އަދާލަތު ޕާޓީއަށް ގާސިމް ރައްދު ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ދިން ފުރުސަތު ބޭނުން ނުކޮށް، އެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރައްވާ ހުރިހާ ދާއިރާތަކަށް ވާދަކުރާނެ ކަމަށް އަދާލަތުން ބުނެފައިވާތީ، އެކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ރައްދު ދެއްވައިފި އެވެ. އަންނަ މަހު 22 ގައި ބާއްވާ މަޖިލީހުގެ އިންތިހާބަށް ޖުމްހޫރީ ޕާޓީން ވާދަކުރައްވާ 28 ކެންޑިޑޭޓުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް ފަހު، މީޑިއާއާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖޭޕީން ކުރިމަތިލާ ހުރިހާ ދާއިރާތަކަށް އަދާލަތުން ވާދަކުރާނެ ކަމަށް ބުނީ، ވިސްނުމެއް ނެތި އަދި މަސްލަހަތަށް ވެސް ބެލުމެއް ނެތި، ޒާތީ ގޮތުން ކަމަށެވެ. އެހެންވެ އަދާލަތުން މަޖިލީހުގެ އިންތިހާބަށް ނުކުންނަ ނުކުތުމަކީ "ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން" ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ރިޔާސީ އިންތިހާބުގައި ޖޭޕީއާއެކު ކޯލިޝަން ހެދި އަދާލަތު ޕާޓީއަށް މަޖިލީހުގެ އިންތިހާބުގެ ހަތަރު ދާއިރާއެއް ޖޭޕީން ހުށަހެޅި އެވެ. ގާސިމް ވިދާޅުވީ އެކަން ގަބޫލު ނުކުރުމުން މަޝްވަރާކުރުމަށް ދިން ފުރުސަތު ވެސް އެ ޕާޓީން ބޭނުން ނުކުރި ކަމަށާއި އެ ފުރުސަތު ތައް ބޭނުން ނުކޮށް، ޖޭޕީން ވާދަކުރާ ހުރިހާ ދާއިރާއަކަށް އަދާލަތުން ކެންޑިޑޭޓުން ނެރޭނެ ކަމަށް ބުނުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އެކަމާ ވަރަށް ދެރަވެވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "[އެހެންވެ] އެކަމުގެ ސަބަބުން [ޖޭޕީއާ މެދު އަދާލަތުން] ޒާތީ ހަސަދަވެރި ކަމެއް އޮތްކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ކެންޑިޑޭޓުން ވެސް ޖޭޕީން ވާދަކުރާ ދާއިރާތަކަށް އަމިއްލަ ގޮތުން ވާދަކުރާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޯލިޝަން ސަރުކާރެއް އޮތްއިރު އެގޮތަށް ކެންޑިޑޭޓުން ނުކުންނެވުމަކީ ދެރަކަމެއް ކަމަށެވެ.  ގާސިމް ވިދާޅުވީ ޖޭޕީން ކެންޑިޑޭޓުން ނެރެނީ ހަމައެކަނި އެ ޕާޓީއަށް ލިބިފައިވާ 28 ދާއިރާއަށް ކަމަށާއި އެއީ ކޯލިޝަންގެ އެއްބަސްވުމަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ކޯލިޝަނެއް ނެތް ނަމަ އެ ޕާޓީގެ ކެންޑިޑޭޓުން ހުރިހާ ދާއިރާއަކަށް ނެރޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ރިޔާސީ އިންތިހާބެކޭ އެއްގޮތަށް މަޖިލީހުގެ އިންތިހާބުގައި ވެސް "އަޅުގަނޑުމެން އެކުގައި މަސައްކަތް ކޮށްގެން ނޫނީ ކާމިޔާބު ލިބުން އޮތީ ދުރުގައި" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން ވާދަކުރާ 13 ދާއިރާއަކީ ހުޅުހެންވޭރު ދާއިރާ، އިނގުރައިދޫ ދާއިރާ، ފަރެސްމާތޮޑާ ދާއިރާ، މަޑުއްވަރީ ދާއިރާ، ކުޑަހުވަދޫ ދާއިރާ، ކެނދިކުޅުދޫ ދާއިރާ، އިސްދޫ ދާއިރާ، މާބައިދޫ ދާއިރާ އެވެ. އޭގެ އިތުރުން ނޮޅިވަރަމް ދާއިރާ އާއި މަކުނުދޫ ދާއިރާ އަދި ވައިކަރަދޫ ދާއިރާ އާއި ކޮމަންޑޫ ދާއިރާ އަށް ވެސް އަދާލަތުން ވާދަކުރެ އެވެ. އަދި ކާށިދޫ ދާއިރާ އާއި މީދޫ ދާއިރާ އަށް ވެސް އަދާލަތުގެ ކެންޑިޑޭޓުން ނެރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ