގްލޯރީ އަހުމަދު އާރިފު (އާއްޓޭ) އާއި ބ. އޭދަފުށީ ދިގަލި މުހަންމަދު ވަހީދު އަދި ހ. ރަބީއީ މަންޒިލް މުހަންމަދު ޝާހިދުގެ އިތުރުން ގދ. ހޯނޑެއްދޫ ފޭރުމާގޭ އަބްދުﷲ ސައީދެވެ.
މީގެ ތެރެއިން މުހަންމަދު ޝާހިދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ އެވެ.
އެހެން އެންމެންނެކޭ އެއްގޮތަށް މޫސާ އަލީގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދިނެވެ. އެކަމަކު އެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި މޫސާ އަލީގެ ބަންދަށް ތާއީދުކުރީ އެ މައްސަލައިގެ ތަހުގީގަށް ފުރަތަމަ ބަޔާން ދިނުމަށް ފަހު ޑިޒާސްޓާ މެނޭޖްމަންޓްގެ މުވައްޒަފަކާ ބައްދަލުކޮށް އެ މައްސަލައާ ގުޅޭ ވާހަކަތަކެއް ދެއްކުމުންނާއި ދެވަނަ ފަހަރަށް ފުލުހުންނަށް ދިން ބަޔާނުގައި ކުރިން ދިން ބަޔާނާ ތަފާތު ކަންތައްތަކެއް ހުރުމުންނެވެ.
އެކަން ކަމަށް އޭނާ ވަނީ ހައި ކޯޓުގައި އިއުތިރާފް ވެސް ވެފަ އެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އޭނާގެ އެ އަމަލްތަކަކީ ހެކި ފޮރުވަން މަސައްކަތްކޮށްފާނެ ކަމަށް ބެލެވޭ މަގުބޫލު ސަބަބުތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ