ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ބަލާ ކޮމެޓީގެ މެމްބަރުކަމުން ހުސްނުއް ސުއޫދު އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.
ކަސްބީ އަންހެނުންތަކާ ބަދު އަޚުލާގީ އަމަލު ހިންގިކަމުގެ ތުހުމަތު ކުރެވޭ އަލީ ހަމީދުގެ މައްސަލަ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާފައިވާ ކޮމެޓީގެ މެމްބަރުކަމަށް ސުއޫދު އައްޔަންކުރީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ.
ކުރިން ބަންޑާރަ ނައިބުކަން ވެސް ކުރެއްވި ސުއޫދު މިއަދު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ އެ ކޮމެޓީއަށް އޭނާ އައްޔަންކުރިފަހުން ސުޕްރީމް ކޯޓުން "ނިޒާމީ ގޮތެއްގައި އޭނާއަށް ގޯނާކުރަމުންދާތީ" ކަމަށެވެ.
ސުއޫދު އެގޮތަށް ވިދާޅުވިއިރު، ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ވަނީ ވަގުތީ ގޮތުން ސުއޫދު ސަސްޕެންޑްކޮށްފަ އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ވަނީ އެ ކޯޓުން ހުށަހަޅައިފަ އެވެ. އެ ފިޔަވަޅު އެޅީ އޭނާ ކުރެއްވި ޓްވީޓެއްގެ މައްސަލައިގަ އެވެ.
ސުއޫދަށް އެ ކޮމެޓީގެ މެމްބަރުކަން ލިބުނީ އެ ކޮމެޓީގައި ހިމެނިވަޑައިގެންނެވި އަހުމަދު އަނިލް އަށް ބަންޑާރަ ނައިބުކަން ލިބިވަޑައިގަތުމާއެކު އެ މަގާމުން ވަކިވުމުންނެވެ. ސުއޫދަކީ ގާނޫނީ ދާއިރާގެ ބޭފުޅުންގެ ތެރެއިން އެ ކޮމެޓީއަށް ކަނޑައެޅި ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ.
ސުއޫދު އިސްތިއުފާ ދެއްވުމުން އެ ކޮމެޓީގައި މިހާރު ތިއްބަވަނީ ކޮމެޓީގެ ރައީސް އަދި ޖޭއެސްސީގެ ނައިބު ރައީސް އަބްދުﷲ ދީދީ އާއި ޖޭއެސްސީގެ މެމްބަރު އަހުމަދު ރަޝީދުގެ އިތުރުން ގާނޫނީ ވަކީލް ހުސައިން ސިރާޖެވެ.
ސުޕްރީމް ކޯޓުން ގޯނާކުރާ ކަމަށް ވިދާޅުވެ ހަމީދުގެ މައްސަލަ ބަލާ ކޮމެޓީން ސުއޫދު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ