ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށްދާ އިރު ހުރިހާ ފަރާތްތަކުން ވެސް މަޑުމައިތިރިކަން އިސްކޮށް، ސުލްހަވެރިކަމާ އެކު ގުޅިގެން މަސައްކަތްކުރުމަށް އޮސްޓްރޭލިއާ އިން މިއަދު ގޮވާލައިފި އެވެ.
ސްރީ ލަންކާގައި ހުންނަ އޮސްޓްރޭލިއާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ އިންތިޚާބުގެ ކަންކަން އަވަހަށް ފެށުމަށް އެ ގައުމުން އުއްމީދުކުރާ ކަމަށެވެ. އަދި ދެވަނަ ބުރަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހެދުމަށާއި ގާނޫނާ އެއްގޮތަށް ކުރިއަށްދާ އިންތިޚާބަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އޮސްޓްރޭލިއާ އިން ގޮވާލާފައިވެ އެވެ.
"ރާއްޖޭގައި ކަންތައްތައް ހިނގަމުންދާ ގޮތް ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ކައިރިން ބަލަމުންދާނެ އެވެ،" ބަޔާނުގައިވެ އެވެ.
އޮސްޓްރޭލިއާ އިން ބުނި ގޮތުގައި މި އިންތިޚާބަކީ ފެބްރުއަރީ 7ގައި ވެރިކަން ބަދަލުވި ގޮތާ މެދު "ސުވާލު އުފެދިފައިވާ" އިރު ޑިމޮކްރެޓިކް ނިޒާމު ވަރުގަދަ ކުރުމަށް މުހިއްމު ވޯޓެކެވެ. އަދި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ނުކުންނަ ނަތީޖާ އަށް އިހުތިރާމް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އެ ގައުމުން ބުނެފައިވެ އެވެ.
އަމާންކަމާ އެކު އިންތިޚާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަށް އޮސްޓްރޭލިއާ އިން ގޮވާލާފައިވާ އިރު ދެވަނަ ބުރު ފަސްކުރުމާ މެދު ކަންބޮޑުވާ ކަމަށާއި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގޫރުޕް )ސީމެގް( އިން އަންނަ ހުކުރު ދުވަހު ބާއްވާ ބައްދަލުމުގައި އެ މައްސަލައާ މެދު ބަހުސްކުރަން ޖެހޭ ކަމަށް ކެނެޑާއިން ވަނީ ބުނެފަ އެވެ. އަދި އދ. އާއި އިނގިރޭސިވިލާތުން ވަނީ އިންތިޚާބު ފަސްކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރާ މެދު ކަންބޮޑުވުން ފާޅުކޮށް، އިތުރަށް ލަސްކުރުމެއް ނެތި ދެވަނަ ބުރުގެ ވޯޓު ބޭއްވުމަށް ގޮވާލައިފަ އެވެ.
އިންޑިއާއިން ވެސް ރޭ ބުނެފައިވަނީ ކުރިން ކަނޑައަޅާފައިވާ ގޮތަށް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމާއި އެ އިންތިޚާބުން ހޮވޭ ބޭފުޅަކު ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ނޮވެމްބަރު 11ގައި ހުވާ ކުރެއްވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރާއްޖޭގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށް އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ގައުމުން ބުނެފައިވެ އެވެ.
މީގެ އިތުރުން، ކޮމަންވެލްތުން އިއްޔެ ބުނެފައިވަނީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައިގައި އަވަސް ހުކުމެއް ކުރުމަށާއި ދެވަނަ ބުރުގެ އިންތިޚާބު ލަސްނުކޮށް ބާއްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ޝަރީއަތް ކުރިއަށްދާ އިރު ގާނޫނީ ހަމަތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކުރުމަށް ސިޔާސީ ޕާޓީތަކަށް އެމެރިކާއިން ވަނީ ގޮވާލައިފަ އެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރަކު ސޮއިކުރައްވައި ނެރުއްވި އަމުރުގައި ވަނީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ހުށަހަޅައި ބަލަމުން ދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ ށ. ގެ ދަށުން، އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރުކުރާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ޝަރީއަތް ހިނގާ އިރު ސުލްހަވެރިކަން އިސްކުރުމަށް އޮސްޓްރޭލިއާ އިން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ